09 އެޕްރީލް 2021 - 17:24

މިދިޔަ މަހު މީރާ މެދުވެރިކޮށް ދައުލަތަށް 1.33 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މީރާ އިން ނެރެފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއީ މިދިޔަ އަހަރުގެ މާޗު މަހާ އަޅާ ބަލާއިރު 19.2 ޕަސެންޓުގެ އިތުރުވުމެކެވެ. އަދި މިއީ މި އަހަރުގެ މާޗު މަހު ލިބޭނެ ކަމަށް އެ އިދާރާއިން ލަފާކުރި އަދަދަށްވުރެ 28.4 ޕަސެންޓު އިތުރު އަދަދެކެވެ.
މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެފައި ވަނީ ޓޫރިޒަމް ބިމު ކުލީގެ ގޮތުގަ އާއި ޓީޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުންކަމަށް މީރާ އިން ބުންޏެވެ. ކޮވިޑް-19 އާ ގުޅިެގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމުން، މިދިޔަ އަހަރުގެ މާޗު މަހު، މި ފީތައް ވަނީ ފަސްކޮށްދީފަ އެވެ. އެހެންކަމުން މިދިޔަ އަހަރުގެ އެ މުއްދަތުގައި ބިމު ކުއްޔާއި ޓީޖީއެސްޓީގެ ގޮތުގައި ދައުލަތަށް އާމްދަނީއެއް ނުލިބެ އެވެ.
މީރާ އިން ބުނިގޮތުގައި މިދިޔަ މަހު ޓީޖީއެސްޓީ އިތުރުުވެފައިވަނީ ރާއްޖޭގެ ޓޫރިޒަމް ވިޔަފާރި މިހާރު ރަނގަޅުވަމުން ދިއުމާ ގުޅިގެން ކަމަށެވެ.
މިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާގޮތުގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީގެ ގޮތުގަ އެވެ. އެއީ 676.9 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓޫރިޒަމް ބިމު ކުލިންނެވެ. އެއީ 335.39 މިލިއަން ރުފިޔާ އެވެ.
މީގެ އިތުރުން ގްރީން ޓެކްސްގެ ގޮތުގައި 69.96 މިލިއަން ރުފިޔާ ލިބުނު އިރު އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި 69.91 މިލިއަން ރުފިޔާ އަދި އެއާޕޯޓު ޑެވެލޮޕްމަންޓު ފީގެ ގޮތުގައި 32.41 މިލިއަން ރުފިޔާ އާއި އެހެނިހެން ޓެކްސް އާއި ފީގެ ގޮތުގައި 142.99 މިލިއަން ރުފިޔާ ވަނީ ދައުލަތަށް ލިބިފަ އެވެ.
މިދިޔަ މަހު ލިބުނު އާމްދަނީގެ ތެރޭގައި 63.73 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ.