ނަފްސު ތަހުޒީބު ކުރުމުގެ މަސައްކަތުގެ އާ ބުރެއް ފެށުން
ނަފްސު ތަހުޒީބު ކުރުމުގެ މަސައްކަތުގެ އާ ބުރެއް ފެށުން

އިންސާނާގެ ދިރިއުޅުމުގައި ހޯދައިގަންނަ ކޮންމެ ކާމިޔާބެއް ވެސް ލިބުމުގެ މައިގަނޑު އަސްލަކަށް ވެފައިވަނީ އިންސާނާ އެކަން ހޯދުމަށްޓަކައި ގަދައަޅައި ކުރާ މަސައްކަތް ނުވަތަ ޖިހާދު ގެ މައްޗަށެވެ. ބުރަ މަސައްކަތާއި ދާހިއްލުންތަކުގެ މައްޗަށެވެ. ވާ ގުރުބާނީ ތަކުގެ މައްޗަށެވެ. ހަމައެފަދައިން މި ގުރުބާނީތަކާ އެކު ކެތްތެރިކަމުގެ ސިފައަކީ ވަރަށް މުހިންމު އެއްސިފަ އެވެ. ނަފްސާއި ޖިސްމުން ޖިހާދު ކުރުމަކީ އިންސާނުންނަށް ކެތްތެރިކަން ދަސްކޮށްދޭ ކަމެކެވެ. ކެތްތެރި ކަމާއި ތަޤުވާވެރިކަމަކީ އެކަންކަމުގެ މައްޗަށް އިންސާނާގެ ޢަޒުމާއި ސާބިތުކަން އަބަދުވެސް އޮތުން ލާޒިމުވާ ކަންކަމެވެ. (އާލް ޢިމްރާން 186) އަދި އެއީ އިންސާނާގެ ޖިސްމާނީ އަދި ނަފްސާނީ އެދުންތައް ވަކި ހަމައެއްގެ މަތީ ބަހައްޓައި ދިނުމަށް އެންމެ ބޮޑު އެހީ ލިބޭ ކަންކަމެވެ. ނުރަނގަޅު ނިޔަތްތަކާއި ނުބައި އާދަތައް ދުރުކޮށް ފަޟީލަތާއި ޢަދުލުވެރިކަމާއި އިޙުސާންތެރިކަން އިންސާނާގެ ކިބައިގައި އަށަގަންނުވައިދޭ ކަންކަމެވެ. މާތްވެގެންވާ ރަމަޟާން މަހު ހިފާ ރޯދަ އާއި އެހެނިހެން އަޅުކަންތަކަކީ އިންސާނާގެ ނަފްސާނީ އަދި ޖިސްމާނީ އެދުންތައް ކޮންޓްރޯލު ކޮށް އެއިން ޖިހާދު ކުރުމަށް ތައްޔާރުވާން ލިބޭ ވަރަށް މުހިންމު ފުރުސަތެކެވެ.

