10 އެޕްރީލް 2021 - 11:05

ބ. ތުޅާދޫގައި ދިރިއުޅޭ، ރ، އިނގުރައިދުއަށް ނިސްބަތްވާ މީހެއްގެ މައުލޫމާތު އަޕްޑޭޓް ނުކުރެވިގެން އޭނާގެ ވޯޓު ލުމުގެ ހައްގު ގެއްލިއްޖެ އެވެ.
އިނގުރައިދޫގެ އެ ޒުވާނާ ތުޅާދޫގައި ދިރިއުޅޭތާ ކިތަންމެ އަހަރެއް ވެއްޖެ އެވެ. އޭނާގެ ރަޖިސްޓްރީ ވެސް މިހާރު ވަނީ ތުޅާދުއަށް ބަދަލުކޮށްފަ އެވެ. އެކަމަކު އެ މައުލޫމާތު އިލެކްޝަންސް ކޮމިޝަނުން އަޕްޑޭޓްކޮށްފައި ނުވުމުން، ވޯޓުލާން އޮތީ އިނގުރައިދުއަށެވެ. ތުޅާދުއަކަށް ވޯޓެއް ނުލެވުނެވެ.
"ދެން ކިހިނެއްތޯ އިނގުރައިދުއަށް ދާނީ ވެސް. ވޯޓު ނުލެވުނަސް ނުދާނަން،" އޭނާ ބުންޏެވެ.
ތުޅާދުއަށް ދިރިއުޅުން ބަދަލުކޮށްފައިވާ އެ ޒުވާނާއަށް ވަނީ އެ ރަށުން ރޯހައުސްއެއް ލިބިފަ އެވެ. އެކަމަކު އެ އިމާރާތް ލިބެނީ ތުޅާދޫގެ ދަފުތަރުގައި ޖެހިގެން ކަމުން އެކަން ކުރުމަށް ފަހު، އޭނާ ވަނީ އައިޑެންޓިޓީ ކާޑު ބަދަލުކުރުމަށް މީގެ ދޮޅުމަސް ކުރިން ނެޝަނަލް ރަޖިސްޓްރޭޝަން ޑިޕާޓްމެންޓަށް ފޮނުވައިފަ އެވެ.
ރީ-ރަޖިސްޓްރީ ވުމަށް އިލެކްޝަންސް ކޮމިޝަނުން ފުރުސަތު ހުޅުވާލީ އޭގެ ފަހުންނެވެ. ތުޅާދޫގެ ދަފުތަރުގައި ޖެހިފައިވުމުން، އުއްމީދުކޮށްގެން ހުރީ، އޭނާގެ މައުލޫމާތު ބަދަލުކުރުމަށް އެންޑީއޭއަށް ފޮނުވާފައިވުމުން، އެހާ ހަމައަށް މައުލޫމާތު އަޕްޑޭޓް ވާނެ ކަމަށެވެ. ނުވި ނަމަވެސް، އެހެން ތަނެއްގައި ރީ-ރަޖިސްޓްރީ ވާކަށް އޭނާގެ އަތުގައި އައިޑީ ކާޑެއް ނެތެވެ. އައިޑީ ކާޑު ހޯދުމަށް އެތައް ފަހަރަކު އެތަނަށް ގުޅައި މަސައްކަތް ކުރި އެވެ.
އެންމެ ފަހުން އައިޑީ ކާޑު ލިބުނީ، ދޮޅު މަސް ފަހުން މިދިޔަ މަހު 25ގަ އެވެ. އޭގައި އޮތީ ތުޅާދޫ މީހެއް ކަމަށެވެ. އެކަމަކު އެ ކާޑު ހިފައިގެން ތުޅާދޫ ވޯޓު ލާ މަރުކަޒަށް ދިޔުމުން ވޯޓެއް ނުލެވުނެވެ.
"އަޅުގަނޑު ވޯޓުލާން އޮތީ އިނގުރައިދު އަށް. އެކަމަކު މި މައުލޫމާތު އަޕްޑޭޓް ނުކުރެވުނީ އަޅުގަނޑުގެ ސަބަބަކުން ނޫން ދެއްތޯ،" އެ ޒުވާނާ ބުންޏެވެ.
މި ޝަކުވާ މިހާރު ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފަ އެވެ. އެކަމަކު އެ ތަނުން އޭނާއަށް ދިން ޖަވާބަކީ، ރީ-ރަޖިސްޓްރީ ކުރުމަށް އެކަށީގެންވާ ވަގުތު ދިން ކަމަށެވެ.