08 އެޕްރީލް 2021 - 10:05

ކިލިއަން އެމްޕާބޭގެ ދެ ލަނޑާއެކު، ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް އަތުން 3-2 އިން ޕީއެސްޖީ ރަށުން ބޭރުގައި މޮޅުވެއްޖެ އެެވެ.
މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ބަޔާން އިން ތަށި އުފުލާލީ ޕީއެސްޖީ ބަލިކުރުމަށް ފަހު އެވެ. ރޭގެ މެޗަށް ބަޔާން ނިކުތްއިރު، ޗެމްޕިއަންސް ލީގުގައި ބަޔާން އެންމެ ފަހުން ކުޅުނު 19 މެޗުން ވެސް ބައްޔެއް ނުވެ އެވެ.
ބަޔާންގެ ދަނޑުގައި ކުޅުނު މެޗުގައި ޕީއެސްޖީން ދެ ލަނޑުގެ ލީޑެއް ނެގީ އެމްބާޕޭ އާއި މާކީނިއޮސް ޖެހި ލަނޑުތަކުންނެވެ. އެކަމަކު ޕީއެސްޖީ އަށް ކުރިން ކުޅުނު ކެމަރުންގެ ފޯވަޑް އެރިކް މެކްސިމް ޗޫޕޯ މޯޓިން އާއި ތޯމަސް މުލާ ޖެހި ލަނޑުތަކާއެކު، ބަޔާން އިން މެޗުގެ ނަތީޖާ ހަމަހަމަކުރި އެވެ.
އެހެން ނަމަވެސް، މެޗުގެ 68 ވަނަ މިނިޓުގައި އެމްބާޕޭ ވަނީ އިތުރު ލަނޑެއް ޖަހައި، ޕީއެސްޖީ އަށް ކުރި ހޯދައިދީފަ އެވެ.
މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި އެމްބާޕޭ ވަނީ މިހާތަނަށް 8 ލަނޑު ޖަހައިފަ އެވެ. ގަދަ 16 ބުރުގައި ބާސެލޯނާ އަތުން 4-1 އިން ޕީއެސްޖީ މޮޅުވި މެޗުގައި އެމްބާޕޭ ހެޓްރިކެއް ހެދި އެވެ.
ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ މި މެޗުގައި ޕީއެސްޖީން ދެއްކި ކުޅުމާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.
"މި މެޗުގައި ޓީމުން ދެއްކި ކުޅުމާމެދު ވަރަށް ހިތްހަމަޖެހޭ،" މެޗަށް ފަހު ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުންޏެވެ. "ޔޫރަޕްގެ އެންމެ މޮޅު ޓީމާ ދެކޮޅަށް ކުޅެ، ޕީއެސްޖީން ދެއްކި ކުޅުމާމެދު ވަރަށް ހިތްހަމަޖެހޭ."
މިއީ ހާންސީ ފްލިކްގެ އިރުޝާދުގެ ދަށުން ޗެމްޕިއަންސް ލީގުގައި ބަޔާން ބަލިވި ފުރަތަމަ މެޗެވެ.
"މި މެޗުގައި ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފިނަމަ، އަހަރެމެންނަށް ރަނގަޅު ނަތީޖާއެއް ނެރެވުނީސް،" ފްލިކް ބުންޏެވެ.