ވިލުފުށީގައި ބައެއް އޮފިޝަލުން ކަރަންޓީންގައި، ވޯޓް ލަސްވާނެ: އީސީ
ވިލުފުށީގައި ބައެއް އޮފިޝަލުން ކަރަންޓީންގައި، ވޯޓް ލަސްވާނެ: އީސީ

ތ. ވިލުފުށީގެ ދެ ވޯޓު ފޮއްޓެއް ކައިރީގައި ތިބޭ އޮފިޝަލުން ކަރަންޓީންގައި ތިބި ކަމަށާއި އެހެންވެ ވޯޓް ލާން ފެށުން މާދަމާ ލަސް ވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީގެ ރައީސް އަހުމަދު ޝަރީފު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވިލުފުށީގައި ބަހައްޓާ ދެ ފޮށީގެ ގިނަ އޮފިޝަލުން ކަރަންޓީންވެފައިވާ ކަމަށާއި އިތުރު އޮފިޝަލުން އެ ރަށުން ނުލިބުނު ކަމަށެވެ.

އިންތިހާބު ކުރިޔަށް ގެންދިއުމަށް މާލެއިން އެ ރަށަށް އޮފިޝަލުން ގެންދާ ގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމަށާއި އެ ރަށުގައި ވޯޓު ލުން ފެށޭނީ އޮފިޝަލުންނަށް ދެވުމުން ކަމަށް ޝަރީފް ވިދާޅުވި އެވެ.

"އޮފިޝަލުން މިހާރު ޕީސީއާރް ޓެސްޓު ހަދަނީ. ފުރޭވަރު ވާނީ ފަތިހު 5:00 ހާއިރު. [ހެނދުނު] 9:00 ގައި ވޯޓު ލާން ފެށޭތޯ މި ބަލަނީ،" ޝަރީފް ވިދާޅުވި އެވެ.

ވިލިފުށީގައި ވޯޓް ލުން ލަސްވެފައިވާއިރު މ. ރަތްމަންދު އާއި ވ. ތިނަދޫގައި ވެސް ވޯޓް ލުން ފެށޭ ގަޑި ލަސްވެފައިވާ ކަމަށް އީސީން ބުންޏެވެ. އެ ދެ ރަށުގައި ވެސް ދިމާވީ އޮފިޝަލުންގެ މައްސަލަ އެެވެ.

ކޮވިޑް-19 އާ ގުޅިގެން މި އިންތިހާބުގައި ބައިވެރިވާ އޮފިޝަލުންގެ އަދަދު ވަރަށް ގިނަ އެވެ. އަދި ބައެއް ފިޔަވަޅުތަކުގެ ސަބަބުން އިންތިހާބު ކުރިޔަށް ގެންދިއުމުގައި ދަތިތައް ދިމާވި ނަމަވެސް ކާމިޔާބުކަމާއެކީ އިންތިހާބު ބާއްވާނެ ކަމުގެ ޔަގީންކަން އެ ކޮމިޝަނުން ދެ އެވެ.