މި ސަރުކާރުގެ ފުރަތަމަ ފްލެޓްތަކަށް ކުރިމަތިލާން އަންނަ މަހު ހުޅުވާލާނެ: އަސްލަމް
މި ސަރުކާރުގެ ފުރަތަމަ ފްލެޓްތަކަށް ކުރިމަތިލާން އަންނަ މަހު ހުޅުވާލާނެ: އަސްލަމް

މި ސަރުކާރުން ކުރިޔަށް ގެންދާ ބޯހިޔާވެހިކަމުގެ ސިޔާސަތުގެ ދަށުން މާލޭ ރައްޔިތުންނަށް ހާއްސަކޮށްގެން ކުރިޔަށް ގެންދާ މަޝްރޫއު އަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހު ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ މާލޭގައި ބޯހިޔާވަހިކަމަށް ކޮންމެހެން ވެސް ބޭނުންޖެހިފައިވާ 5،600 އާއިލާ ތިބި ކަމަށް ހައުސިން މިނިސްޓްރީން ހެދި "ހައުސިން ނީޑް އެސެސްމަންޓް" އިން ދައްކާ ކަމަށެވެ. އެއީ 600 އަކަފޫޓު ނުވަތަ އެ އަދަދު ވެސް ހަމަ ނުވާ ވަރުގެ ތަންތަނުގައި އުޅޭ މީހުން ކަމަށާއި ފްލެޓު ދިނުމުގައި އެ މީހުންނަށް އިސްކަން ދޭނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

"ދިރިއުޅޭ ތަނުގައި 600 އަކަފޫޓު ހަމަ ނުވަންޏާ މި ބަލަނީ އެއީ ދިރިއުޅެން އެކަށީގެން ނުވާ ތަނެއް ގޮތުގައި،" މިނިސްޓަރު ވިދާޅުވި އެވެ.

ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ މަހު ހުޅުވާލާ އިރު އެ ފްލެޓްތަކަށް ޝަރުތު ހަމަވާނީ 600 އަކަފޫޓު ހަމަވާ ގޯއްޗެއް މާލޭގައި ނެތް މީހުން ކަމަށް އަސްލަމް ވިދާޅުވި އެވެ. އަދި އެއީ މާލޭގައި ރަޖިސްޓްރީވެފައިވާތާ 15 އަހަރު ވެފައިވާ މީހުންނަށް ވާން ޖެހޭނެ ކަމަށާއި އާއިލާގެ ކުޑަބޮޑުމިނާއި ދިރިއުޅުމުގެ ހާލަތު ވެސް ބަލާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

އެ ފަރާތްތަކުގެ ތެރެއިން ވެސް ފްލެޓް ދިނުމުގައި އިސްކަން ދޭނީ 75 ޕޮއިންޓަށް ވުރެ މަތިން ލިބޭ މީހުންނަށް ކަމަށް އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ މާލޭ ރައްޔިތުންނަށް 5،600 ފްލެޓް އެޅުމެވެ. އަދި މި އަހަރުގެ ތެރޭގައި 5،000 ޔުނިޓްގެ މަޝްރޫއު ކުރިޔަށް ދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.