03 ޖޫން 2016 - 19:15

ތެހެރާން (ޖޫން 3) - އީރާނުގެ އެންމެ ބޮޑު ދުޝްމަނުންނަކީ އަދިވެސް އިޒްރޭލާއި އެމެރިކާ އަދި އިނގިރޭސި ވިލާތް ކަމަށް އެ ގައުމުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.

އީރާނުގެ ކުރީގެ ރޫހީ ލީޑަރު އާޔަތުﷲ ރޫހުﷲ ޚުމައިނީ އަވަހާރަވިތާ 27 އަހަރު ފުރުން ފާހަގަ ކުރަން ޓީވީ މެދުވެރި ކުރައްވާ ދެއްވި ތަގްރީރެއްގައި ޚާމަނާއީ ވިދާޅުވީ މިދިޔަ ޖެނުއަރީ މަހު ދުނިޔޭގެ ބާރުތަކާ އެކު އީރާނުން ގާއިމްކުރި ނިއުކްލިއާ އެއްބަސްވުމުގައިވާ ކަންކަމާ ޚިލާފުވުމަށް އެމެެރިކާ އިން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ދުނިޔޭގެ ބާރުތަކާ އެކު އީރާނުން އިށީނދެ މަސައްކަތް ކުރަމުން ދިޔައީ ވަރަށް އިޚްލާސްތެރިކަމާ އެކު. އަދި އެމެރިކާއާ ވަކިން ވެސް މަޝްވަރާ ކުރިން. އެއްބަސްވުމުގައިވާ ކަންކަން އީރާނުން ފުރިހަމަ ކުރި އިރު އެމެރިކާ އިން ދަނީ އެ ކަންކަމަށް އިހްތިރާމް ނުކުރަން މަސައްކަތް ކުރަމުން،" ޚާމަނާއީ ވިދާޅުވި އެވެ. "އެމެރިކާ އަށް އިތުބާރު ކުރާ ކޮންމެ ބަޔަކު އެ ހަދަނީ ބޮޑު ގޯހެއް. އެ ބަޔަކު ގައިގައި ފަހަތުން އެތިފަހަރަކުން ޖަހާނެ."
ޚާމަނާއީ ތަގްރީރު ދެއްވަމުން ދިޔައިރު އަޑު އަހަން ތިބި މީހުން ވަނީ "އެމެރިކާގެ ހަލާކަށް އެދި" އަޑު އުފުލައިފަ އެވެ.
ނިއުކްލިއާ އެއްބަސްވުމާ އެކު އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އދ. އިން އުވާލި ނަމަވެސް އެ ގައުމުން މިސައިލް ޕްރޮގްރާމެއް ހިންގާ ކަމަށާއި އިންސާނީ ހައްގުތަކުގެ ހާލަތު ދަށް ކަމަށާ އަދި ހިޒްބުﷲ ފަދަ ޖަމާއަތްތަކަށް އެހީވާ ކަމަށް ބުނެ އެމެރިކާ އިން އަދިވެސް ވަނީ ދަތިކުރުމުގެ ބައެއް ފިޔަވަޅުތަކަށް ލުއި ދޭން ދެކޮޅު ހަދައިފަ އެވެ.
ޚާމަނާއީ ވިދާޅުވީ މިއީ އެމެރިކާ އެކު މަޝްވަރާއަކަށް ދެވޭނެ ކަންކަން ނޫން ކަމަށާއި މަޝްވަރާތަކަށް އެމެރިކާ އިން ވަންނާނީ ހިނިތުންވެ ތިބެގެން ކަމަށާއި އެކަމަކު އެއްބަސްވާ ކަންކަމަށް އަމަލު ނުކުރާނެ ކަމަށެވެ. --އޭއެފްޕީ