ކެތްތެރިކަން ލިބިގަތުމާއި، ނަފްސާއި ޖިސްމުން ޖިހާދު ކުރުމަކީ ވަރަށް މާތް އަދި އެހާމެ މުހިންމު ދެކަމެވެ. މިކަންކަމުގެ މާތްކަން ކީރިތިރަސޫލާ ﷺ އިބްނު މަސްޢޫދަށް ސިފަކޮށްދެއްވަނީ މިފަދައިންނެވެ.” އެއީ މާތް ﷲގެ އަމުރުތަކަށް ކިޔަމަން ވުމުގަ އާއި އެކަލާނގެ ނަހީތަކުން ދުރުހެލިވުމުގައި ކެތްތެރިވާ މީހުންނެވެ. އެމީހުންނަށް ހެޔޮ ރިޒުޤެއް ލިބިއްޖެ ނަމަ އެއިން އިޤުތިޞާދު ކުރާނެއެވެ. އަދި ހެޔޮ ފޯރުވާނެ އެވެ. އެހެންކަމުން އެމީހުން ކާމިޔާބު ވާނެ އެވެ. އިބްނު މަސްޢޫދު އެވެ. އެމީހުންނަކީ ޚުޝޫޢަތްތެރި ބައެކެވެ. މަޑުމައިތިރި ބައެކެވެ. ކަންކަމާމެދު ވިސްނައި ފިކުރުކޮށް ކަންކަމުން ޢިބްރަތް ލިބިގަންނަ ބައެކެވެ. އެއީ ޢަދުލުވެރިންނެވެ. އެއީ ތަޤުވާވެރި އިޙުސާންތެރިންނެވެ. ﷲއަށްޓަކައި ކަންކަމަށް ލޯބިކުރާ އަދި ﷲއަށްޓަކައި ކަންކަމަށް ނަފްރަތު ކުރާ މީހުންނެވެ. އެއީ އަމާނާތްތެރިންނެވެ. ހައްގު ގޮތުގައި މީހުންނަށް އެހީ ފޯރުވާ މީހުންނެވެ. ޢަފޫ ކުރަން ދަންނަ މީހުންނެވެ. އޭ އިބްނު މަސްޢޫދު އެވެ. އެމީހުންނަށް އިމްތިހާނު ކުރުމުގެ ގޮތުން މުސީބާތެއް ކުރިމަތިވާ ހިނދު ކެތް ކުރާނެ އެވެ. ނިޢުމަތެއް ލިބޭ ހިނދު ޝުކުރު ކުރާނެއެވެ. އެމީހުން ހުކުމެއް ކޮށްފިނަމަ އަދުލުވެރިވާނެ އެވެ. ބަހެއް ބުނެފި ނަމަ ތެދުވެރިވާނެ އެވެ. ވަޢުދެއް ވެއްޖެ ނަމަ އެއަށް ވަފާތެރި ވާނެއެވެ. ކުށެއް ކުރެވިއްޖެ ނަމަ އިސްތިޣުފާރު ކުރާނެ އެވެ. ހެޔޮ ކަމެއް ކުރެވިއްޖެ ނަމަ އުފާކޮށް ﷲގެ ހެޔޮ ދަރުމައަށް އިންތިޒާރު ކުރާނެ އެވެ. އެމީހުން ޖާހިލުންނާ ބައްދަލު ވެއްޖެ ނަމަ ސަލާމް އޭ ބުނާނެ އެވެ. ބޭކާރު ވާހަކަތަކުން ރިވެތި ގޮތުގައި ސަލާމަތް ވާނެ އެވެ. އެމީހުން އަބަދުވެސް ހެޔޮ ބަހުން މެނުވީ ވާހަކަ ނުދައްކާނެ އެވެ. އިބްނު މަސްޢޫދު އެވެ. މާތް ﷲ ގަންދީ ވިދާޅުވަމެވެ. ކާމިޔާބު މީހުންނަކީ އެއީ އެވެ.“

