10 އެޕްރީލް 2021 - 10:01

އައިމިނަތު ޝިފްލީން ކުރިން ހުރީ ވޯޓު ނުލާށެވެ. ކައުންސިލް އިންތިހާބުގައި އޭނާގެ މަންމަ އާއި އާއިލާގެ ބައެއް މީހުން ވާދަކުރާތީ، ވޯޓު ނުލައިފިއްޔާ ވެސް އެކަން އެބަ އެނގެ އެވެ. އަނެއްކޮޅުން ވޯޓު ލިޔަސް، ވޯޓު ލީ ކާކަށް ކަން ވެސް އެބަ އެނގެ އެވެ.
"އެހެންވެ މި ނިންމީ ވޯޓު ލާން. އެކަމަކު އަހަރެންގެ ވޯޓު ސިއްރެއް ނުވާނެ،" ހދ. މަކުނުދު އަށް އުފަން، އެކަމަކު މިހާރު އެހެން ރަށެއްގައި ދިރިއުޅެމުން އަންނަ "މިހާރު"ގެ ނޫސްވެރިޔާ ޝިފްލީން ބުންޏެވެ.
އޭނާއެކޭ އެއްގޮތަށް، ވޯޓު ސިއްރުކަން ނުހިފޭއްޓޭ 8،000 އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ. އެހެން ހުރިހާ އިންތިހާބަކާ ހިލާފަށް ލޯކަލް ކައުންސިލްް އިންތިހާބުގައި ދިމާވާ އެންމެ "ކަޑަ" ކަމަކީ ވެސް ރަށް ނޫން އެހެން ރަށްރަށުގައި ދިރިއުޅޭ މީހުންގެ ވޯޓު ސިއްރު ނުވުމުގެ މައްސަލަ އެވެ. ރިސޯޓްތަކާއި ރާއްޖެ އިން ބޭރުގައި އުޅޭ ވަރަށް ގިނަ މީހުންނަށް މި މައްސަލަ ވަނީ ކުރިމަތިވެފަ އެވެ. ގާނޫނުއަސާސީގައި، އާންމު އިންތިހާބުތަކުގައި ލާން ވާނީ ސިއްރު ވޯޓެއް ކަމަށް ބުނެފައި އޮތަސް، އެކަން އެހެން ކުރެވޭނެ ގޮތެއް ހަގީގަތުގައި ނުވެސް ނެތެވެ.
އެކަމަކު ޝިފްލީން އެންމެ ފަހުން ނިންމީ ވޯޓު ލާށެވެ. ސަބަބަކީ، އާއިލީ މަސްލަހަތު ހިމާޔަތް ކުރުމެވެ. އޭގެ ކުރިން ވޯޓު ސިއްރު ކުރެވޭނެ ގޮތެއް އޮތްތޯ ވެސް އޭނާ ބެލި އެވެ.
"ފުރަތަމަ ބެލީ މި އަތޮޅުގެ އެހެން ރަށެއްގައި އަހަރެމެން ރަށު މީހަކު އުޅޭތޯ. އެއްވެސް ރަށަކު ނެތް. ދެން ބެލީ މާލެ ގޮސްގެން އެކަން ވޭތޯ. އެކަމަކު ކޮވިޑާ ހެދި މާލެ ގޮސް ކުޑަ ދަރިޔަކު ގޮވައިގެން އެކަން އެހެން ވާކަށް ނެތް. އެނބުރި މިކޮޅަށް އައިސް ކަރަންޓީން ވެސް ވާން ޖެހޭ. ދެން އޮތީ ރަށަށް ދިއުން. ރަށަށް ވެސް މި ދެވެނީ މާލެ ގޮސް، ކުޅުދުއްފުއްޓަށް ވެސް ގޮސްގެން،" އޭނާ ބުންޏެވެ.
މި ހާލަތް ހަމަ މިކަހަލަ ގޮތަކަށް ކުރިމަތިވެފައިވާ މީހުން މިފަހަރު ގިނަ އެވެ. މީގެ ކުރިން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުތަކުގައި "ސިއްރުކަން ހިފަހައްޓަން" އޮތް ފުރުސަތު ކޮވިޑާ އެކު ވަނީ ވަރަށް ބޮޑަށް ހަނިވެފަ އެވެ. އެހެންވެ، ބައެއް މީހުން ވޯޓު ލާނެ ކަމަކަށް ނުބެލެވެ އެވެ.
ވޯޓުގެ ސިއްރުކަން ގެއްލޭ 8،000 އަށް ވުރެ ގިނަ މީހުން އެހެން ތަންތަނަށް ބަދަލު ކޮށްގެން ސިއްރު ހިފެހެއްޓޭތޯ ވެސް އީސީން އެންމެ ފަހު ވަގުތު މަސައްކަތް ކުރި އެވެ. އެ މީހުންނަށް ރީރެޖިސްޓްރީ ކުރުމުގެ އިޚުތިޔާރު ވެސް ދިނެވެ.
ރާއްޖޭގައި މިއަދު ފެށި އެންމެ ބޮޑު އިންތިހާބުގެ ވޯޓު ލުން ހެނދުނު 7 ޖެހީއްސުރެ އަންނަނީ ކުރިއަށެވެ. އެކަމަކު އެހެން އިންތިހާބުތަކާ ހިލާފަށް، ހަތަރު ގަޑިއިރުވީ އިރު ވެސް މާ ބޮޑު ފޯރިއެއް ނެތެވެ. މާލެތެރެ އަށް ބަލާލުމުން ވޯޓެއް ލާ ކަމުގެ މާ ބޮޑު އިހުސާސެއް ވެސް ނެތެވެ.