08 އެޕްރީލް 2021 - 15:39

ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބު އިންސާފުވެރި ނުވާނެ ކަމުގެ ހެކިތައް އެބަހުރި ކަމަށް ބުނެ އިދިކޮޅު ކޯލިޝަންގެ ކަންބޮޑުވުންތައް ބަންޑުންކޮށްލައިފި އެވެ.
ޕީޕީއެމް އޮފީހުގައި އިދިކޮޅުގެ ކައުންސިލް އިންތިޚާބު ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅުގެ ކެމްޕެއިން މެނޭޖަރު މުއާޒު މުހައްމަދު ރަޝީދު ވަނީ އިންތިޚާބު އިންސާފުވެރި ނުވާނެކަމުގެ އެތައް ހެއްކެއް ފެންނަމުންދާ ކަމަށް ވިދާޅުވެފަ އެވެ.
މުއާޒު ވިދާޅުވީ ވޯޓަށް މިހާ ގާތްވެފައިވަނިކޮށް އާ ޕްރޮޖެކްޓްތަކެއް ސަރުކާރުން ރަށްރަށުގައި ހިންގަމުން އަންނަ ކަމަށެވެ. އަދި އެތައް ހުވަފެންތަކެއް ދައްކަމުން އަންނަ ކަމަށާއި އެ ކަންކަމަކީ ވާނެ ކަންތައްތަކެއް ވެސް ނޫން ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ އިންތިޚާބަށް ނުފޫޒު ފޯރުވަން ކުރަމުން އަންނަ ކަންކަމެވެ.
މުއާޒު ވިދާޅުވީ ތަފާތު ނަންނަމުގައި ވަޒީފާތައް ވެސް ތައާރަފުކުރަމުން އަންނަ ކަމަށެވެ. އަދި އިންތިޚާބު ނިމުމުން ވަޒީފާ ހަމަޖެހޭނެ ކަމަށް ވެސް ބުނަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އެކަން ކުށްވެރިކޮށް މުއާޒު ވިދާޅުވީ އިންތިޚާބަށް ނުފޫޒު ފޯރުވި ނަމަވެސް އިދިކޮޅުން އިންތިޚާބު ކާމިޔާބުކުރާނެ ކަމަށެވެ.
މުއާޒު ވަނީ މި އިންތިހާބުގައި މޮނިޓަރުންނާއި އޮފިޝަލުން ވޯޓު ފޮއްޓަށް ވަރަށް ބޮޑަށް ފާރަވެރިވާން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
"ވޯޓުލާން އަންނަނީ ކޮން ބައެއްތޯ ކަށަވަރުކުރަން އެބަޖެހޭ. މާސްކް އަޅާފައި މި އަންނަނީ ކާކުތޯ ކަށަވަރުކުރަން އެބަޖެހޭ. މި އަންނަނީ ހަމަ ހަގީގަތުގައި ވެސް މި ފޮއްޓަށް ވޯޓުލާން ނަން އޮތް މީހާތޯ. އެއީ ސަރުކާރުން މި އިންތިޚާބު އޮޅުވާލުމަށްޓަކައި ކިތަންމެ ކިތަންމެ މަސައްކަތެއް އެބަކުރޭ،" މުއާޒު ވިދާޅުވި އެވެ.
މި ތުހުމަތާ އެކު މުއާޒު ވަނީ "ވޯޓު ފޮށީގައި ބަނޑު އަޅައިގެން ނަމަވެސް" ފޮއްޓަށް ވަރަށް ބޮޑަށް ފާރަވެރިވުމަށް ކެންޑިޑޭޓުންގެ މަންދޫބުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
ސަރުކާރާއި އިލެކްޝަންސް ކޮމިޝަނުން ވެސް އިންތިޚާބު އޮޅުވާލުމަށް މަސައްކަތްކުރާ ކަމަށް ތުހުމަތު ކުރައްވަމުން އިދިކޮޅު ކެމްޕެއިން ޓީމުގެ ޑެޕިއުޓީ މެނޭޖަރު އަހުމަދު ރަޝީދު ވަނީ ރީރަޖިސްޓްރޭޝަން ކުރުމުގެ ތެރެއިން ވެސް އޮޅުވާލުންތަކެއް އޮތްކަމަށް ވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވީ މީހުން ރީރަޖިސްޓްރީ ކުރި ތަންތަން ނޫން ތަންތަނަށް އެމީހުންގެ ނަންތައް ބަދަލުކޮށްފައިވާ ކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ. އެހެންވެ، ވޯޓުލާން ދިއުމުގެ ކުރިން، އެ މީހަކު ރަޖިސްޓްރީކޮށްފައިވާ ތަނެއް ބަަލައި، ޝަކުވާ ހުށަހަޅަން ޖެހިއްޖެނަމަ އީސީއަށް ޝަކުވާ ހުށަހެޅުމަށް ފަހު އިދިކޮޅުގެ ކެމްޕެއިން ޓީމަށް ހިއްސާކުރަން ވަނީ އެދިފަ އެވެ.
ރަޝީދު ވަނީ ވޯޓުލާ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އިދިކޮޅު ސަޕޯޓަރުން ވޯޓުލާ ނިންމުމަށް ވެސް އެދިވަޑައިގެންފަ އެވެ. އަދި އިންތިޚާބާ ގުޅޭ ގޮތުން ކޯޓަށް ހުށަހަޅާފައިވާ މައްސަލަތައް ނުބަލައި އިންތިޚާބު ބޭއްވުމަކީ އިންސާފުވެރި ގޮތް ކަމަށް ނުދެކޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން ރަޝީދު ވަނީ މީގެ ކުރިން އީސީއާ އެކު ބޭއްވި ބައްދަލުވުމެއްގައި ވޯޓުލާ ވަގުތު އިތުރުކުރާނެތޯ ސުވާލުކުރުމުން، ދަންވަރު 12 އަށް ވެސް ވޯޓުލުން ކުރިއަށް ހިނގައިދާނެ ކަމަށް ބުނެފައި ކަމަށެވެ. މިކަމަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ މިކަމާ ކަންބޮޑުވަނީ އެމްޑީޕީ ކެންޑިޑޭޓުން މޮޅުވަންދެން ވޯޓުލުން ކުރިއަށް ގެންގޮސްދާނެތީ ކަމަށެވެ.
"މިއީ އިންސާފުވެރި އިންތިޚާބެއް ނޫނޭ. މިހެންކުރި މައްސަލަތައް ނުބަލާއި އިންތިޚާބު ކުރިއަށް ގެންގޮސްފިއްޔާ އާޚިރު ނަތީޖާ އަކީ އެންމެ ފަހުން ވެސް މިކަމާ ބެހޭ ގޮތުން ކޯޓަށް ވެސް މި މައްސަލަތައް ވައްދަން ޖެހިދާނެކަމީ އަޅުގަނޑުމެން ގަބޫލުކުރާކަމެއް،" ރަޝީދު ވިދާޅުވި އެވެ.
އިދިކޮޅުގެ ކެމްޕެއިން ނިންމުމަށް މާދަމާ ރަސްމިއްޔާތެއް ބާއްވަން ވެސް ވަނީ ހަމަޖެހިފަ އެވެ. އެ ހަރަކާތް ބާއްވަން ނިންމާފައި ވަނީ މާދަމާ ހަވީރު 4:30 ގައި ޕީޕީއެމް އޮފީސް ކުރިމަތީގަ އެވެ.