އާދެ، އެހެންކަމުން މިފަދަ ސިފަތައް އިންސާނާގެ ކިބައިގައި ހަރުލެވިއްޖެ ނަމަ އެއީ ނަފްސުން ޖިހާދު ކުރުމުގެ ކުޅާދާނަކަން ލިބުމެވެ. މި ކުޅަދާނަކަން ލިބިއްޖެ މީހަކަށް ޖިސްމާނީ އެދުންތަކާ ޖިހާދު ކުރުމުގެ ގާބިލުކަންވެސް ލިބޭނެކަން ކަށަވަރެވެ. ރޯދައިގެ އަޅުކަން އަދާ ކުރުމަކީ ޖިސްމާނީ އަދި ނަފްސާނީ އެދުންތައް ކޮންޓްރޯލު ކުރުމަށް ލިބޭ ވަރަށް މުހިންމު ފުރުސަތެކެވެ. ނަމަވެސް އެ ފައިދާ ހޯދައިގަތުމަށްޓަކައި އިންސާނާ ވަރަށް ބޮޑު ބުރައެއް އުފުލަން ޖެހެ އެވެ. ކެއިންބުއިމާއި އެނޫންވެސް ޖިސްމާނީ ބޭނުންތައް ފުއްދުމުގައި ވަކި ހަމަތަކެއް ގެންގުޅެން ޖެހެ އެވެ. ޤުރުއާނާއި ސުންނަތުގެ އިރުޝާދު ތަކުގެ އަލީގައި ނޫން ގޮތަކަށް އެކަން ކުރާ ނަމަ ރޯދައިގެ އަސްލު މަގުސަދުތައް އެކީ ހާސިލު ނުކުރެވޭނެ އެވެ. މިގޮތުގެ ކެއިންބުއިމުގެ އާދަތައް އާންމުކޮށް އަޅުގަނޑުމެން ގެންގުޅޭ އާދަތަކާ ތަފާތުކުރަން ޖެހެ އެވެ. ރޯދައަށް ހުރުމަށްޓަކައި ހާރު ކެއުމަކީ ހަމަ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެކެވެ. އަދި ހާރު ކެއުން ވީހާވެސް ފަސްކުރަން ޖެހެ އެވެ. ހާރުކައިގެން ވަގުތުން ނިދުމަކީ އިސްލާމީ ގޮތެއް ނޫނެވެ. ފަތިސް ނަމާދުގެ ސުންނަތާއި ފަތިސް ނަމާދު ކުރުމުން ލިބޭ ދަރުމަ އާއި ރޫޙާނީ އަދި އެނޫން މަންފާތަކުގެ އިތުރުން އެއީ ހަށިގަނޑަށް ލިބޭ ކަސްރަތެއްކަން ހަނދާން ކުރަން ޖެހެ އެވެ. އިރު އޮއްސޭ ވަގުތު ގިނައިން ކެއުމަކީ އޮންނަ ގޮތެއް ނޫނެވެ. މަޣްރިބު ނަމާދުގެ ކުރިން ރޯދަވީއްލުން އެއީ ސުންނަތެކޭ ބުނާ ބަހުގެ މުރާދަކީ ބަނޑު ފުރެންދެން އެ ވަގުތު ކެއުމެއް ނޫނެވެ. އެ ވަގުތު ބޭނުންވާނީ ހަމައެކަނި ރޯދަ ވީއްލާލުމެވެ. ކަދުރު ނުވަތަ ދިޔާ އެއްޗެއްސަކީ އެވަގުތަށް އެންމެ ބޭނުންވާ އެއްޗެއްސެވެ. ހުރިހާ ވަގުތަކު ވެސް ކާން ޖެހޭނީ ހަށިގަނޑަށް ފައިދާހުރި ތަކެއްޗެވެ. އަދި ނަބަވީ އިރުޝާދުގައިވާ ގޮތަށް ވަރަށް މަދު މިންވަރަކަށް އެކަންޏެވެ. ބަނޑަށް އުނދަގޫވާ ވަރަށް ގިނައިން ނޫންކަން ހަނދާން ކުރަން ޖެހޭނެ އެވެ.

މިފަދަ ކަންކަން އާދަކުރުމަކީ ފަށައިގަންނަ މީހަކަށް މާފަސޭހަ ވާނެ ކަމެއް ނޫނެވެ. އެކަމަކު މާތްﷲ އިންސާނާގެ ހަށިގަނޑު ހައްދަވާފައި ވަނީ ވަރަށް ވެސް އަޖައިބު ފުރިހަމަ ގޮތެއްގަ އެވެ. މިފަދަ ކަންކަމަށް ހަށިގަނޑު ހާނުވާލެވޭ ފަދަ ގޮތެއްގަ އެވެ. ވީމާ ދީނީ އިރުޝާދުތަކަށް އިންސާނާ ތަބާވެގެން މިކަމުގައި އެއްވެސް ގެއްލުމެއް ނުލިބޭނެކަން ހަނދާން ކުރަން ޖެހޭނެ އެވެ. މިގޮތަށް ހަށިގަނޑު އާދަ ކުރުވުމަކީ ކުޑަ ހިތްވަރަކާ އަޒުމަކާ އެކު ކުރެވިދާނެ ކަމެކެވެ.

