10 އެޕްރީލް 2021 - 07:24

ޑރ. މުއިއްޒު: ޕީޕީއެމް އާއި އެހެން ޕާޓީތަކުން ވެސް ހޮވުނު ކައުންސިލަރުންނާ އެކު ޓީމެއްގެ ގޮތުގައި ނަތީޖާ ނެރެދީ، ސަރުކާރާ އެކު މަސައްކަތް ކޮށް ނަތީޖާ ނެރުން އެއީ އަޅުގަނޑު ކުރާނެ ކަމަކީ. އަޅުގަނޑުމެން އެބަ ވާން ޖެހޭ އެކުވެރި ބަޔަކަށް. މާލޭގެ ހާލަތު ރަނގަޅުކުރެވޭނީ ސިޔާސީ ހިޔާލު ތަފާތުތައް ނައްތާލެވިގެން. އެ ހިޔާލު ތަފާތުވުން އެއީ މާލޭގެ ތަރައްގީ އަށް އެޅޭ ހުރަހަކަށް ވެގެން ނުވާނެ.

ޑރ. މުއިއްޒު: މާލޭގެ ގެދޮރުގެ މައްސަލައިގެ ވާހަކަ އަޅުގަނޑު ދެއްކިން. ރައްޔިތުން މި ދެއްކީ ގުޅިފަޅަކީ މާލޭގެ ގޯތި ގެދޮރުގެ ތަނެކޭ. އަޅުގަނޑަށް މިމަގާމު ހަވާލުވާ ދުވަހުން ފެށިގެން އެ މަސައްކަތް އަޅުގަނޑު ފަށާނަން. އަޅުގަނޑުގެ ޒިންމާއަކަށް ވާނީ ރައްޔިތުންގެ ބަސް ތެދަކަށް ހަދައިދިނުން. އެކަން އަޅުގަނޑު ކޮށްދޭނަން.

ޑރ. މުހަންމަދު މުއިއްޒު: މާލޭގެ ރައްޔިތުންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަރިސްކުރަން. ސަބަބަކީ އަޅުގަނޑު ކުރިމަތިލީ މާލޭގެ މައްސަލަތައް ހައްލު ކުރަން. އެކަން ކުރެވޭނެ ކަމުގެ ޔަގީންކަން އޮތީމަ ތިޔަ ބޭފުޅުން ކައިރިއަށް އައީ. އެ އިތުބާރު ކުރެއްވީތީ އަމާނާތްތެރިކަމާ އެކު އެކަން އަދާކުރާނަން. ކުޑަ ވެސް ޝައްކެއް ކުރައްވާނެ ކަމެއް ނެތް. ސަރުކާރާ އެކު މަސައްކަތްކުރާ، އަދި މާލޭ ރައްޔިތުންނާ އެކު މަސައްކަތް ކުރާ މީހަކަށް އަޅުގަނޑު ވާނެ.

އަބްދުއްރަހީމް: ރައީސް ޔާމީން މި ގައުމަށް ގެނެސްދެއްވި ތަރައްގީ ރައްޔިތުން ބަލައިގެންފި. ވައްކަމަށް ނޫނެކޭ މި ބުނީ. ރައްޔިތުން ގޮތް ނިންމައިފި. ރައްޔިތުންގެ ނިންމުމާ އެކު މި ވަގުތުން ވަގުތަށް ރައީސް ޔާމީން ދޫކޮށްލާ.

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ: މިއަދަކީ ތާރީހީ ދުވަހެއް ކަމަށް. ރައްޔިތުން ބުނަނީ އަޅުވެތިވާން ދޫކޮށްލަން ބޭނުން ނުވާ ކަމަށް. ރައްޔިތުންގެ މިއަދު ބޮޑުތަނުން ނޫނެކޭ ބުނެފި. ސަރުކާރުން ރައްޔިތުންގެ އަޑު އަހާ. ރައްޔިތުން ތިޔަ ދެއްވީ ވަރަށް ބޮޑު އިތުބާރެއް.

ޕީޕީއެމުން ނޫސްވެރިންގެ ބައްދަލުވުމެއް އެބަ ބާއްވާ. ޕީޕީއެމް/ ޕީއެންސީގެ އިސް ބޭފުޅުން މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާ.

އެމްޑީޕީގެ ފުރިހަމަ ބާރު އޮންނަ މާލޭގެ މޭޔަރުކަން އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައިފި.

މި ފަހަރުގެ ލޯކަލް އިންތިޚާބުގައި އައްޑޫގެ ހުރިހާ ގޮނޑިއެއް އެމްޑީޕީއަކަށް ނުލިބުނު. ނަތީޖާތަކަށް ބަލާއިރު، މޭޔަރުގެ ގޮނޑިއާ އެކު އެމްޑީޕީ އަށް ނެގުނީ އައްޑޫގެ އަށް ގޮނޑި. ދެން ކާމިޔާބުކުރީ އިދިކޮޅު ޕީޕީއެމްގެ ދެ ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރި ތިން ކެންޑިޑޭޓުން. ޕީޕީއެމަށް ލިބުނީ ފޭދޫ މަގުއްދޫ ދާއިރާ އާއި މީދޫ ދާއިރާގެ ގޮނޑި.

މާލެ ފިޔަވައި އަނެއް ތިން ސިޓީގެ މޭޔަރަކަށް އިންތިޚާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓުން. މާލޭގެ މޭޔަރަކަށް ހޮވޭނީ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުއިއްޒުކަން މިހާރު ވަނީ ގާތްގަނޑަކަށް ކަށަވަރު ވެފައި.

