08 އެޕްރީލް 2021 - 17:54

އަންނަ ހަފުތާގައި ފަށާ ރޯދަމަހު ސްކޫލުތަކުގައި އެންމެ ގިނައިރު ކިޔަވައިދޭނީ ތިން ގަޑިއިރަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސައިފި އެވެ.
ސްކޫލުތަކަށް މިދިޔަ މަހުގެ 28 ގައި ފޮނުވި ސާކިއުލާއެއްގައި އެ މިނިސްޓްރީން ބުނީ އެއް ދަންފަޅި އަށް ކިޔަވައިދޭ ސްކޫލުތައް ފަށާނީ ހެނދުނު 8:30-9:00 އާ ދެމެދު ކަމަށެވެ، ދެ ދަންފަޅީގެ ސްކޫލުތަކުގެ ގަޑިތައް ހެނދުނު 8:30 އާއި މެންދުރު ފަހު 3:00 އާ ދެމެދު ހަމަޖެއްސުމަށް އަންގާފައި ވެ އެވެ.
އެލްކޭޖީ އަދި ޔޫކޭޖީގައި ކިޔަވާ ކުދިންނަށް ކިޔަވައިދޭނީ 1 ގަޑި 30 މިނެޓު ވަންދެންނެވެ. ގްރޭޑު 1-6 ގެ ކުދިންނަށް ދެ ގަޑި 30 މިނެޓު އަދި ގްރޭޑު 7 އިން މަތީގެ ކުދިންނަށް ކިޔަވައިދޭނީ ތިން ގަޑިއިރަށެވެ.
މާއްދާއެއް ކިޔަވައިދޭ ވަގުތުގެ ދިގުމިން 30-45 މިނެޓާ ދެމެދަށް ފައްތަން ވެސް ސާކިއުލާގައި ވަނީ އަންގައިފަ އެވެ.
މަދުވެގެން ދެ ހަފުތާ ތެރޭގައި ހުރިހާ މާއްދާ ކިޔަވައިދެވޭނެ ގޮތަކަށް އިންތިޒާމު ކުރަންޖެހެ އެވެ.
އެކަންކަމުގެ އިތުރުން ދަންފަޅިތައް ރާވާއިރު ހަތަރު ގަޑިއިރަށް ވުރެ ދިގު ނުވާނެހެން ޓީޗަރުންގެ މަސައްކަތުގަޑި ހަމަޖެއްސުމާއި މަޣުރިބް ނަމާދުން ފެށިގެން ތަރާވީހު ނަމާދު ނިމެންދެން ސްކޫލުގެ އެއްވެސް ހަރަކާތެއް ނުހިންގުމާއި ސާނަވީ އަދި މަތީ ސާނަވީ އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންނަށް ރޭގަނޑު ސްކޫލުން ހިންގާ ޕްރޮގްރާމްތައް 9:00-10:30 އާ ދެމެދު ރާވަން އަންގާފައި ވެ އެވެ.