ޕީޕީއެމް ޕީޖީ ގްރޫޕުގެ ހަތަރު ވަނަ ޑެޕިއުޓީ ލީޑަރަކަށް އާރިފް
ޕީޕީއެމް ޕީޖީ ގްރޫޕުގެ ހަތަރު ވަނަ ޑެޕިއުޓީ ލީޑަރަކަށް އާރިފް

ޕީޕީއެމް ޕާލިމަންޓް ގްރޫޕް (ޕީޖ) ގްރޫޕުގެ ޑެޕިއުޓީ ލީޑަރަކަށް ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް މިއަދު ހަމަޖައްސައިފި އެވެ. މިއާއެކު އެ ޕާޓީގެ ޕީޖީ ގްރޫޕުގައި ހަތަރު ޑެޕިއުޓީ ލީޑަރުން ތިއްބަވާނެ އެވެ.

އެ ގްރޫޕުގެ ޑެޕިއުޓީ ލީޑަރަކަށް އެންމެ ފުރަތަމަ އައްޔަންކުރެއްވީ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދެވެ. ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ޕީޕީއެމް ޕީޖީ ގްރޫޕަށް އައްޔަންކުރެއްވީ އިއްޔެ އެވެ.

އިލްހާމަކީ ޕީޕީއެމް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅެކެވެ. އެއަށްފަހު އޭނާ ގުޅިވަޑައިގަތީ ޖުމްހޫރީ ޕާޓީއަށެވެ. ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުކަން ވެސް އަދާކުރެއްވުމަށްފަހު އިލްހާމް އަލުން ޕީޕީއެމާ ގުޅިވަޑައިގަތީ މިދިޔަ މަހުގެ ތެރޭގަ އެވެ.

އެ ގްރޫޕުގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވީ ޕީޕީއެމް ޕީޖީ ގްރޫޕަށް ގިނަ ޑެޕއިުޓީ ލީޑަރުން އައްޔަންކުރެއްވީ، ޕީޖީ ގްރޫޕަކީ މެމްބަރުން ވަރަށް ގިނަ ޕީޖީ އަކަށް ވާތީ އެކަށީގެންވާ އަދަދަަކަށް ޑެޕިއުޓީ ލީޑަރުން އިންތިހާބުުކުރަން ޕާޓީގެ ހިންގާ ގަވާއިދު ހުއްދަ ކުރާތީ ކަމަށެވެ.

"އެހެންވެ އިންތިހާބު ކުރީ،" "މިހާރު"އާ ވާހަކަދައްކަވަމުން ނިހާން ވިދާޅުވި އެވެ.

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެ ޕާޓީގެ މުޝްތަޝާރު ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރައްވާ ދެ ފެކްޝަން އުފެދިފައިވާއިރު ޕީޖީ ގްރޫޕު ވެސް ވަނީ ދެބައިވެފަ އެވެ. ޕީޕީއެމް ޕީޖީ ގްރޫޕުގައި މައުމޫނަށް ތާއީދުކުރައްވާ ހަތަރު މެމްބަރުން ތިއްބެވިއިރު ބާކީ ތިބި 44 މެމްބަރުންގެ ތާއީދު އޮތީ ރައީސް ޔާމީނަށެވެ.