ފުވައްމުލަކުގެ ދެ ގޮނޑި ފިޔަވައި ހުރިހާ ގޮނޑިއެއް ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓުން. އެ ސިޓީގެ މޭޔަރުކަމަށް ވެސް އިންތިހާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓް އިސްމާއިލް ރަފީގް. ފުވައްމުލަކުން ޕީޕީއެމަށް ނެގުނީ ހުޅަނގު އުތުރާއި މެދު ދެކުނު ދާއިރާގެ ގޮނޑި.

ގަލޮޅު ދެކުނު ދާއިރާގެ ގޮނޑި ވެސް ކާމިޔާބު ކުރެވީ ޕީޕީއެމްގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު (އިބޫ). މިހާތަނަށް ބަލާއިރު، މާލޭ ސިޓީ ކައުންސިލްގެ ހަތަރު ގޮނޑިއެއް އިދިކޮޅުން ވަނީ ނަގާފައި. އެއީ ގަލޮޅު ދެކުނާއި ހުޅުމާލެ އާއި މާފަންނު ދެކުނާއި މާފަންނު މެދުގެ ގޮނޑި.

މާފަންނު ދެކުނު ދާއިރާގެ ގޮނޑި ވެސް ކާމިޔާބުކުރީ ޕީޕީއެމްގެ ކެންޑިޑޭޓު އަބްދުﷲ ނާސިރު. އެ ނަތީޖާއާއެކު، މާލޭ ސިޓީ ކައުންސިލްގައި އެ ދާއިރާ ތަމްސީލް ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ޝަރީފް (ލޯންގޭ) ވެސް ވަނީ ކަޓާފައި.

ކުޅުދުއްފުށީގައި ކުރީގައި އުޅުއްވަނީ އެމްޑީޕީގެ ކެންޑިޑޭޓުން.

މާލޭގެ ދާއިރާތަކަށް ބަލާއިރު ހުޅުމާލެ ދާއިރާ އާއި މާފަންނު މެދު ދާއިރާގެ ގޮނޑި ކާމިޔާބު ކޮށްފައި ވަނީ އިދިކޮޅު ކެންޑިޑޭޓުން. ހުޅުމާލެ ދާއިރާގެ ގޮނޑި ޕީޕީއެމްގެ ނައިބު ރައީސް ޝުޖާއު ވަނީ ކާމިޔާބު ކުރައްވާފައި. އަދި މާފަންނު މެދު ދާއިރާގެ ގޮނޑި ނެންގެވީ ޕީޕީއެމްގެ ކައުންސިލް މެމްބަރު އަހުމަދު ނަރީޝް.

ޕީޕީއެމްގެ ޓިކެޓުގައި ހުޅުމާލެ ދާއިރާ އަށް ވާދަކުރެއްވި އިބްރާހިމް ޝުޖާއު ވެސް އިންތިހާބު ކޮށްފި ކަމަށް އެ ޕާޓީން ބުނެފި. ޕީޕީއެމްގެ މެމްބަރުން މިހާރު ދަނީ ޝުޖާއު އަށް މަރުހަބާ ކިޔަމުން. ޝުޖާއުއާ ވާދަކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު ރިޒްނާ ޒަރީރު.

މާލޭގެ މޭޔަރުކަމުގެ އިންތިހާބުގެ ފަހުގެ ނަތީޖާ އަށް ބަލާއިރު 64 ޕަސެންޓުގެ ވޯޓާއެކު ކުރީގައި އުޅުއްވަނީ ޑރ. މުއިއްޒު. އެމްޑީޕީގެ ކެންޑިޑޭޓު އަނަސް އަށް އަދި ލިބިވަޑައިގެންފައި ވަނީ 34 ޕަސެންޓު ވޯޓު. އަލްހާނަށް ލިބިވަޑައިގަތީ އެއް ޕަސެންޓު ވޯޓު.

