07 އެޕްރީލް 2021 - 17:42

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދިރިއުޅުއްވާ ތަނެއް ހޯދުމަށް ދައުލަތަށް ދިން މުއްދަތުގައި އެކަން އެނގިފައިނުވާ ކަމަށް ކޯޓަށް އަންގާފައި ވާތީ، އޭނާގެ ޕާސްޕޯޓު ދޫކުރި މައްސަލައިގެ އިސްތިއުނާފު ދައުވާ ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
އެ ކޯޓުގެ މީޑިއާ އޮފިޝަލް އަމީން ފައިސަލް ވިދާޅުވީ ދައުވާ ފޯމު ބާތިލްކުރީ އަލީ ވަހީދު އުޅޭ އެޑްރެހެއް އެނގުމުން އަލުން މައްސަލަ ހުށަހެޅުމުގެ ފުރުސަތު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް އޮންނަ ގޮތަށް ކަމަށެވެ.
ޖިންސީ ގޯނާ އާއި ރޭޕްކުރަން އުޅުމުގެ ދައުވާތަކެއް އުފުލާފައި ވަނިކޮށް މިދިޔަ ފެބްރުއަރީ މަހު ކްރިމިނަލް ކޯޓުން ވަނީ އަލީގެ ޕާސްޕޯޓު ދޫކޮށް ބޭސްފަރުވާއަކަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ދީފަ އެވެ. އެއާއެކު، ހަމަ އެ ރޭ އޭނާ ފުރާވަޑައިގެންނެވި އެވެ.
ޕާސްޕޯޓު ދޫކުރި މައްސަލަ ޕީޖީ އޮފީހުން ހައި ކޯޓުގައި އިސްތިއުނާފުކުރުމުން މިދިޔަ ހޯމަ ދުވަހު ވަނީ އިސްތިއުނާފު ޝަރީއަތުގެ އަޑުއެހުމެއް ބާއްވައިފަ އެވެ. އެ އަޑުއެހުމުގައި ކޯޓުން ވަނީ އަލީ ވަހީދު ދިރިއުޅުއްވާ ތަނެއް ހޯދައި އިއްޔެގެ މެންދުރު 2:00 ގެ ކުރިން ކޯޓަށް އަންގަން އެދިފަ އެވެ. މައްސަލަ ކުރިއަށް ގެންދާނެ ގޮތެއް ނިންމާނީ އޭރުން ކަމަށް ޝަރީއަތުގައި ބެންޗުން ވިދާޅުވި އެވެ.
އެކަމަކު އޭނާ ދިރިއުޅުއްވާ ތަނެއް ހޯދައިދިނުމަށް ދައުލަތުން ޕޮލިހުގައި އެދިގެން ވެސް އެކަން ކާމިޔާބު ނުވުމުން ޕީޖީން އެކަން ކޯޓަށް އެންގި އެވެ.
އެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުމުގައި ވެސް ދައުލަތުން އެދުނީ ޣައިރު ހާޒިރުގައި ޝަރީއަތް ކުރިއަށް ގެންދިއުމަށެވެ.
މައްސަލަ ބަލާ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު މުހައްމަދު ފައިސަލް އަޑުއެހުމުގައި ވިދާޅުވީ އަލީ ވަހީދު ކޯޓަށް ހާޒިރުވުމުގެ ޗިޓް ރައްދުކުރަން ކުރި އެއްވެސް މަސައްކަތެއް ކާމިޔާބު ނުވި ކަމަށެވެ. ނަމަވެސް ރައްދުގައި ދައުލަތުން ބުނީ އަލީ ވަހީދުގެ ފޯނު ނަމްބަރަކީ އޭނާ ބޭނުންކުރައްވާ ނަމްބަރު ކަމަށާއި އެ ނަމްބަރަށް ޗިޓް ފޮނުވޭ ހިސާބުން، ޗިޓް ރައްދު ކުރެވުނީ ކަމަށް ބަލަން ޖެހޭނެ ކަމަށެވެ.
ފޯނު ނަމްބަރުންނާއި އީމެއިލުން އަލީ ވަހީދާ މުއާމަލާތު ކުރެވިފައި ވެސް ނުވާތީ އާއި އޭނާއާ ޖާމިނުވެފައިވާ އަސްހަދު އަލީ (އަޑުބަރޭ) ވެސް އަލީ ވަހީދު ދިރިއުޅޭ ތަނެއް ނޭނގޭ ކަމަށް ބުނެފައިވާތީ އަދި އަލީ ވަހީދުގެ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންދިޔުމަކީ ގާނޫނީގޮތުން ކުރެވޭނެ ކަމަކަށް ނުވާތީ ހައި ކޯޓުން ނިންމީ ދައުވާ ފޯމު ބާތިލްކުރުމަށެވެ.