11 އެޕްރީލް 2021 - 08:13

ކަލާޒް ޗެނެލުން ގެނެސްދޭ ރިއަލިޓީ "ބިގް ބޮސް" އަކީ ފޭކެއް ކަމަށް، އެ ޝޯގެ އެންމެ ފަހުގެ ސީޒަނުގައި ވާދަކުރި ކަވީތާ ކޯޝިކް ބުނެފި އެވެ.
ފޭނަކު ކުރި ޓްވީޓެއްގައި ވަނީ އޭނާ ގަބޫލުކުރާ ގޮތުގައި އެ ޝޯގެ ސަބަބުން ކަވީތާގެ މޫނުމަތި އާންމުންގެ ތެރޭގައި ހަރާބުވެފައިވާ ކަމަށެވެ. ޓީވީ ބަތަލާ އެ ޝޯގައި ބައިވެރި ނުވި ނަމަ މާ ރަނގަޅުވީސް ކަމަށް ބުނެފަ އެވެ.
އެއަށް ރައްދު ދެމުން ކަވީތާ ބުނީ ފޭކް ޝޯއެއް ބަލާފައި ބަޔަކު އޭނާ ޖަޖްކުރިޔަސް ފަރުވާލެއް ނެތް ކަމަށެވެ.
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާން ހޯސްޓްކުރާ "ބިގް ބޮސް" ގެ 14 ވަނަ ސީޒަނުން ކަތީވާ އަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ފުރުސަތު ލިބުނީ ވައިލްޑް ކާޑްގެ ދަށުންނެވެ.
ޝޯއިން ފުރުސަތު ލިބުނުތާ މާ ގިނަ ދުވަހެއް ނުވަނީސް އޭނާ އަށް ޝޯއިން ކަޓައިގެން ދިޔަ އެވެ. އެއީ އެކްޓަރު އިޖާޒް ޚާނާ ބެހޭ ގޮތުން ދެއްކި ވާހަތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތަކެއް ވެސް އަމާޒުވުމާ ގުޅިގެންނެވެ.
ނަމަވެސް ޝޯއިން ނެރެލިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަލުން ކަވީތާ އަށް "ބިގް ބޮސް" އިން ފުރުސަތު ލިބުނެވެ. މި ފަަހަރު ވެސް އޭނާ އަށް ޝޯގައި ހިފަހައްޓާލެވޭ ގޮތެއް ނުވި އެވެ. އެގޮތުން 14 ވަނަ ސީޒަން ކާމިޔާބުކުރި ރުބީނާ ދިލައިކާ ދެމެދު ހިނގި ޒުވާބުގަނޑެއް ހޫނުވެ، ރުޅި ކޮންޓްރޯލް ނުވެގެން ކަވީތާ ވަނީ އަމިއްލަ އަށް ޝޯ ދޫކޮށް ގޮސްފަ އެވެ.
"ބިގް ބޮސް" އިން އޭނާ ފެނުނީ ވަރަށް ރުޅިގަދަ ރުންކުރިު އެހެން ބައިވެރިން ދަށްކޮށްލަން އެކި ކަހަލަ ބަދުބަސްތައް ބުނަން އާދަވެފައިފާ ބައިވެރިއެއްގެ ގޮތުގަ އެވެ. މިކަމާ ހެދި ޝޯގެ ތެރޭގައި ކަވީތާ އާއި އެއްވެސް ބައިވެރިޔަކާ ދެމެދު މާ ރަނގަޅު ގުޅުމެއް ވެސް އުފެދިފައެއް ނުވެ އެވެ.
ކަވީތާ އަކީ ޓީވީ ސިލްސިލާ "އެފްއާރްއައި" ގައި ފުލުހެއްގެ ރޯލު ކުޅެގެން އާންމުންގެ ސަމާލުކަން ހޯދި ފަންނާނެކެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ފެށި "ބިގް ބޮސް 14" ނިންމާލާފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. މި ޝޯގެ 15 ވަނަ ސީޒަން މި އަހަރުގެ ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރުގައި ގެނެސްދޭނެ އެވެ. އެ ސީޒަނުގައި ވާދަކުރާނެ ކަމަށް ބުނާ ބައެއް ފަންނާނުންގެ ވާހަކަ މިހާރު ވެސް މީޑިއާތަކުގައި އަންނަނީ ދެކެވެމުންނެވެ.