ހަށިގަނޑު މިގޮތަށް ހާނުވަން ކުރާ މަސައްކަތާ އެކު ނަފްސުގެ ޖިހާދުގައި ދެން ހިމެނޭ އެންމެ މުހިންމު ކަމަކީ ރިވެތި އަޚްލާޤީ ސިފަތަކުގެ މަތީ އިންސާނާ ދެމިހުރުމަށް ކުރަން ޖެހޭ މަސައްކަތެވެ. ރޯދައިގެ އަޅުކަމުގައި އަންނަ ބަނޑުހައިވުމާއި ކަރުހިއްކުމުގެ ސަބަބުން ރުޅިގަދަ ވުމަކީ ވަރަށް ވެސް ތަބީއީ ކަމެކެވެ. އެހެންވެ ވަރަށް ގިނަ މީހުންގެ ސުލޫކު ކޮންޓްރޯލު ނުކުރެވޭތަން ފެނިގެން ހިނގައިދޭނެ އެވެ. އެހެންނަމަވެސް އިސްލާމް ދީނުގައި ރޯދައިގެ ވާހަކަތައް ބަޔާންކުރާއިރު މިކަމަށް ހައްލެއް ގެންނަން ވަރަށް ގިނަ އިރުޝާދުތައް ދީފައި ވެ އެވެ. މިގޮތުން ރިވެތި އަޚްލާޤީ ސިފަތައް ދަމަހައްޓަން މަސައްކަތް ނުކުރެވޭ ނަމަ ރޯދައަކީ ބޭކާރު އެއްޗެއްކަން ބަޔާން ކުރެ އެވެ. ރޯދައިގެ އެންމެ މުހިންމު މަގުސަދަކީ ތަޤުވާވެރިވުންކަން ބަޔާން ކުރެ އެވެ. ތަޤުވާވެރިކަން ހާސިލު ކުރެވެނީ ނަފްސު ތަޒުކިޔާ ކޮށްގެންނެވެ. އެބަހީ ނަފްސުގައިވާ އެންމެހާ ނުބައި ސިފަތައް ފޮހެލައި އޭގެ ބަދަލުގައި ރަނގަޅު އެންމެހާ ސިފަތަކުން ނަފްސު ޒީނަތްތެރި ކޮށްގެންނެވެ.

ނަފްސު ތަހުޒީބު ކުރުމަކީ ބުރަ މަސައްކަތަކަށް ވާ ހިނދު މިކަމުގައި ފަރުދީގޮތުން އެކި މީހުން ތަފާތުވާނެކަން ވެސް ހަނދާން ބަހައްޓަން ޖެހެ އެވެ. ސަބަބަކީ މާތް ﷲ އެކަލާނގެ މަޚްލޫޤުންގެ މެދުގައި ތަފާތުތައް ލައްވަވާފައިވާތީ އެވެ. މިގޮތުން އިންސާނުންނަށް ބަލާއިރުވެސް ވިސްނުމާއި ސުލޫކާއި ބޭނުންތަކާއި މިފަދަ އެތައް ކަމެއްގައި އެކަކު އަނެކަކާ ތަފާތުވެ އެވެ. މިތަފާތުގެ ސަބަބުން އިންސާނާ ރިވެތި އަޚްލާޤާއި މާތް ސިފަތައް ލިބިގަތުމާއި ހިކުމަތާއި ވިސްނުންތެރިކަން ހުރިހާ ކަންކަމެއްގައި ވެސް ބޭނުންކުރުމަށް ލިބިފައިވާ ގާބިލިއްޔަތުގައި ވެސް ތަފާތުވެ އެވެ. ނަތީޖާއެއްގެ ގޮތުން ނަފްސުން ޖިހާދު ކުރުމާއި ޖިސްމާނީ އެދުންތައް ކޮންޓްރޯލު ކުރުމުގައިވެސް އެކަކު އަނެކަކާ ތަފާތު ވެ އެވެ. އެހެންނަމަވެސް މިފަދަ ކަންކަމުގައި އިންސާނާގެ ނަފްސާނީ އަދި ޖިސްމާނީ ބޭނުންތައް ކޮންޓްރޯލު ކުރެވޭ ނަމަ އަދި މިކަމުގައި އެއްކައުވަންތަ ﷲއަށް އީމާންވުން އެކުލެވޭ ނަމަ އިންސާނާގެ ނަފްސު ތަހުޒީބުވެ ދުނިޔެ އާއި އާޚިރަތުގައި ކާމިޔާބު ހާސިލު ކުރެވޭނެ އެވެ.

އެހެންކަމުން މި ތަފާތުތަކާ އެކު ވެސް އެމީހަކަށް ކުޅަދާނަވީ މިންވަރަކުން ނަފްސު ތަހުޒީބު ކުރަން މި ކުރިމަތިލާ ބަރަކާތްތެރި ރަމަޟާން މަހު މަސައްކަތް ކުރުމުގެ އަޒުމު އާކުރުން މުހިންމެވެ.