08 އެޕްރީލް 2021 - 15:03

ދިރާގު ޓީވީގެ ހިދުމަތް ރ. އަލިފުށްޓަށް މިއަދު ތައާރަފުކޮށްފި އެވެ.
މި ހިދުމަތް އެ ރަށަށް ތައާރަފުކުރީ ދިރާގުގެ ޑިޖިޓަލް ހިދުމަތްތައް ފުޅާކުރުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިންނެވެ. މިހާރު ވެސް ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް މި ހިދުމަތް ވަނީ ތައާރަފު ކޮށްފަ އެވެ.
އަލިފުއްޓަށް ދިރާގު ޓީވީގެ ހިދުމަތް ތައާރަފު ކޮށްފައިވާއިރު ދިރާގުން ވަނީ ދާދި ފަހުން އެ ހިދުމަތާ ގުޅޭ ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ. މި ޕްރޮމޯޝަނުގެ ދަށުން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅޭ ކަސްޓަމަރުންނަށް ދިރާގު ޓީވީގެ ހިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ޖޯއިބޮކްސް (ޑީކޯޑަރު) މުޅިން ހިލޭ ލިބޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މޭ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.
މީގެ އިތުރުން އެ ކުންފުނިން ވަނީ ދިރާގު ޓީވީގެ ގޯލްޑް ޕެކެއް ވެސް ތައާރަފުކޮށްފަ އެވެ. މި ޕެކް މެދުވެރިކޮށް 450ރ. އަށް 100 އަށްވުރެ ގިނަ ޗެނަލްތައް ބެލާލެވޭނެ އެވެ. މިޕެކުގައި އެ ކުންފުނިން އަލަށް އިތުރު ކުރި ސިނަމަޗީގެ ޗެނަލްތައް ވެސް ހިމެނޭނެ އެވެ.
ދިރާގުގެ އެސިސްޓެންޓް މެނޭޖަރު، ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު ވިދާޅުވީ ދިރާގުން މަސައްކަތް ކުރަމުން ދަނީ ވީހާވެސް ގިނަ ބަޔަކަށް ދިރާގު ޓީވީ މެދުވެރިކޮށް ހައި ކޮލިޓީ ޗެނަލްތައް ބަލާލުމުގެ ފުރުސަތު ހޯދައިދިނުމަށް ކަމަށެވެ.
"އަޅުގަނޑުމެން އުންމީދު މިކުރަނީ އަލިފުށީގައި ދިރިއުޅޭގެ ރައްޔިތުންގެ ދިރިއުޅުމަށް އިތުރު ފާގަތިކަމެއް ގެނެސްދީ ދިރާގުޓީވީ މެދުވެރިކޮށް މުނިފޫހިފިލުވުމަށް އިތުރު ލުއިފަސޭހަތަކެއް ލިބޭގެންދާނެކަމަށް،" ޖައިޝާން ވިދާޅުވި އެވެ.
ދިރާގު ޓީވީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި މަޝްހޫރު ޑިޒްނީ ޗެނަލްތައް، ސޮނީގެ ސްޕޯޓްސް ޗެނަލްތައް، ލައިފްސްޓައިލް ޗެނަލްތަކުގެ ތެރޭގައި ފުޑް ނެޓްވޯކް، ރާއްޖެއާއި ބޭރު ދުނިޔޭގެ ހަބަރު ޗެނަލްތައް އަދި އަލް ޤުރުއާން އަލް ކަރީމް ފަދަ ދީނީ ޗެނަލްތައް ހިމެނެ އެވެ.