ކެރިއަރުގައި ހާސިލުވި އެކައްޗެއް ވެސް ނެތް: ރިމީ ސެން
ކެރިއަރުގައި ހާސިލުވި އެކައްޗެއް ވެސް ނެތް: ރިމީ ސެން

ފިލްމީ ކެރިއަރުގައި މިހާތަނަށް ހާސިލުކުރެވުނު އެއްވެސް އެއްޗެއް ނެތް ކަމަށާއި ކުޅެވުނު ފިލްމުތަކުގެ ތެރޭގައި ވެސް ފަހުރުވެރިވާނެ ކަމެއް ނެތް ކަމަށް ބަތަލާ ރިމީ ސެން ބުނެފި އެވެ.

ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު "ދޫމް" އާއި "ހަންގާމާ" އާއި "ހީރާ ޕޭރީ" އަދި "ގޯލްމާލް" ފަދަ ފިލްމުތަކުގައި މަސައްކަތްކުރި ބަތަލާ އިންޑިއަން އެކްސްޕްރެސް އަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާ ފިލްމު ކުޅެން ފެށި ދުވަސްވަރު މުޅި އިންޑަސްޓްރީގައި ނަގާކިޔާ ބަޔަކީ އެކްޓަރުން ކަމަށެވެ. އެހެންވެ އޭރު ބަތަލާއިންނަށް ކުޅޭނެ މާ ރަނގަޅު ރޯލުތަކެއް ނުލިބޭ ކަމަށް ބުންޏެވެ.

"އަހަރެން ކުޅެފައި ހުރި ފިލްމުތައް މިހާރު ބަލައިލީމަ އިހުސާސްކުރެވެނީ އެ ފިލްމުތަގައި އަހަރެން ބޭނުންކޮށްފައި ހުރީ ހަމަ ފަރުނީޗަރެއް ގޮތަށޭ. ނެތް މާ ބޮޑު ރޯލުތަކެއް،" ރިމީ ބުންޏެވެ. "ތެދަށް ބުނަންޏާ ފިލްމީ ކެރިއަރުގައި އަހަންނަށް ހާސިލުކުރެވުނު އެކައްޗެއް ވެސް ނެތް."

މިހާރު ހާލަކުން ފަހަރަކު ނޫނީ ޕްރޮޖެކްޓަކުން ފުރުސަތެއް ވެސް ނުލި ބޭ ބަތަލާ ބުނިގޮތުގައި މިހާރަށް ބަލައިފި ނަމަ ބަތަލާއިންނަށް އެ މީހުންގެ ހުނަރު ދައްކައިލެވޭ ކަހަލަ ފުރުސަތުތައް ލިބެ އެވެ. އެގޮތުން ސްޓްރީމިން ޕްލެޓްފޯމްތަކަކީ ބަތަލާއިންނަށް ލިބުނު ރަނުގެ ފުރުސަތެއް ކަމަށް ބުންޏެވެ.

ރިމީ، 39، ބުނިގޮތުގައި އޭނާ ފިލްމީ ދާއިރާ އަށް ނުކުތްތާ ކުރީކޮޅު ގިނަ ހުށަހެޅުންތަކެއް ވެސް ލިބެމުން ދިޔަ އެވެ. އެކަމަކު އޭރަކީ އެންމެ ދުވަސްވަރު ކަމަށްވެފައި ފިލްމީ ކެރިއަރަކީ މާ ސީރިއަސްކޮށް ނެގި ކަމެއް ނޫން ކަމަށް ބުންޏެވެ.

"ބުނެވިދާނެ އަހަރެން އޭރު ދާއިރާގައި އުޅުނީ ފައިސާ ލިބޭތީއޭ،" ރިމީ ބުންޏެވެ.

އޭނާ އަށް މި ފަހުން ހާލަކުން ފަހަރަކު ނޫނީ ޕްރޮޖެކްޓަކުން ފުރުސަތެއް ނުލިބެ އެވެ. ރިމީ އެންމެ ފަހުން ކުޅުނު ފިލްމަކީ 2011 ގެ "ޝަގްރިދު" އެވެ. އޭނާ ކުޅުނު އިތުރު ފިލްމުތަކުގެ ތެރޭގައި "ކިޔު...ކީ" އާއި "ދީވާނޭ ހުއޭ ޕާގަލް" އާއި "ގަރަމް މަސާލާ" އާއި އަދި "ތޭންކް ޔޫ" ހިމެނެ އެވެ.

ރިމީ ވަނީ 2015 ގައި "ބިގް ބޮސް" ނުވަ ވަނަ ސީޒަނުގައި ވެސް ވާދަކޮށްފަ އެވެ. އެ ދުވަސްވަރު އޭނާގެ ފަރާތުން އެ ޝޯގައި މާ ޝައުގުވެރި ކަންތައްތަކެއް ނުފެނި "ވަރަށް ކަންނެތް، ފޫހި" ބައިވެރިއެއްގެ ގޮތުގައިި ސިފަކޮށް ބޮޑެތި ފާޑުކިޔުންތަކެއް ވެސް އަމާޒުވެފައިވެ އެވެ.

ފަހުން ޝޯއިން ވަކިވުމުން ރިމީ ބިގް ބޮސްގެ ދަތުރު ސިފަކުރީ "ޕެއިޑް ހޮލިޑޭއެއް" ގެ ގޮތުގަ އެވެ.