09 އެޕްރީލް 2021 - 21:56

ފުލުހުންގެ ހިދުމަތުގެ ގާނޫނަށް ގެނައި އިސްލާހާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޕޮލިސް ބޯޑް އެކުލަވާލައްވައިފި އެވެ.
ފުލުހުންގެ ގާނޫނުގައި ބުނާ ގޮތުން ފުލުހުންގެ ބޯޑު އެކުލެވިގެން ވަނީ ރައީސް އައްޔަންކުރައްވާ ދެ މެންބަރުންނާއި، ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ތިން މެންބަރުންގެ އިތުރުން އާންމުންގެ ތެރެއިން ދެ މެންބަރެއްގެ މައްޗަށެވެ.
ރައީސް ޕޮލިސް ބޯޑް އެކުލަވާލައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުން އެ ބޯޑަށް އައްޔަން ކުރަން ރުހުން ދީފައިވާ ހަތް މެންބަރުންނާ އެކު އެވެ.
1. އަހުމަދު ފަޔާޒް ހަސަން، މ. ހަޒާރީވިލާ
2. އާއިޝަތު ނޫރާ މުހައްމަދު، ހ. ނޫމުތީ
3. އަލީ ފާއިޒު، މއ. މަނާގެ
4. އަހުމަދު ނާޝިދު، މއ. ގޯލްޑަންމޫން
5. އާދަމް އިބްރާހީމް، ގ. ޑިމްލައިޓް
6. ހާމިދު އަބްދުލްޣަފޫރު، ހ. ޝޭޑީކޯނަރު
7. ސަފާ ޝަރީފް، ދެތަނޑިމާގެ / ސ.ހުޅުދޫ
ޕޮލިސް ބޯޑަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވާ ފަރާތްތަކާ މެދު އިދިކޮޅު ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން އެ ބޯޑްގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވަކީލަކާއި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްކަން ކުރެއްވި ބޭފުޅެއް އަދި ރައީސާ އާއިލީ ގޮތުން ގުޅުން އޮންނަ ފަރާތެއް ވެސް އެ ބޯޑުގައި ހިމެނޭ ކަމަށް އިދިކޮޅު މެންބަރުން ދިޔައީ ބުނަމުންނެވެ.
ޕޮލިސް ބޯޑާ ބެހޭ ގޮތުން ޕޮލިސް ކޮމިޝަނަރު މުހަންމަދު ހަމީދު މީގެ ކުރިން ވިދާޅުވެފައި ވަނީ ފުލުހުންގެ ޚިދުމަތުގެ އިސްލާހަށް މިހާތަނަށް އެޅުނު އެންމެ ހަރުދަނާ ފިޔަވަޅަކީ ބޯޑު އެކުލަވާލާ ގޮތަށް އޮތުން ކަމަށާއި އެގޮތަށް ހަމަޖެއްސުމަކީ ފުލުހުން އެގްޒެކެޓިވް މެނޭޖްމަންޓުގެ ބޭފުޅުން ބޭނުންވެފައި ތިބި، އަދި އެކަމަށް އެދެމުން އައި ބަދަލެއް ކަމަށެވެ.
ޕޮލިސް ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރު ފިޔަވައި ފުލުހުންގެ އިސް ރޭންކުތަކަށް އޮފިސަރުން ހަމަޖައްސާއިރު ޕޮލިސް ބޯޑުން އެ މީހަކު އެޕްރޫވް ކުރަން ޖެހެ އެވެ. އެކަމަކު އެ ބޯޑަކީ ފުލުހުންގެ ކޮންމެ ދުވަހެއްގެ ހަރަކާތްތައް މޮނީޓާކޮށް އެކަމަށް ބަސް ކިޔާ ބޯޑެއް ނޫނެވެ. ޕޮލިސް ބޯޑަށް ޖަވާބުދާރީވާން ޖެހެނީ ހަމައެކަނި ކޮމިޝަނާ އޮފް ޕޮލިސް އެވެ.