ކޮންމެ ރައްޔިތަކު ގަޑިއަކު 13 ރުފިޔާގެ ދަރަންޏެއް ބޮލު އަޅަން އެބަޖެހޭ: ޝާހިދު
ކޮންމެ ރައްޔިތަކު ގަޑިއަކު 13 ރުފިޔާގެ ދަރަންޏެއް ބޮލު އަޅަން އެބަޖެހޭ: ޝާހިދު

ސަރުކާރުން 26 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސް ކުރަން އުޅެނީ ރައްޔިތުންގެ އަތުން ނެގުނު އެއްޗެއް ނެގުމުގެ ބޭނުމުގައި ކަމަށާއި މި ބަޖެޓާ އެކު ކޮންމެ ރައްޔިތަކު ގަޑިއަކު 13ރ. ގެ ދަރަންޏެއް ބޮލުއަޅަން ޖެހޭ ކަމަށް ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

ކޮންމެ ރައްޔިތަކު ގަޑިއަކު 13 ރުފިޔާގެ ދަރަންޏެއް ބޮލު އަޅަން އެބަޖެހޭ: ޝާހިދު
ކޮންމެ ރައްޔިތަކު ގަޑިއަކު 13 ރުފިޔާގެ ދަރަންޏެއް ބޮލު އަޅަން އެބަޖެހޭ: ޝާހިދު

އަންނަ އަހަރުގެ ބަޖެޓަށް ބަހުސް ކުރައްވަމުން، 2017 ވަނަ އަހަރުގެ ބަޖެޓު ޝާހިދު ސިފަ ކުރެއްވީ ރައްޔިތުން ނިކަމެތިކޮށް، އިތުރަށް ދަރަނިވެރި ކުރުވައި އަޅުވެތިކުރަން ހުށަހަޅާފައި އޮތް ބަޖެޓެއްގެ ގޮތުގަ އެވެ. މިއީ ރައްޔިތުންނަށް އޮޅުވާލަން ހުށަހަޅައިގެން އުޅޭ ބަޖެޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ މަޖިލީހުން ބަޖެޓު ފާސްކޮށްފި ނަމަ، ދިވެހި ކޮންމެ ރައްޔިތެއްގެ ބޮލުގައި 120،000ރ.ގެ ދަރަންޏެއް އެޅޭނެ ކަމަށެވެ. އަދި ދިވެހި ޖައްވަށް ނޭވާލާ ކޮންމެ ރައްޔިތެއްގެ ބޮލުގައި ކޮންމެ ގަޑިއަކު 13 ރުފިޔާގެ ދަރަނި ބޮލު އަޅަން ޖެހޭ ކަމަށް ޝާހިދު ވިދާޅުވި އެވެ.

"މި ސަރުކާރުގެ ވިސްނުމަކީ މި ޖީލާއި އަންނަން އޮތް ޖީލުތައް ދަރަނިވެރި ކުރުން. ދަރަނިން ބޯ ނުހިކިގެން އުޅޭ މަންޒަރު މި ބަޖެޓުން ރަނގަޅަށް ފެނޭ،" ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި ސިޔާސީ އެތައް މަގާމުތަކެއް އުފައްދާފައިވާތީ ޝާހިދު ފާޑު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ސިޔާސީ މަގާމުތަކުގެ މުސާރަ އާއި އިނާޔަތް 229 މިލިއަނަށް އަރާއިރު، މިއީ ސަރުކާރުގެ 11 އޮފީހެއްގެ ޖުމްލަ ބަޖެޓާ އެއްވަރު އަދަދެކެވެ.

ޝާހިދު ވިދާޅުވީ ތަފާތު އެކިއެކި ނަންނަމުގައި ރައްޔިތުންގެ އަތުން ޓެކްސް ނަގައި، ކާޑުގެ ބާވަތްތަކުން ވަކި ބަޔަކަށް ސަބްސިޑީ ދޭ ގޮތަށް ހެދުމުން ރައްޔިތުންނަށް ކުރިމަތިވާނީ އިތުރު ދަތި ކަމެއް ކަމަށެވެ.

ބަޖެޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދެއްކެވި ހިންނަވަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވި ގޮތުގައި މިއީ ހަމަހަމަކަމާއި އިންސާފެއް ނެތް ބަޖެޓެކެވެ. މަޑު ޖެހިފައި އޮތް އިގްތިސާދު ހަރުދަނާކޮށް ކުރިއެރުމަށް ކުރެވޭ މަސައްކަތެއް ބަޖެޓުން ނުފެންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ތަރައްގީގެ މަޝްރޫއުތައް ހުއްޓުމަކަށް އައިސް، އިތުރު މަޝްރޫއުތަކަށް ހަރަދު ކުރާނެ ފައިސާ ހޯދޭނެ ގޮތެއް މި ބަޖެޓަކުން ނުފެނޭ. މި ބަޖެޓުން ފެނިގެން ދަނީ ދައުލަތުގެ މާލިއްޔާ ބޭރުގެ ވަކި ބައެއްގެ މުށުތެރެއަށް ވަންނަ މަންޒަރު،" އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ އާމްދަނީގެ ގޮތުގައި ސަރުކާރަށް 22 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބުނި ނަމަވެސް، އެ އަދަދާ ގާތްކުރާ ވަރަށް ވެސް އާމްދަނީއެއް ސަރުކާރަށް ނުލިބޭނެ ކަމަށެވެ. އެ ގޮތުން ހަމައެކަނި ރިކަރަންޓް ހަރަދާއި ލޯނު ދެއްކުމަށް 16 ބިލިއަން ރުފިޔާ ހަރަދުވާއިރު ރައީސް ޔާމީންގެ ދައުރުގައި ދައުލަތުގެ ދަރަނި ދެ ގުނަ ވާނެ ކަމަށް ވެސް މަޖިލީހުގެ މައިނޯރިޓީ ލީޑަރު އިބޫ ވިދާޅުވި އެވެ.

އެމްޑީޕީ ސަރުކާރުގައި ދައުލަތުގެ ދަރަނި ހުންނާނީ ގާތްގަނޑަކަށް 11 ބިލިއަން ރުފިޔާގައި ކަމަށް އޭނާ ވިދާޅުވި އެވެ. އެމްޑީޕީ ސަރުކާރު ނިމުނުއިރު، 26 ބިލިއަން ރުފިޔާ ދަރަނީގެ ގޮތުގައި ހުރި ކަމަށް ދެކެވޭ ވާހަކަތަކަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު ދަރަނި 40 ބިލިއަނަށްވުރެ މައްޗަށް އަރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދަރަނި 26 ބިލިއަނަށް އެރީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު އައުމުންނެވެ. އަދި މި ސަރުކާރު ހިފަހައްޓަނީ އެމްޑީޕީން ތައާރަފް ކުރި ޓެކްސް ނިޒާމުގެ ސަބަބުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.