10 އެޕްރީލް 2021 - 08:09

އިންޑިއާގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވެ މަހާރަޝްތުރާ ސްޓޭޓް އަލުން ލޮކްޑައުންއަކަށް ގޮސްފައިވާތީ، ބަތަލާ ކަންގަނާ ރަނާވަތުގެ އުންމީދީ ފިލްމު "ތަލައިވީ" ވެސް ރިލީޒްކުރުން ފަސްކޮށްފި އެވެ.
މި މަހުގެ 23 ވަނަ ދުވަހު ސިނަމާތަކަށް ގެންނަން އޮތް ފިލްމު އެ ތާރީހުގައި ނާޅުވާނެކަން ހާމަކޮށް ފިލްމުގެ ޓީމުން ބުނެފައި ވަނީ "ތަލައިވީ" އަކީ އިންޑިއާގެ ވަރަށް ގިނަ ބަހުރުވަތަކުން ގެނެސްދޭން ހަމަޖެހިފައިވާ ފިލްކަށްވާތީ ފިލްމު އަޅުވަން ބޭނުން ވަނީ ހުރިހާ ބަހަކުން އެއް ދުވަހެއްގައި ފިލްމު ރިލީޒްކުރެވޭ ތާރީހެއްގައި ކަމަށެވެ. އެހެންވެ ކޮވިޑްގެ ހާލަތަށް ރިއާޔަތްކުރުމަށް ފަހު، ފިލްމު އަޅުވާނެ ތާރީހެއް ފަހުން އިއުލާންކުރާނެ ކަމަށް ބުންޏެވެ.
ބަޔާނުގައި ވަނީ "ތަލައިވީ" ގެ ޓްރެއިލާ އަށް ބެލުންތެރިން ދިން ލޯތްބާއި ސަޕޯޓަށްޓަކައި ޝުކުރު އަދާކޮށްފަ އެވެ. އޭއެލް ވިޖޭ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އިންޑިއާގެ ޓަމިލް ނާޑޫ ސްޓޭޓްގެ ކުރީފެ ޗީފް މިނިސްޓަރު ޖަޔަލަލީތާގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެކެވެ. "ތަލައިވީ" ގެ ޓްރެއިލާ އާންމުކުރުމާ އެކު ކަންގަނާގެ އެކްޓިން އަށް ގިނަ ބަޔަކު ތައުރީފުކޮށް މިއީ އޭނާ އަނެއްކާ ވެސް ނެޝަނަލް އެވޯޑް ހޯދާނެ ފިލްމެއް ކަމަށް ބުނެފައިވެ އެވެ.
ކަންގަނާ އަށް ހަތަރު ވަނަ ނެޝަނަލް އެވޯޑް ކަށަވަރުވީ މި އަހަރު އެވެ. އެއީ ފިލްމު "ޕަންގާ" އާއި "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" އިންނެވެ.
ކެރިއަރުގެ އެންމެ ވަރުގަދަ އެއް ފިލްމުގެ ގޮތުގައި ހުނަރުވެރި ބަތަލާ ސިފަކުރާ "ތަލައިވީ" ގެ ކާސްޓްގައި އަރުވިންދު ސްވާމީ އާއި ބަގިޔާޝްރީ އާއި މަދޫ އާއި ޕްރަކާޝް ރާޖް ފަދަ ތަރިން ހިމެނެ އެވެ.
"ތަލައިވީ" ފަސްކުރި އިރު އެ ފިލްމާ އެއް ދުވަހެއްގައި ރިލީޒްކުރަން އޮތް ރާނީ މުކަރްޖީ އާއި ސައިފް އަލީ ޚާންގެ "ބަންޓީ އޯރް ބަބްލީ 2" އާއި ހުކުރު ދުވަހު ގެނެސްދޭން އުޅުނު އަމީތާބް ބައްޗަނާއި އިމްރާން ހާޝިމީގެ "ޗެހެރޭ" ވެސް ފަސްކޮށްފައިވެ އެވެ.
އިންޑިއާގެ ބޮލީވުޑާއި އެ ގައުމުގެ ވިޔަފާރީގެ މަރުކަޒު އޮންނަ މުމްބާއީ ހިމެނޭ މަހާރަޝްތުރާ ސްޓޭޓް ހުކުރު ދުވަހުން ފެށިގެން ލޮކްޑައުން އަށް ދިޔައީ ތިން ހަފުތާ އަށް ކަމަށް މީޑިއާތަކުން ބުންޏެވެ.