މޭޔަރުންގެ ގޮނޑި އަށް ބަލާއިރު، މިހާތަނަށް އެމްޑީޕީ އަށް އެންމެ ޔަގީން ނަތީޖާއެއް ދައްކަނީ އައްޑު އާއި ފުވައްމުލަކުން. އެމްޑީޕީގެ ޓިކެޓުގައި އައްޑޫގެ މޭޔަރުކަމަށް ވާދަކުރެއްވި އަލީ ނިޒާރަށް އެ ގޮނޑި ވަނީ ގާތްގަނޑަކަށް ކަށަވަރު ވެފައި. އައްޑޫގެ ވޯޓުފޮށިތައް އަދި އެއްކޮށް ގުނައި ނުނިމޭ. ފުވައްމުލަކުގެ މޭޔަރުގެ އިންތިޚާބުގައި ކުރީގައި އަދި އުޅުއްވަނީ އެމްޑީޕީގެ ކެންޑިޑޭޓް އިސްމާއިލް ރަފީގް. މިހާތަނަށް ބަލާއިރު، އެމްޑީޕީ އަށް އެންމެ މުހިންމު ގޮނޑި މާލޭގެ މޭޔަރުކަމުގެ ވޯޓުގައި ކުރީގައި އުޅުއްވަނީ އިދިކޮޅު ކެންޑިޑޭޓު ޑރ. މުއިއްޒު.
ބައެއް ވޯޓުފޮށިތަކުން އެމްޑީޕީގެ މައްޗަށް އިދިކޮޅު ޕީޕީއެމް ކުރި ހޯދާނެ ކަމަށް ބެލެވެން ފަށައިފި. އޭގެ ތެރޭގައި މާލޭގެ މޭޔަރުކަމާއި ހުޅުމާލޭގެ ދާއިރާ ހިމެނޭ. މިހާތަނަށް ބަލާއިރު މާލޭގެ މޭޔަރުކަމުގެ އިންތިޚާބުގައި ކުރީގައި އުޅުއްވަނީ ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުއިއްޒު. ހުޅުމާލޭގެ ދާއިރާ އިން ވެސް ކުރީގައި އުޅުއްވަނީ ޕީޕީއެމްގެ ކެންޑިޑޭޓު އިބްރާހިމް ޝުޖާއު. މީގެ އިތުރުން މިހާރު މާލޭ ސިޓީ ކައުންސިލްގައި ތިއްބެވި އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ކަޓާފައި.
މިއަދު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާތައް އިއުލާންކުރަން ފަށައިފި. ގިނަ މީހުންގެ ލޯ އަމާޒުވެފައި ވަނީ ސިޓީތަކުގެ މޭޔަރުކަމުގެ ގޮނޑި ކާމިޔާބު ކުރައްވާނެ ބޭފުޅުންނަށް. މިހާތަނަށް ދައްކާ ގޮތުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އެމްޑީޕީގެ އަނަސް އަބްދުއްސައްތާރާއި ޕީޕީއެމްގެ ކެނޑިޑޭޓް ޑރ. މުހަންމަދު މުއިއްޒު އުޅެނީ ވަރަށް ވާދަވެރިކޮށް. ބައެއް ވޯޓު ފޮށިތަކުން މުއިއްޒު ވަނީ ތަފާތު ބޮޑުކޮށްފައި. މިހާތަނަށް ގުނި ވޯޓުތަކުން ބައެއް ކައުންސިލަރުންނާއި އަންހެނުންގެ ކޮމެޓީގެ ގޮނޑިތައް ވެސް ވަނީ ކަށަވަރުކޮށްފައި. އެހެން ނަމަވެސް، މޭޔަރުންނާއި ސިޓީ ކައުންސިލަރުންގެ ގޮނޑިތައް އަދި ކަށަވަރެއް ނުވޭ.
މިހާރު ވަނީ އިތުރު ފޮށިތަކެއް ބަންދުކޮށްފައި. 53 ފޮއްޓެއްގެ ވޯޓު މިހާރު އަންނަނީ ގުނަމުން
އީސީން ދެންމެ ވަނީ 6:40 އާ ހަމަ އަށް ވޯޓު ދިން މީހުންގެ އަދަދުތައް ހާމަކޮށްފައި. އެއީ ޖުމްލަ 178،280 މީހުން. އޭގެ ތެރޭގައި 90،134 ފިރިހެނުންނާއި 88،146 އަންހެނުން ހިމެނޭ. މިހާރު ވަނީ 442 ފޮށި ވަނީ ބަންދުކޮށްފައި. އަދި 17 ފޮއްޓެއްގެ ވޯޓު ގުނުން ވަނީ ފަށާފައި.
ވޯޓުލާން ކަނޑައަޅާފައިވާ ވަގުތު 6:00 އަށް ހަމަވި އިރު ވޯޓު ލާން މީހުން ނެތް ފޮށިތައް މިހާރު ވަނީ ބަންދުކޮށްފައި. ވަގުތު ޖެހުނުއިރު ކިއޫގައި ތިބި މީހުން ވޯޓުލާން ފުރުސަތު ދޭނެ. އެކަމަކު މިހާރު ވަނީ ކިއުތައް ބަންދުކޮށްފައި.
ފުލުހުން ބުނީ އެއީ ސިކުނޑި ހަމަނުޖެހޭ މީހެއް ކަމަށް. އަދި އާއިލާއާ ވާހަކަ ދެއްކުމަށް ފަހު އެ މީހާ ދޫކޮށްލާނެ ކަމަށް ފުލުހުން ބުނި
ވިލިމާލޭގައި ވޯޓިން ސެންޓަރެއްގައި ރަޖިސްޓްރީ ނުކޮށް ވޯޓުލާން ގޮސް ހުރި މީހަކު އަޑުގަދަ ކުރުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި
ވޯޓު ލުން ކުރިއަށް ދާނީ މިއަދުހަވީރު 6 ޖަހަންދެން. އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި ހަވީރު 6 ޖެހުމާ އެކު ވޯޓު ފޮށިތައް ބަންދުވާނެ. މިހާރު ބައެއް ވޯޓު ފޮށިތައް ކައިރީގައި ކުދިކުދި ކިޔޫތައް އެބައޮތް. އެކަމަކު ޖުމްލަކޮށް މާ ގިނަ މީހުން ސެންޓަރުތައް ކައިރިއަކު ނެތް.
ސިއްދީގު ވިދާޅުވީ މިހާތަނަށް އީސީ އަށް އެއްވެސް މައްސަލައެއް ހުށަހަޅާފައި ނުވާނެ ކަމަށް. އެކަމަކު ލިބިފައިވާ ހެކިތަކަށް ބަލައި، އެ މައްސަލަތައް ޖައްސާނެ ކަމަށް އޭނާ ވިދާޅުވި.
ސިއްދީގު ވިދާޅުވި ގޮތުގައި އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ވަނީ ވޯޓު ފޮށި ހުރި ސަރަހައްދުގައި ވެސް ކެމްޕޭން ކޮށްފައި. އޭނާ ވިދާޅުވި ގޮތުގައި މިއީ އީސީން ލޯ މަރާލައިގެން ތިބެން ޖެހޭ ވަރުގެ ކަމެއް ނޫން. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ހުރިހާ ފޮށިތަކެއް ކައިރިއަށް ވަޑައިގެންނެވީ ވަކި ކުލައެއްގެ ހެދުން ތުރުކުރައްވައިގެން ކަމަށް ވިދާޅުވެ، އަދި އެއީ ނުސީދާ ކެމްޕޭނެއް ކަމަށް ވިދާޅުވި. މިކަމަށް ދައުލަތުގެ މީޑިއާ އިން ވެސް ޖާގަ ދިން ކަމަށް އޭނާ ވިދާޅުވި.
އިދިކޮޅު ކޯލިޝަންގެ ފަރާތުން ނޫސްވެރިންގެ ބައްދަލުވުމެއް އެބަ ކުރިއަށް ދޭ. ކޯލިޝަނުން ވަނީ ސަރުކާރަށް ނިސްބަތްވާ އިސް ބޭފުޅުން މިއަދު ވެސް ކެމްޕޭން ކުރެއްވި ކަމުގެ ތުހުމަތުކޮށްފައި. އޭގެ ތެރޭގައި ރައީސް އިބްރާހިމް މުހަންމަދު ސޯލިހާއި އެމްޑީޕީގެ ރައީސް މުހަންމަދު ނަޝީދު ވެސް ނުސީދާކޮށް ކެމްޕެއިން ކުރެއްވި ކަމަށް، ކޯލިޝަންގެ ފަރާތުން ވާހަކަ ދެއްކެވި ޕީޕީއެމްގެ ކައުންސިލް މެމްބަރު އަހުމަދު ސިއްދީގު ވިދާޅުވި.
ވޯޓު ނުލާ މިހާތަނަށް 63 ޕަސެންޓް މީހުން އެބަތިބި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނޭ. ވޯޓު ލައިފައި ވަނީ 37 ޕަސެންޓް މީހުން. ވޯޓު ލައިފައި ވަނީ 100،829 މީހުން. ވޯޓު ލުމުގެ ހައްގު ލިބިފައި އޮތީ 273،128 މީހުން. ހެނދުނު ވޯޓު ލީ މީހުންގެ އަދަދު މަދުވި ނަމަވެސް، ވޯޓު ލާން ނުކުންނަ މީހުންގެ އަދަދު މަޑުމަޑުން އަންނަނީ އިތުރުވަމުން. އީސީން ލަފާކުރަނީ ވޯޓު ލާ މީހުންގެ އަދަދު މިފަހަރު އުޅޭނީ 40 ޕަސެންޓްގައި. އެއީ ވަރަށް ދަށް އަދަދެއް.
ނައިބު ރައީސް ފައިސަލް ވިދާޅުވީ، މިއީ ވަރަށް ދަތި ދުވަސްވަރަކަށް ވި ނަމަވެސް، ވޯޓުލުމަކީ ރައްޔިތުންނަށްޓަކައި ކުރަންޖެހޭ ކަމެއް ކަމަށް. އެ މަނިކުފާނު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ގިނަ ބަޔަކާއެކު މަސައްކަތް ކުރައްވަން އެނގިވަަޑައިގަންނަވާ ބޭފުޅެއް ކަމަށާއި ވަކި ފިކުރެއްގެ ބަޔަކު ބާކީ ނުކުރައްވާނެ ކަމަށް. އެކި ފިކުރުތަކުގެ މީހުންނާ އެކު މި ސަރުކާރުން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ފައިސަލް ދެއްވި.
ވޯޓު ދެއްވުމަށް ފަހު، ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ، މިހާރު މި އޮތީ އެ ރަށެއްގައި ބަސް ބުނުމުގެ ހައްގު ދެން ކޮންމެ މީހަކު ލިބޭނެ ކަމަށް. މި ސަރުކާރުން ވަނީ ރައްޔިތުންނަށް އަނބުރާ ހައްގުތައް ހޯދައިދީފައިވާ ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކަން ފަހިކޮށްދެއްވާފައިވާ ކަމަށް. އެހެންވެ، ރައްޔިތުންގެ ބަސް ބުނުމަށްޓަކައި، ވޯޓުލުމުގެ ހައްގު އަދާކުރުމަށް ނައިބު ރައީސް އެދިވަޑައިގެންނެވި.
