ގުނީތު ޝަރުމާގެ ހުވަފެނަކީ ސަލްމާން ޚާންގެ ބައޮގްރަފިކަލް ޑްރާމާ ކުޅުން
ގުނީތު ޝަރުމާގެ ހުވަފެނަކީ ސަލްމާން ޚާންގެ ބައޮގްރަފިކަލް ޑްރާމާ ކުޅުން

އެކްޓިން ކެރިއަރުގައި ދެކޭ އެންމެ ބޮޑު ހުވެފަނަކީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާންގެ ބައޮގްރަފިކަލް ޑްރާމާގައި ސަލްމާންގެ ރޯލު ކުޅުން ކަމަށް ޒުވާން އެކްޓަރު ގުނީތު ޝަރުމާ ބުނެފި އެވެ.

"އުޅާން" އާއި "އިންޓަނެޓް ވާލާ ލަވް" އަދި "ކުމްކުމް ބަގިއާ" ފަދަ ސިލްސިލާތަކުގައި މަސައްކަތްކޮށްފައިވާ 27 އަހަރުގެ އެކްޓަރު ޓެލީ ޗައްކަރަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާ އަކީ އަބަދު ވެސް ސަލްމާންގެ ބޮޑު ފޭނެއް ކަމަށެވެ. އެހެންވެ އޭނާގެ ރޯލު ފިލްމެއްގައި ކުޅެލުމަކީ އަބަދު ވެސް ދެކޭ ހުވަފެނެއް ކަމަށް ބުންޏެވެ.

"އަދި ސަލްމާންގެ ބައޮޕިކެއް ހަދާ ނަމަ އެ ފިލްމު ރާޖްކުމާރު ހިރާނީ ޑައިރެކްޓްކުރުމަކީ އަހަރެން ވަރަށް ދެކެން ބޭނުންވާ ކަމެއް. ހިރާނީ އަކީ ޑައިރެކްޓަރުންގެ ތެރެއިން އަހަންނަށް އެންމެ ކަމުދާ ޑައިރެކްޓަރު،" ސިލްސިލާ "އަލައްދިން: ނާމް ތޯ ސުނާ ހޯގާ" އިން އާންމުންގެ ސަމާލުކަން ހޯދި ގުނީތު ބުންޏެވެ.

ސަލްމާންގެ ބައޮޕިކެއް ކުޅެން ގުނީތު ހުވަފެން ދެކުނަސް އެއީ ބިލާހަކަށް ނޫނީ ނުވާނެ އެވެ. ސަބަބަކީ އެފަދަ ފިލްމެއް ހަދަން ސަލްމާން ރުހުން ނުދޭނެތީ އެވެ. މީގެ ކުރިން ވެސް އޭނާގެ ބައޮގްރަފިކަލް ޑްރާމާ ހެދުމުގެ ވާހަކަތަކެއް ދެކެވިފައިވެ އެވެ. ނަމަވެސް އޭނާގެ ވާހަކަ ފިލްމެއްގައި ކިޔައިދޭން ބޭނުން ނުވާ ކަމަށާއި އެ ފުރުސަތު ވެސް ނުދޭނެ ކަމަށް ސަލްމާން ބުނެފަ އެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ސަލްމާނަށް ބިނާކޮށް ފިލްމެއް ހަދަން ހުއްދަ ނުދޭނެ ސަބަބަކީ އޭނާގެ ހަޔާތުގައި މީހުންގެ ރުޅި އާއި ނަފުރަތު ލިބޭ ކަހަލަ ކިތަންމެ ކަމެއް ކުރެވިފައިވާތީ، ފިލްމެއް ހަދައިފި ނަމަ އެއިން އޭނާގެ އިމޭޖް ހަރާބުވުން ނޫން ކަމެއް ނުވާނެތީ އެވެ.

އިންޑިއާގެ އެންމެ ހުނަރުވެރި ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ހިރާނީ ވަނީ 2018 ގައި ސަންޖޭ ދަތުގެ ބައޮގްރަފިކަލް ޑްރާމާއެއް "ސަންޖޫ" ގެ ނަމުގައި ގެނެސްދީފަ އެވެ. އޭގައި ސަންޖޭގެ ރޯލު ކުޅުނީ ރަންބީރް ކަޕޫރެވެ.

ގުނީތު ބުނިގޮތުގައި އެކްޓިން ކަހަލަ ދާއިރާއެއްގައި މަސައްކަތްކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. އަދި ކުރިއަށް ދެވޭނީ ވަރަށް ބުރަކޮށް މަސައްކަތްކުރާ މީހަކަށް ކަމަށް ބުންޏެވެ، އޭނާ ސަލްމާންގެ ރޯލު ކުޅެން ޝައުގުވެރިކަން ފާޅުކޮށްފައިވާ އިރު ބުނީ ޕަންޖާބުން މުމްބާއީ އަށް ދިރިއުޅުން ބަދަލުކުރީ އެކްޓަރަކަށްވުމުގެ އުންމީދުގައި ނޫން ކަމަށެވެ.

"އަހަރެން ބޭނުންވީ އަބަދު ވެސް ލަވަކުންތެރިއަކަށްވާން. އެކަމަކު ތަގުދީރު އަހަރެން ގެންގޮސް ވައްޓާލީ އެކްޓިންގެ ތެރެއަށް،" ޕަންޖާބުގައި "ޕާޕާ ޗިކެން" ކިޔާ އަމިއްލަ ރެސްޓޯރަންޓެއް ވެސް މިހާރު ހިންގާ ގުނީތު ބުންޏެވެ. "އެކަމަކު އަދިވެސް ކޮންމެވެސް ދުވަހަކުން ލަވަކިޔުންތެރިއަކަށް ވެވޭނެކަމުގެ އުންމީދު ދޫކޮށެއް ނުލަން."