08 އެޕްރީލް 2021 - 15:21

މާލޭގެ ގެއެއްގައި ހަތިޔާރު ގެންގުޅޭ ކަމަށް ބެލެވިގެން ހިންގި އޮޕަރޭޝަނުގައި ފެނުނީ ކުޅޭ ބަޑިއެއް ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސާ މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ ސިފައިން އޮޕަރޭޝަން ހިންގީ ފުލުހުން ހިންގި އޮޕަރޭޝަނެެއްގައި ސިފައިންގެ އެހީ އަށް އެދުމުން ކަމަށެވެ.
އާޒިމް ވިދާޅުވީ އެ އޮޕަރޭޝަން މިހާރު ނިންމާލާފައިވާ ކަމަށެވެ.
ފުލުހުން ބުނީ ހަތިޔާރު ގެންގުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި އެ އޮޕަރޭޝަންގައި ބަލައި ފާސްކުރި ގެއިން އެފަދަ އެއްވެސް އެއްޗެއް ނުފެނުމުން އޮޕަރޭޝަން ނިންމާލާފައިވާ ކަމަށެވެ.
ފުލުހުންނާއި ސިފައިން އޮޕަރޭޝަން ކުރިޔަށް ގެންގޮސްފައި ވަނީ މުއިވެޔޮ މަގުގަ އެވެ. ހަތިޔާރާ އެޅި ސިފައިންނާ ގުޅިގެން ފުލުހުން އެ އޮޕަރޭޝަން ކުރިޔަށް ދިޔަ ވަގުތު މުޅި އެ ސަރަހައްދު އޮތީ ބަންދުކޮށްފަ އެވެ.