ލިންކްޑްއިން އިން ވެސް ބޮޑު ލީކެއް
ލިންކްޑްއިން އިން ވެސް ބޮޑު ލީކެއް

ފޭސްބުކް ބޭނުންކުރާ 500 މިލިއަނަށް ވުރެ ގިނަ މީހުންގެ ޒާތީ މައުލޫމާތު ލީކްވި މައްސަލަ ބޮޑުވެފައި ވަނިކޮށް، ގިނަ ބަޔަކު ބޭނުންކުރާ ލިންކްޑްއިން ބޭނުންކުރާ 500 މިލިއަން މީހުންގެ ޒާތީ މައުލޫމާތު ވެސް ލީކްކޮށްލައިފި އެވެ.

ސައިބަނިއުސް އިން ބުނެފައިވާ ގޮތުގައި، ވިޔަފާރި އާއި ވަޒީފާތަކުން މީހުން ގުޅުވާލަދޭ ލިންކްޑްއިން ވެސް 500 މިލިއަން މީހުންގެ ޒާތީ މައުލޫމާތު ލީކްކޮށް އޭގެ ތެރެއިން ދެ މިލިއަން މީހުންގެ މައުލޫމާތުގެ ސާމްޕަލާ އެކު އާންމުކޮށްފައިވާ ކަމަށެވެ. ނުރައްކާތެރި ހެކަރުންތަކެއް އަޑީގައި ތިބެގެން ހިންގާފައިވާ މި ޖަރީމާގެ ތެރޭގައި ލިންކްޑްއިން ބޭނުންކުުރާ މީހުންގެ ފުރިހަމަ ނަމާއި އީމެއިލާއި އެޑްރެހާއި ފޯނު ނަމްބަރާއި ޖިންސާއި އަދި އެ ނޫން ވެސް މައުލޫމާތު އާންމުކޮށްފައިވެ އެވެ.

މައިކްރޮސޮފްޓްގެ ދަށުން ހިންގާ، ޕްރޮފެޝަނަލުންގެ ނެޓްވޯކެއްގެ ގޮތުގައި މަޝްހޫރު ލިންކްޑްއިން އިން ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލައިގެ ތަހުގީގު މިހާރު ފަށާފައިވާ ކަމަށާއި މިހާތަނަށް ބެލިބެލުމުން ޔޫޒަރުންގެ މައުލޫމާތު ވިއްކަން އިއުލާންކޮށްފައި ހުރިކަން ކަށަވަރުވާ ކަމަށެވެ.

"މިކަން ކޮށްފައި ވަނީ ވަރަށް ގިނަ ވެބްސައިޓްތަކާއި ކުންފުނިތަކުން ޑޭޓާތަކެއް އެއްކޮށްގެން،" ލިންކިޓުން ބުންޏެވެ.

އެ ކުންފުނިން ބުނި ގޮތުގައި ލީކްކޮށްލި މައުލޫމާތުތަކުގެ ތެރޭގައި ލިންކްޑްއިންގެ ޕްރައިވެޓް މެމްބަރުންގެ ޑޭޓާތަކެއް ނުހިމެނެ އެވެ. އަދި ޔޫޒަރުންގެ މައުލޫމާތު ލީކްވި މައްސަލަ އަކީ ލިންކްޑްއިންއާ އެއްވެސް ގޮތަކަށް ގުޅުން ހުރި ކަމެއް ނޫން ކަމަށް ބުންޏެވެ.

"މިކަންކޮށްފައިވާ ކަމަށް ބެލެވެނީ ހެކަރުންގެ އަަހަރެމެންގެ ސިސްޓަމްގެ ތެރެއަށް ވަދެގެން ކަމަށް ގަބޫލުކުރެވޭ،" ބަޔާނުގައި ބުންޏެވެ.

އެތަނުން ބުނިގޮތުގައި މިކަމާ ގުޅިގެން ޔޫޒަރުންނަށް ދޭންޖެހޭ މައުލޫމާތު ފޯރުކޮށްދޭނެ އެވެ.

މީގެ 17 އަހަރު ކުރިން 2003 ގައި ސޯޝަލް މީޑިއާ ނެޓްވޯކެއްގެ ގޮތުގައި ވުޖޫދަށް އައި ލިންކްޑްއިން ބޭނުންކުރާ މީހުންގެ އަދަދު 740 މިލިއަނަށް އަރާ އިރު، 150 ގައުމެއްގެ މީހުން އެ ބޭނުންކުރެ އެވެ.