"އޭ ދިލް ހެ މުޝްކިލް" އުފެއްދީ އައިޝްވަރިޔާ އަށް: ކަރަން
"އޭ ދިލް ހެ މުޝްކިލް" އުފެއްދީ އައިޝްވަރިޔާ އަށް: ކަރަން

"އޭ ދިލް ހެ މުޝްކިލް" އުފެއްދީ އައިޝްވަރިޔާ ރާއީ އަށް ހާއްސަކޮށް ކަމަށާއި އޭނާ ފިލްމަށް އެއްބަސް ނުވި ނަމަ އެ ފިލްމު ނުއުފައްދާނެ ކަމަށް ޕްރޮޑިއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރް ބުނެފި އެވެ.

ކަރަންގެ އިންޓަވިއުއެއްގައި އޭނާ ބުނެފައިވާ ގޮތުގައި އޭނާގެ ފިލްމަށް މުހިއްމުވި ހަމައެކަނި އެކްޓަރަކީ އައިޝްވަރިޔާ އެވެ. ރަންބީރު ކަޕޫރު ނޫނެކޭ ބުނި ނަމަވެސް އޭނާގެ ބަދަލުގައި ފިލްމު ދޭނެ އެހެން ބަތަލެއް ކަރަންގެ ހިތުގައި އޮތެވެ. އަދި އަނުޝްކާ ޝަރުމާ ނޫނެކޭ ބުނިނަމަ އެ ރޯލު ވެސް ދޭނެ އެހެން ބަތަލާއެއް ކަރަން އޮތީ ނިންމާފަ އެވެ. ނަމަވެސް އައިޝްވަރިޔާ ނޫނެކޭ ބުނި ނަމަ އެ ރޯލު ދޭނެ އެހެން ބަތަލާއެއް ކަރަންގެ ވިސްނުމަކު ނެތެވެ. ސަބާގެ ރޯލު އައިޝްވަރިޔާ ނޫން އެހެން އެއްވެސް އެކްޓަރަކަށް ނުކުޅެވޭނެކަމަށް ކަރަން ގަބޫލުކުރެ އެވެ.

ކަރަން ބުނި ގޮތުގައި އައިޝްވަރިޔާ އެއްބަސްނުވި ނަމަ "އޭ ދިލް ހެ މުޝްކިލް" އުފެއްދުމުގެ ޚިޔާލު ވެސް އޭނާއެއް ނުކުރީހެވެ. ސަބަބަކީ ސަބާގެ ރޯލު އައިޝްވަރިޔާ ނޫން ބަތަލާއަކަށް ނުކުޅެވޭނެތީ އެވެ.

ފިލްމަށް ދިމާވި ދަތި އުނދަގޫތައް ގިރާކޮށް ފިލްމު ވަނީ ރަނގަޅު ކާމިޔާބީއެއް ހޯދައިފަ އެވެ. ކަރަންގެ ފިލްމަކަށް 100 ކްރޯޑު (1000 މިލިއަން)ގެ އާމްދަނީ ފަހަނަޅައި ދެވިފައި ވަނީ ވެސް މި ފިލްމަށް އެކަނި ކަމަށްވާތީ މިކަމާ ވެސް ކަރަން ހުރީ އުފަލުންނެވެ.

ފާޑުކިޔުންތެރިން ކިތަންމެ ފާޑެއް ކިޔަސް ޖުމްލަކޮށް ބެލުންތެރިންނަށް ފިލްމު ކަމުދިޔަ ކަމަށް ބެލެވެ އެވެ. ސަބަބަކީ ތިން ހަފުތާ ވަންދެން ސިނަމާތަކުގައި ރަނގަޅު ވިޔަފާރިއެއް މި ފިލްމު ކޮށްފައިވާތީ އެވެ.

ފިލްމުގައި ބައިވެރިވި ހުރިހާ އެކްޓަރުންގެ އެކްޓިން އަށް ވެސް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފަ އެވެ. ނަމަވެސް އެންމެ ހަނދާން ނައްތާލަން ދަތި ކެރެކްޓާއަކީ އައިޝްވަރިޔާ ރާއީ ކުޅެފައިވާ ސަބާގެ ކެރެކްޓާ ކަމަށް އެންމެން ކަހަލަ ގޮތަކަށް އެއްބަސްވެ އެވެ.

މި ފިލްމު އައިޝްވަރިޔާ ކުޅެން އެއްބަސްވީ ކަރަން އާއި އޭނާގެ އޮންނަ ގާތް އެކުވެރިކަމެއްގެ ސަބަބުންނެވެ. އައިޝްވަރިޔާ ލައްވާ ފިލްމެއް ކުޅުވަން ކަރަން ބޭނުންވެގެން އުޅޭތާ ވަރަށް ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ. ކަރަންގެ ފުރަތަމަ ފިލްމު "ކުޗް ކުޗް ހޯތާ ހޭ"ވެސް ފުރަތަމަ އޭނާ ހުށަހެޅީ އައިޝްވަރިޔާ އަށެވެ. ނަމަވެސް އެ ދުވަސްވަރު އެހެން ފިލްމެއްގެ މަސައްކަތުގައި އައިޝްވަރިޔާ އުޅޭތީ އެ ފިލްމު ކުޅެވޭ ގޮތް ނުވީ އެވެ. ފަހުން އެ ރޯލު އަދާކުރީ ރާނީ މުކަރުޖީ އެވެ.

މިފަހަރު "އޭ ދިލް ހެ މުޝްކިލް"ގެ ރޯލު ކުޅެދޭން ކަރަން އެދުމުން ވަގުތުން އައިޝްވަރިޔާ އާނއެކޭ ބުނި ކަމަށްވެ އެވެ. އެ ފިލްމުގައި އޭނާ ކުޅެންޖެހޭ ކެރެކްޓާއާ ބެހޭ ގޮތުން ވެސް އެއްވެސް ސުވާލެއް ކުރުމެއް ނެތި އެވެ.