ވޯޓު ދެއްވުމަށް ފަހު މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިހާތަނަށް ލިބުނު އެގްޒިޓް ޕޯލްތަކުން ދައްކާ ގޮތުން، ހުރިހާ ސިޓީއެއްގެ މޭޔަރުކަމާއި ގިނަ ކައުންސިލްތަކުގެ އަޣުލަބިއްޔަތު އެމްޑީޕީ އަށް އެއްވެސް ދަތިކަމެއް ނެތި ލިބޭނެ ކަމަށް.
މިހާތަނަށް 32 ޕަސެންޓް މީހުން ވޯޓު ލާފައިވާ ކަމަށާއި މިއީ 86،000 މީހުން ކަމަށް އީސީން ދެންމެ ބުނެފި
ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގައި، ބަލީގެ ކޮމިއުނިޓީ ސްޕްރެޑް އޮތް ރަށްރަށުން، ބަލި ނެތް ރަށަކަށްދާ ނަމަ 10 ދުވަހު ކަރަންޓީނުވާން ޖެހޭ ގޮތަށް އޮތް އޮތުން އިންތިހާބުގެ ވޯޓާ ދިމާކޮށް ވަނީ ދޫކޮށްލާފައި. އެއާ އެކު އެތައް ބަޔަކު ދަނީ މާލޭން ރަށްރަށަށް ދަތުރުކުރަމުން. މިގޮތަށް ދަތުރުކުރާއިރު އާއި ރަށަށް ގޮސް ވޯޓު ލުމުގައި އެޗްޕީއޭ އިން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ މިންގަނޑުތަކަށް އަމަލުކުރުމަށް އެޗްޕީއޭ އިން އިލްތިމާސްކުރޭ
އޮފިޝަލުން ނެތިގެން ވޯޓުލުން ނުފެށުނު ތ. ވިލުފުށީގައި ވޯޓުލާން ފަށައިފި. އެއް ފޮށީގެ ވޯޓުލުން 11:48 ގައި އަނެއް ފޮށީގެ ވޯޓުލުން 12:15 ވަނީ ވޯޓުލާން ފަށާފައި.
ވޯޓުލާން ފެށިތާ ފަސް ގަޑިއިރު ވެފައި ވާއިރު މިހާރު ފެންނަނީ ކުރިއަށް ވުރެ ގިނަ މީހުން ވޯޓުލާން ކިއުގައި ޖެހޭ މަންޒަރު. ކޮންމެ އިންތިހާބެއްގައި ވެސް ވޯޓު ލާން ދާ މީހުން މެންދުރު ފަސް ވުމުން އިތުރުވޭ. އެކަމަކު އެހެން އިންތިހާބުތަކާ އަޅާބަލާއިރު އަދިވެސް މީހުން މަދު
ވޯޓުލުން މުޅި ރާއްޖޭގައި ކުރިއަށް ދާއިރު، އެއްވެސް ރަށެއްގައި ބޮޑު ހަމަނުޖެހުމެއް އަދި ބޮޑު މައްސަލައެއް ދިމާވި ކަމަކަށް މިހާތަނަށް އަދި ރިޕޯޓްކޮށްފައެއް ނުވޭ.
ނ. ވެލިދޫގައި، ނުކުޅެދުންތެރިކަން ހުންނަ މީހެއްގެ ވޯޓު ލާން، ފޮއްޓާ ހަވާލުވެ ހުރި މީހާ އެހީވެ ވަކި ގޮތަކަށް ވޯޓު ދިން ކަމަށް ބުނެ ޝަކުވާ ބޮޑުވުމުން އެ ފޮށީގެ ވޯޓުލުން މިހާރު ވަނީ ހުއްޓާލާފައި. މައި ދެ ޕާޓީގެ އޮފިޝަލުން ވެސް ވަނީ ވޯޓު ދިން ގޮތާ މެދު މައްސަލަ ޖައްސާފައި.
ވޯޓުލުން ކުރިއަށް ގެންދަން ކަނޑައަޅާފައިވަނީ ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތަކާ އެކުގައި ކަމަށް ވިޔަސް ވޯޓުލާން ދާ މީހުން ވޯޓުލާ މަރުކަޒުތަކުގައި މީހުން ގައިގޯޅިވެ، ވާހަކަ ދައްކަން ތިބޭ. ގައިދުރުކަމަށް މާބޮޑު ސަމާލުކަމެއް ނުދޭ
ވޯޓުލާން މީހުން މިހާރު ނުކުންނަ ނިސްބަތުން މިއީ ފަހުގެ ތާރީހެއްގައި އެންމެ މަދުން މީހުން ވޯޓުލާ އިންތިހާބަށް ވުން އެކަށީގެންވޭ. އީސީން ބުނީ ކުރީގެ އިންތިހާބުތަކާ އަޅާބަލާއިރު ވޯޓު ލާން ފެށިތާ ދެ ގަޑިއިރު ތެރޭ ވޯޓު ލީ މީހުންގެ އަދަދު މަދު ކަމަށް. މާލޭގެ އިތުރުން ރަށްރަށުގައި އަދި ރާއްޖޭން ބޭރުގައި ބަހައްޓާފައި ހުރި ފޮށިތަކަށް ވެސް ވޯޓުލާން ދާ މީހުން މަދުކަން ފާހަގަވޭ.
ދިއްފުށީގައި ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެ އަދި އެތައް ސަތޭކަ ބަޔަކު ކަރަންޓީނުގައި ތިބުމުން އެ ރަށުގައި ވޯޓުލުން ކުރިއަށް ގެންދާނެ ގޮތަކާ ބެހޭ ގޮތުން އީސީގެ ގައުމީ ލަފާ ދޭ ކޮމިޓީގައި އަންނަނީ މަޝްވަރާކުރަމުން.
އީސީގެ ރައީސް: 10:45 ވީއިރު ވޯޓު ލީ އެންމެ 17 ޕަސެންޓް މީހުން. އެއީ 44،026 ވޯޓު. އެއީ 26،000، 17،000 އަންހެނުން ހިމެނޭ ކަމަށް އީސީގެ ރައީސް ވިދާޅުވި. މިއީ ކުރީގެ އިންތިހާބުތަކާ އަޅާބަލާއިރު މަދު އަދަދެއް. މި ނިސްބަތުން ބަލާއިރު އަންދާޒާކުރެވެނީ ވޯޓު ލާނީ 38-40 ޕަސެންޓް ކަމަށް. އެކަމަކު ވޯޓުލާ މީހުން ހަވީރު ވަގުތު އިތުރުވެދާނެ.
ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުން: ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ އޮފިޝަލުން ނެތިގެން ވޯޓުލުން ނުފެށުނު ވިލުފުށީގައި ވެސް މިހާރު ވޯޓުލާން ތައްޔާރުވެ ކިއޫ ހަދާފައިވާ ކަމަށް. އެހެންވެ އެ ރަށުގައި ވެސް ދެން މައްސަލައެއް ނެތި ވޯޓުލުން ކުރިއަށްދާނެ ކަމަށް ވިދާޅުވި.
ރައީސް ވިދާޅުވީ ހުރި ދަތިތަކާ ހެދި ވޯޓު ލާން މީހުން ނުކުތުން މަދަސް މެންދުރު ފަހު މީހުން ނުކުންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވި. މާލޭގެ މޭޔަރުކަން މަދުވެގެން 65 ޕަސެންޓާ އެކު އެމްޑީޕީ އަށް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވި.
ރައީސް: ރާއްޖޭގެ އަތޮޅުތަކާއި މުޅި ރާއްޖޭގެ ހިންގުމަށް މި ވޯޓުގެ ނަތީޖާއާ އެކު ބޮޑު ބަދަލެއް އަންނާނެ. އެކަމަކު މިއީ ދަތި އުނދަގޫ ވަގުތެއްގައި ބާއްވާ އިންތިހާބެއް. އެކަމަކު އެދެނީ ވީހާވެސް ގިނަ ބަޔަކު ނުކުމެ ވޯޓު ދެއްވުމަށް. އުންމީދުކުރަނީ އެމްޑީޕީ އަށް މާލެ އެހެން ސިޓީތަކާއި އަތޮޅުތަކުން ވެސް ލިބޭނެ ކަމަށް. މަޖިލިސް އިންތިހާބުން ލިބުނު ކާމިޔާބީ އަށް ވުރެ ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަށް އުންމީދުކުރަން.
ޖަމާލުއްދީން ސްކޫލްގައި، ހިންނަވަރު ދާއިރާ އަށް ހާއްސަކޮށްފައިވާ ފޮއްޓަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވޯޓު ލައްވައިފި
އީސީގެ ރައީސް އަހްމަދު ޝަރީފް ޓީވީއެމް އަށް ދެއްވި އިންޓަވިއުގައެއްގައި ވިދާޅުވީ އެހެން ފަހަރުތަކަށް ވުރެ މިފަހަރު ނަތީޖާ އިއުލާނުކުރުން ލަސްވެދާނެ ކަމަށް. އެއީ އިންތިހާބުގެ ބޮޑުކަމާއި މިފަހަރު ހުރި ދަތިތަކާއި މިފަދަ އެތައް ކަމަކާ ހެދި ކަމަށް ވިދާޅުވި. އޭނާ ވިދާޅުވީ ވަގުތީ ނަތީޖާ ލަސްވިޔަސް ދާއިމީ ނަތީޖާ، ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގައި އިއުލާނުކުރެވޭނެ ކަމަށް.
ވޯޓުލާން ފެށިތާ ތިން ގަޑިއިރު. އަދި ވޯޓު ލީ ރަޖިސްޓްރީވެފައިވާ މީހުންގެ ތެރެއިން ވަރަށް މަދު ބައެއް. ވޯޓުލާން ނުކުންނަ މީހުންގެ އަދަދު މެންދުރު ފަހާއި ހަވީރު، މީގެ ކުރީގެ އިންތިހާބުތަކުގައި އިތުރުވޭ. އެކަމަކު މިފަހަރު މިހާ ހިސާބަށް ވެސް ފެންނަނީ އެހެން އިންތިހާބުތަކާ ހިލާފަށް ތަރުހީބު ވަރަށް ކުޑަކޮށް.
މާލޭގެ އިތުރުން ރަށްރަށުގައި ވެސް ވޯޓުލާން ނުކުންނަ މީހުން އަދި ފެންނަނީ ވަރަށް މަދުކޮށް ކަމަށް، ރަށްރަށުން ބުނޭ
ވޯޓުލާން ގިނަ ބަޔަކު ރަޖިސްޓްރީވެފައިވާ ފޮށިތަކަށް މިހާތަނަށް ވޯޓުލީ މީހުންގެ އަދަދު އުޅެނީ ވަރަށް ދަށްކޮށް. އެތައް ސަތޭކަ ބަޔަކު ރަޖިސްޓްރީވެފައިވާ ބައެއް ފޮށިތަކަށް 100 މީހުން ވެސް އަދި ވޯޓު ނުލާ. ވޯޓުލުން ފެށިތާ މިހާރު ތިން ގަޑިއިރު ވަނީ.
އީސީގެ ރައީސް އަހްމަދު ޝަރީފް ވޯޓު ދެއްވުމަށް ފަހު އެދިވަޑައިގަތީ އެންމެން ވެސް ރައްކާތެރިކަމާ އެކު ވޯޓު ދެއްވުމަށް.
ކުރީގެ އިންތިޚާބުތަކުގައި ވޯޓު ލާ ދުވަހުގެ ހެނދުނަކީ ފޯރި ގަދަކޮށް، ހަލަބޮލިކޮށް ދާ ވަގުތެއް ނަމަވެސް މިއަދު ފެންނަނީ އެއާ އިދިކޮޅަށް. މިއަދު ވޯޓު ލާން ފެށިއިރު ބައެއް ތަންތަނުގައި ކިއޫ ދަމާލާފައި އޮތަސް މިހާރު ގިނަ ތަންތަން އޮތީ ހުސްކޮށް. ބައެއް ތަންތަނުގައި ވޯޓު ލާނެ މީހަކު ނެތް އިރު އިދާރީ ބައެއް ކަންކަމާ ހެދި ވެސް ވޯޓުލުން ނުފެށޭ.
