08 އެޕްރީލް 2021 - 12:18

އެމްޑަބްލިއުއެސްސީން ނ. ހެނބަދޫ ފެނުގެ ނިޒާމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
ހެނބަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ފައްޓަވައިދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ އާއި އެ ރަށުގެ ކައުންސިލް ރައީސް އާދަމް ސަމީރެވެ. މި ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
ޕްލޭނިން މިނިސްޓްރީން އެމްޑަބްލިއުއެސްސީއާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 15 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއަށް 41.36 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެ ކުންފުނިން ވަނީ ލަފާކޮށްފަ އެވެ.
މި މަޝްރޫއުގެ ދަށުން ހެނބަދޫގައި 4.83 ކިލޯ މީތަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކަކާއި އާރުއޯ ފެސިލިޓީ އިމާރާތެއް ގާއިމް ކުރާނެ އެވެ. އަދި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓު ބަހައްޓައި ފެން ރައްކާކުރުމަށް ތިން ތާނގި ވެސް ބަހައްޓާނެ އެވެ.
މީގެ އިތުރުން މި މަޝްރޫއުގެ ދަށުން އެމްޑަބްލިއުއެސްސީން ގޭގައި ފެން މީތަރު ބަހައްޓައިދީ ކަނެކްޝަން ގުޅައި ދިނުމުގެ އިތުރުން ފެނުގެ ނިޒާމް ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނުވެސް ފޯރުކޮށްދޭނެ އެވެ.
މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ހޮޅި ވަޅުުލުމުގެ މަސައްކަތާއި ފެން ޕްލާންޓުގެ އިމާރާތުގެ މަސައްކަތެވެ.