09 އެޕްރީލް 2021 - 18:57

ދެ ކިޑްނީ ފެއިލްވެފައިވާ ޕީއެސްއެމްގެ ޒުވާން ކުޅިވަރު ނޫސްވެރިޔާ އަދި ފުޓްބޯޅަ ކޮމެންޓޭޓަރު ސާއިދު އަހުމަދަށް، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފަރާތުން ތިން ލައްކަ ރުފިޔާގެ ފައިސާއެއް އެހީއެއް ދީފި އެވެ.
މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ދެ ކިޑްނީ ފެއިލްވެ، ޑައިލިސިސް ހަދަމުންދާ ސާއިދު އަށް އެފްއޭއެމްގެ ފައުންޑޭޝަންގެ ފަރާތުން ދިން ފައިސާގެ އެހީ ހަވާލުކުރީ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޔުނައިޓަޑް ވިކްޓަރީ އާއި ޑަ ގްރާންޑޭ ބައްދަލުކުރި މެޗުގެ ކުރިންނެވެ.
އެފްއޭއެމްގެ ފަރާތުން ސާއިދަށް މި ފައިސާ ހަވާލުކޮށްދެއްވީ އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.
މި ފައިސާގެ އެހީއަކީ ކިޑްނީ ޓްރާންސްޕްލާންޓެއް ހެދުމަށް ސާއިދު ކުރަމުންދާ މަސައްކަތަށް، އެފްއޭއެެމް ފައުންޑޭޝަން މެދުވެރިކޮށް ދިން އެހީއެކެވެ.
"ދިވެހި ފުޓްބޯޅަ އާއިލާއިން ނަމޫނާ ދައްކައިފި،" ސާއިދު އޭނާގެ ފޭސްބުކްގައި ބުނެފައިވެ އެވެ. "12 އަހަރު މެދުކެނޑުމެއް ނެތި ކުރި ހިދުމަތް މިއަދު އިހްސާސްވެއްޖެ. އުފާވެރި ހަޔާތެއްގެ ދަންމަރު ދިއްލޭނެ އިންޝާ ﷲ އިރާދަކުރެއްވިއްޔާ އަހަރެން އެނބުރި އަންނަން ހިތްވަރު ކުރާނަން،"
އެފްއޭއެމް އިން ބުނީ ސާއިދަކީ ދިވެހި ފުޓްބޯޅައިގެ އާއިލާގެ މުހިންމު މެމްބަރެއް ކަމަށާއި ފުޓްބޯޅަ އަށް ގިނަ ވަގުތުތަކެއް ދީފައިވާ ފަރާތެއް ކަމަށެވެ. އަދި ފުޓްބޯޅަ އާއިލާގައި ހިމެނޭ ފަރާތްތަކަށް އެހީތެރިވުމަކީ އެފްއޭއެމް ފައުންޑޭޝަންގެ މުހިންމު އެއް އަމާޒު ކަމަށެވެ.
"ޕީއެސްއެމްގެ ޒުވާން ނޫސްވެރިޔާ ސާއިދު އަހުމަދަކީ ފުޓްބޯޅަ އާއިލާގެ މުހިންމު މެމްބަރެއް. އޭނާ އަކީ ޒިންމާދާރު ބައްޕައެއް. އިހްލާސްތެރި ގައުމީ ހިދުމަތްތެރިއެއް. ހިތްވަރުގަދަ ނަމޫނާ ޒުވާނެއް،" އެފްއޭއެމްގެ ފޭސްބުކް ޕޭޖްގައި ބުނެފައިވެ އެވެ. " ފުޓްބޯޅަ އާއިލާއަށް ކުރިމަތިވާ މިފަދަ ކެކުޅުންތަކަށް އެހީތެރިވެދިނުމަކީ އެފްއޭއެމާއި އެފްއޭއެމް ފައުންޑޭޝަނުގެ އެންމެ މުހިންމު އަމާޒެއް. އަޅުގަނޑުމެންގެ އެންމެންގެ ދުއާއަކީ ސާއިދަށް ފުރިހަމަ ސިއްހަތަކާއި އުފާފާގަތިކަން މާތްﷲ މިންވަރުކުރެއްވުން."
ޑައިލިސިސް ހަދަމުންދިޔަ ނަމަވެސް، ސާއިދު ދިވެހި ޕްރިމިއާ ލީގުގެ ގިނަ މެޗުތަކަށް ހާޒިރުވެ، ކޮމެންޓްރީ ދިނުމުގައި ބައިވެރިވެ އެވެ.
ސަންއެފްއެމްގައި ކުރިން މަސައްކަތްކުރި ސާއިދު ޕީއެސްއެމްއާ ގުޅުނީ 2015 ވަނަ އަހަރެވެ. އޭގެ ފަހުން އޭނާ އަކީ ޕީއެސްއެމްގެ ކުޅިވަރު ޕްރޮގްރާމްތަކާއި ހަބަރުތައް ގެނެސްދިނުމުގައި މަސައްކަތްކުރާ ކުޅަދާނަ ނޫސްވެރިއެކެވެ. އަދި ގަވައިދުން ފުޓްބޯޅަ މެޗުތަކުގެ ކޮމެންޓްރީ ދިނުމުގައި ހަރަކާތްތެރިވެ އެވެ.