އިންތިހާބާ ދިމާކޮށް ފުލުހުން ހިންގަމުން އަންނަ އޮޕަރޭޝަން: ފުލުހުން ބުނާ ގޮތުގައި މިހާތަނަށް އަދި ހުރިހާ ކަމެއް ވެސް ދަނީ އޮމާންކަމާ އެކު. ބޮޑު މައްސަލައެއް އެއްވެސް ތަނެއްގައި ދިމައެއް ނުވޭ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް "މިހާރު" އަށް ވިދާޅުވީ، ވޯޓުލާނެ މީހުން ނެތިގެން ވޯޓުލުން ނުފެށި އުޅެނީ ހައެއްކަ ފޮއްޓަށް ކަމަށް. މައިގަނޑު ގޮތެއްގައި އުޅެނީ އޭނާ ވިދާޅުވި ގޮތުގައި މާލެ ފިޔަވައި ބައެއް ރަށްރަށާއި ރިސޯޓުތައް. މާލޭގައި ބައެއް ފޮށިތަކަށް ވޯޓުލާން ނުފެށި އުޅެނީ އިދާރީ ސަބަބުތަކާ ގުޅިގެން އެކަނި ކަމަށް ޝަރީފް ވިދާޅުވި.
ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި އިންތިހާބު ބާއްވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކުގައި ކަމަށް ވިޔަސް، މި ދުވަސްވަރު ވޯޓުލާން ދާން ބައެއް މީހުން ބޭނުން ނުވާ ކަމަށް މީހުންގެ ވާހަކަތަކުން އެނގޭ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވޯޓުލާނެ މީހަކު ނެތިގެން ބައެއް ސެންޓަރުތަކުގައި އަދިވެސް ވޯޓުލާން ނުފެށޭ ކަމަށް.
އެހެން އިންތިހާބުތަކާ ހިލާފަށް މި ފަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓުލާން މިހާތަނަށް ނުކުތީ މަދު ބައެއް ކަން ފެންނަ މަންޒަރުތަކުން އެނގޭ. މީގެ ކުރިން އެހެން އިންތިހާބުތަކުގައި ވަރަށް ހެނދުނާ ކިއޫ ހަދާ ސަރަހައްދުތަކަށް ވޯޓުލާން ދާ މީހުން މިހާތަނަށް ފެންނަނީ ވަރަށް މަދުކޮށް.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވޯޓުލައްވަން ވަޑައިގަންނަވާނީ ހެނދުނު 10:30 ގައި. ނައިބު ރައީސް ފައިސަލް ނަސީމް ވޯޓުލައްވަން ވަޑައިގަންނަވާނީ މެންދުރު 1:30 އަށް. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވޯޓުލައްވާނީ ހެނދުނު 11:00 ގައި.
މާލޭގެ މޭޔަރުކަމަށް އިދިކޮޅުން ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން މޭޔަރުކަމަށް ނުކުންނަވާފައިވާ ކެންޑިޑޭޓު އަނަސް އަބްދުއްސައްތާރު ވެސް މީގެ އިރުކޮޅެއް ކުރިން ވަނީ ވޯޓު ލައްވާފައި.
ރާއްޖޭގައި މިއަދު މި ބާއްވަނީ ކައުންސިލްގެ ހަތަރު ވަނަ އިންތިހާބު. މީގެ ކުރިން ވެސް ކައުންސިލް އިންތިހާބުތަކަކީ، ސިޔާސީ ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ދައުރުގެ މެދުތެރެއިން ނެގޭ ވޯޓެއް. މީގެ ކުރިން ތިން އަހަރުން ތިން އަހަރުން ބާއްވަމުން އައި ކައުންސިލްގެ އިންތިހާބު އާންމުކޮށް ބާއްވަމުން އަންނަނީ ރިޔާސީ ދައުރުގެ މެދުތެރެއިން. މި ފަހަރު ވެސް މިއޮތީ އެހެންވެފައި.
އާ ގާނޫނުގެ ދަށުން ކޮންމެ ކައުންސިލަކަށް ތިންބައިކުޅަ އެއްބައި އަންހެން ކައުންސިލަރުން އައްޔަންކުރަން ޖެހޭ. އަދި ކޮންމެ ސިޓީ ކައުންސިލަކަށް މޭޔަރުން ވެސް އައްޔަން ކުރަން ޖެހޭ. މީގެ ކުރިން މޭޔަރަކީ، ކައުންސިލްގެ މެމްބަރުން އިންތިހާބުކުރާ މަގާމެއް. އެކަމަކު މިހާރު އެއީ، ވަކިން އެ މަގާމަށް ކުރިމަތިލައިގެން ވަކިން އިންތިހާބު ކުރަން ޖެހޭ މަގާމެއް.
