07 އެޕްރީލް 2021 - 20:11

ވެކްސިން ޖެހުމާއި އާއްމު ސިއްހަތު ރައްކާތެރިކުރުމާ ބެހޭ ކަންކަމާ ދެކޮޅަށް ވަކާލާތުކުރާ ޖަމިއްޔާ މިއަދު އުވާލައިފި އެވެ.
އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވުމުން އުވާލާފައިވަނީ މިދިޔަ އޮކްޓޯބަރު 27 ގައި ރަޖިސްޓްރީ ކުރި "ހެލްތު ޑިފެންސް މޯލްޑިވްސް" އެވެ.
ޔޫތު މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ސަރުކާރު އޮފީހެއްގެ މެންޑޭޓުގައި ހިމެނޭ ކަމަކާ ދެކޮޅަށް ހަރަކާތްތެރިވުމަކީ އެއްވެސް ޖަމިއްޔާއަކުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އެކަމަކު ހެލްތު މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ، އާއްމު ސިއްހަތު ހިމާޔަތްކުރުމާއި އެކަމާ ގުޅިގެން ކުރަންޖެހޭ ކަންކަމާ ބެހޭގޮތުން މުޖުތަމައުގެ ތެރޭގައި ނުތަނަވަސްކަން ފަތުރާ މޭރުމަކުން ޖަމިއްޔާއަކުން ވާހަކަދައްކަމުންދާ ކަމަށް ބުންޏެވެ.
"މި އަމަލަކީ ޖަމިއްޔާތަކާ ބެހޭ ގާނޫނާއި ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާއި ބައިނަލްއަގުވާމީ މުއާހަދާތަކުން ކަށަވަރުކޮށްދޭ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ ހައްގު ރައްކާތެރިކުރުމަށް ވަކާލާތުކުރާ ޖަމިއްޔާއަކުން ކޮށްގެން ނުވާނެ ކަމެއް ކަމަށާއި އާއްމު ސިއްހަތު ރައްކާތެރިކުރުމަށް މިހާތަނަށް އެންމެ ކާމިޔާބުކަމާއެކު ހިންގިފައިވާ ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަދަ ކަންކަމާއި ދެކޮޅަށް ވަކާލާތުކުރުން ކަމުގައި ފާހަގަކުރަމެވެ،" ޖަމިއްޔާތަކުގެ ރަޖިސްޓްރާ އަހުމަދު އިރާޝް ސޮއިކުރައްވައި ނެރުއްވި އިއުލާނުގައި ބުންޏެވެ.
އެ ޖަމިއްޔާ ރަޖިސްޓްރީކުރީ މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑު-19 އިން ރައްކާތެރިވުމަށް ވެކްސިން އުފައްދަމުން ދިޔަ ދުވަސްވަރެއްގަ އެވެ. ހެލްތު ޑިފެންސް މޯލްޑިވްސް އިން ވަނީ ސިއްހީ ތަފާތު އެކި ކަންކަމާ ގުޅޭގޮތުން ރިޕޯޓު ވެސް ނެރެފަ އެވެ.