ކަބީރް ބޭދީގެ ބައޮގްރަފީގެ ކަވަރު ދައްކާލައިފި
ކަބީރް ބޭދީގެ ބައޮގްރަފީގެ ކަވަރު ދައްކާލައިފި

އިންޑިއާގެ އެކްޓަރު ކަބީރް ބޭދީގެ ބައޮގްރަފީގެ ކަވަރު ދައްކާލައި، އެ ފޮތުގެ ޕްރި-އޯޑަރަށް ހުޅުވާލައިފި އެވެ.

ކަބީރްގެ ވަރަށް ޒުވާން ދުވަސްވަރުގެ ކަޅާއި ހުދުގެ ފޮޓޯއެއް ހިމެނޭ ފޮތުގެ ކަވަރު ލޯންޗްކޮށް ދިނީ ވާޗުއަލްކޮށް ބޭއްވި އިވެންޓެއްގައި ސަލްމާން ޚާނެވެ. ސަލްމާން ބުނި ގޮތުގައި ކަބީރް ފަދަ އިންޑިއާގެ ލެޖެންޑަރީ އެކްޓަރެއްގެ ބައޮގްރަފީގެ ކަވަރު އާންމުކޮށްދިނުމުގެ ޝަރަފު ލިބުމަކީ ވަރަށް ބޮޑު އުފަލެކެވެ.

އޭނާ ބުނީ ކަބީރުގެ ފޮތުން ވަރަށް ގިނަ ފިލާޅުތައް ވެސް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށާއި އެއަށް ބޮޑު ކާމިޔާބީއަކަށް އެދޭ ކަމަށެވެ.

ބޮލީވުޑްގެ ކުރީގެ ބަތަލާ ޕޫޖާ ބޭދީ ބައްޕަ އަދި މި މިދިޔަ އަހަރު ބޮލީވުޑަށް ނުކުތް ބަތަލާ އަލާޔާ ފަރްނީޗަރުވާލާގެ ކާފަގެ ބައޮގްރަފީގެ ނަމަކީ "ސްޓޯރީޒް އައި މަސްޓް ޓެލް: ދި އިމޯޝަނަލް ލައިފް އޮފް އޭން އެކްޓާ ކަބީރް ބޭދީ" އެވެ.

އޭގެ ކަވަރު ސޯޝަލް މީޑިއާގައި ހިއްސާކޮށް 75 އަހަރުގެ އެކްޓަރު ބުނީ އޭނާގެ ބައޮގްރަފީ ނެރުމަކީ ޒަމާންވީ ހުވަފެނެއް ހަގީގަތަކަށްވުން ކަމަށާއި މި އުފަލުގައި ވީހާ ވެސް ގިނަ ބަޔަކު ހިއްސާވާން އެދޭ ކަމަށެވެ. ބައޮގްރަފީ ނެރޭކަން ކަބީރް އިއުލާންކުރީ ފެބްރުއަރީ މަހުގެ ފަހުކޮޅު އެވެ.

"ސްޓޯރީޒް އައި މަސްޓް ޓެލް" މި މަހުގެ ތެރޭގައި އާންމުކޮށް ވިއްކަން ފަށާނެ އެވެ.

ކަބީރަކީ އިންޑިއާގެ ފިލްމުތަކުގެ އިތުރުން އިންޓަނޭޝަނަލް ގިނަ ޕްރޮޖެކްޓަތެއްގައި ވެސް މަސައްކަތްކޮށްފައިވާ ވަރަށް ހުނަރުވެރި އެކްޓަރެކެވެ. އޭނާގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ އެއް ހިންދީ ފިލްމަކީ 1988 ގައި ރޭކާއާ އެކު ކުޅުނު "ޚޫން ބާރީ މާންގް" އެވެ. އޭގެ އިތުރުން 2005 ގެ "ތާޖު މަހަލް: އޭން އިޓާނަލް ލަވް ސްޓޯރީ" އަކީ ވެސް ބެލުންތެރިންނަށް ވަރަށް ކަމުދިޔަ ކަބީރްގެ ފިލްމެކެވެ.

އޭނާ އެންމެ ފަހުން ފެނިފައިވާ ބޮލީވުޑް ފިލްމަކީ 2018 ގެ "ސާހިބު ބީވީ އޯރު ގޭންގްސްޓާ 3" އެވެ.

ކަބީރްގެ ކެރިއަރުގައި މަސައްކަތްކުރި އިންޓަނެޝަނަލް ޕްރޮޖެކްޓްތަކުގެ ތެރޭގައި 1983 ގައި ރިލީޒްކުރި ޖޭމްސް ބޮންޑް ސީރީޒްގެ 13 ވަނަ ފިލްމު "އޮކްޓޮޕުސީ" ހިމެނެ އެވެ. އަދި އޭނާ ކުޅުނު ބޭރުގެ ސިލްސިލާތަކުގެ ތެރޭގައި "ދަ ބޯލްޑް އެންޑް ބިއުޓިފުލް" އާއި "ޑައިނާސްޓީ" އާއި "ހައިލޭންޑާ" އަދި "މާޑާ ޝީ ރޯޓް" ފަދަ އެތައް ސިލްސިލާއެއް ހިމެނެ އެވެ.

އިންޑިއާގެ މަޝްހޫރު ތަރިންގެ ތެރެއިން އެންމެ ފަހުން ބައޮގްރަފީ ނެރުނި ތަރި އަކީ ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އެވެ. އޭނާގެ "އަންފިނިޝްޑް" ނެރުނީ ފެބްރުއަރީ މަހު އެވެ.

ބައޮގްރަފީ ނެރޭނެކަން އިއުލާންކޮށްފައިވާ ތަރިންގެ ތެރޭގައި ގޯވިންދާ ހިމެނެ އެވެ.