މިއަދުގެ ވޯޓާ އެކު އިންތިހާބުވާ ކައުންސިލްތަކަކީ، ރާއްޖޭގެ ތާރީހުގައި މީގެ ކުރިން ނުލިބޭ ވަރުގެ ބާރުތަކެއް ލިބޭނެ ކައުންސިލްތަކެއް. ވޭތުވެދިޔަ 10 އަހަރު ކައުންސިލްތަކުން ރަށްރަށާއި އަތޮޅުތައް ހިންގި އިރު ނުލިބޭ ވަރުގެ ބޮޑެތި އިގްތިސާދީ އަދި އިޖުތިމާއީ ބާރުތަކެއް ކައުންސިލްތަކަށް ލިބޭނެ. އޭގެ ތެރޭގައި ވިޔަފާރި ކުރުމާއި ކައުންސިލްތަކަށް ލިބޭ އާންމު ބާރުތަކެއް ހިމެނޭ. ކުރިން ސަރުކާރަށް ބަރޯސާ ވެގެން ތިބެން ޖެހުނަސް މަޝްރޫއުތަކުގައި އަމަލީ ސިފަ ޖެއްސުމަށް ޓަކައި ކައުންސިލްތަކަށް ސީދާ ބާރު ލިބޭ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރަައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވޯޓުލާން ދިގު ކިއޫތައް ހަދައި، ބައެއް ރަށްރަށުގައި ވޯޓުލާން ފަަށައިފި އެވެ.
އެހެން އިންތިހާބުތަކާ ހިލާފަށް މި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓުލާން ކިއޫތައް ހަދަން ފެށީ ވެސް ލަހުންނެވެ.
ވޯޓުލުން ކުރިއަށް ގެންދާނީ އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައިވާ ގޮތުން މިއަދުގެ ހެނދުނު 7 އިން ހަވީރު 5 އަށެވެ. ކޮވިޑް-19 އާ ގުޅިގެން ކަރަންޓީނާއި އައިސޮލޭޝަންގައި ތިބި މީހުން ވޯޓުލާން ހާއްސަ ގަޑިއަކީ ހަވީރު 5 އިން 6 އެވެ.
ރާއްޖެ އަދިވެސް ކޮވިޑްގެ ހާލަތުގައި އޮތުމުން، ވޯޓުލުން ކުރިއަށް ގެންދަނީ ގައިދުރުކަމާއި ރައްކާތެރިކަމުގެ އެހެން ފިޔަވަޅުތަކަށް ސަމާލުކަން ދީގެންނެވެ.
- ލޯކަލް އިންތިހާބުގައި ވާދަކުރަނީ 2،234 ކެންޑިޑޭޓުން.
- އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރަނީ 1،580 ކެންޑިޑޭޓުން.
- އިންތިހާބަކާ ނުލައި، ލޯކަލް ކައުންސިލްތަކަށް 30 ކެންޑިޑޭޓަކު ވަނީ ހޮވިފައި.
- އިންތިހާބަކާ ނުލައި، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކަށް 90 ކެންޑިޑޭޓަކު ވަނީ ހޮވިފައި.
- ލޯކަލް އިންތިހާބަށް 275،860 ވޯޓު ކަރުދާސް ޗާޕްކުރި.
- އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ޗާޕްކުރީ 222،324 ކަރުދާސް.
- ވޯޓުދިނުމުގެ ހައްގު ލިބެނީ 273،128 މީހަކަށް. އޭގެ ތެރެއިން 5،134 މީހުންނަކީ އިންތިހާބު ފަސްކުރުމުން، އެއް އަހަރުގެ ތެރޭގައި 18 އަހަރު ފުރޭ މީހުން.
- މި އިންތިހާބުގައި ހުރިހާ ކައުންސިލްތަކަށް 982 މެމްބަރުން އިންތިހާބުކުރާނެ. އަދި އަންހެނުންގެ ކޮމެޓީތަކަށް 930 މެމްބަރުން އިންތިހާބު ކުރާނެ. ރަށު ކައުންސިލްތަކަށް 918، އަތޮޅު ކައުންސިލްތަކަށް 18، ސިޓީ ކައުންސިލްތަކަށް 46 މެމްބަރުން އިންތިހާބު ކުރާނެ. މީގެ އިތުރުން ހަތަރު ސިޓީ ކައުންސިލަށް ހަތަރު މޭޔަރުން ވެސް އިންތިހާބު ކުރާނެ.
މި ފަހަރުގެ އިންތިހާބާ ދިމާވީ، ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ކަމަށް ވާތީ، އެޗްޕީއޭ އިން ވަނީ އިންތިހާބަށް ހާއްސަ އުސޫލުތަކެއް ހަމަޖައްސައިދީފަ އެވެ. އެގޮތުން 10 ދުވަހުގެ ކަރަންޓީނާ ނުލައި، ވޯޓުލާން ރަށްރަށަރަށް ދިއުމުގެ ފުރުސަތު ވަނީ ދީފަ އެވެ. ނަމަވެސް އެ މީހުން ޚާއްސަ އުސޫލުތަކަށް އަމަލުކުރަން ޖެހެ އެވެ. އޭގެ ތެރޭގައި ކެފޭ/ރެސްޓޯރަންޓުތަކަށް ނުދިއުމާއި މީހުންނާ ބައްދަލުނުކުރުން ފަދަ ކަންކަން ހިމެނެ އެވެ.
ކޮވިޑާ ގުޅިގެން އެކަހެރި ނުވަތަ ކަރަންޓީނުކޮށްފައި ތިބޭ މީހުން ވޯޓުލާން ދާން ޓެކްސީ އާއި ބަސް ފަދަ ޕަބްލިކް ޓްރާންސްޕޯޓް ބޭނުން ނުކުރެވޭނެ ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.