16 ނޮވެމްބަރ 2016 - 05:50

"އޭ ދިލް ހެ މުޝްކިލް" ގައި އައިޝްވަރިޔާ ރާއީ ރަންބީރު ކަޕޫރާ އެކު ގައިގޯޅި މަންޒަރުތަކެއް ކުޅެފައި ވާތީ އައިޝްވަރިޔާގެ ބަފައިގެ އަމީތާބު ބައްޗަށް ހިތްހަމަނުޖެހިފައި ހުރި ކަމަށް މީޑިއާގައި އަޑު އަރާފައި ވަނިކޮށް އައިޝްވަރިޔާ އަށް ތައުރީފުކޮށް އަމީތާބު ވާހަކަ ދައްކައިފި އެވެ.
އަމީތާބު ދީފައިވާ އިންޓަވިއުއެއްގައި އޭނާ ވަނީ އައިޝްވަރިޔާ އަދާކުރި ރޯލަށް ތައުރީފުކޮށްފަ އެވެ. އަންހެނުން ބާރުވެރިކުރުވުމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އަމީތާބު ބުނީ އައިޝްވަރިޔާ "އޭ ދިލް ހެ މުޝްކިލް"ގައި ކުޅެފައިވާ ރޯލަކީ އަންހެނުންނާ ދޭތެރޭ ފިރިހެނުން ދެކޭ ގޮތް ބަދަލުކޮށްލާނެ ރޯލެއް ކަމަށެވެ.
އަމީތާބުގެ މި ވާހަކަތަކުން އެނގުނީ، އައިޝްވަރިޔާ ކުޅެފައިވާ ރޯލާ މެދު އަމީތާބުގެ އާއިލާގެ އެއްވެސް ކަހަލަ ރުޅިވެރިކަމެއް ނެތް ކަމެވެ. އަމީތާބާއި އާއިލާގެ ގިނަ މެމްބަރުންނަކީ ޕްރޮފެޝަނަލް އެކްޓަރުން ކަމުން ފިލްމުތަކުގައި އެކްޓަރުން ހަރަކާތްކުރަން ޖެހޭ ގޮތާއި އެމީހުންނަށް ނޫނެކޭ ބުނެވޭނެ މިންވަރު އޮޅިފައި އޮންނާނެ ކަމަކަށް ނުބެލެވެ އެވެ.
މަޝްހޫރު އެކްޓަރު އަމީތާބު ބައްޗަންގެ ޅީދަރިފުޅަށް ވީފަހުން އައިޝްވަރިޔާ މިފަދަ ރޯލެއް މިހާތަނަށް ކުޅެފައެއް ނުވެ އެވެ. އަމީތާބުގެ ދަރިފުޅު އަބީޝެކް ބައްޗަން އާއި އައިޝްވަރިޔާ ކައިވެނިކުރި ފަހުން އޭނާ ގިނައިން ކުޅެފައިވަނީ ވަރުގަދަ ކެރެކްޓާތައް ހިމެނޭ ރޯލުތަކެވެ.
އެހެންވެ "އޭ ދިލް ހެ މުޝްކިލް"ގައި އޭނާ ކުޅުނު ރޯލު ފެނިފައި ގިނަ ބަޔަކަށް ލިބުނީ ބޮޑު ހައިރާން ކަމެކެވެ.
"އޭ ދިލް ހެ މުޝްކިލް"ގެ ފުރަތަމަ ޓްރެއިލާއާ އެކު އައިޝްވަރިޔާ ދެކެ އަމީތާބާއި އާއިލާއިން ރުޅިއައިސްގެން އުޅޭ ކަމުގެ ޚަބަރުތައް ފެތުރެން ފެށި އެވެ. އަދި އެ އާއިލާއިން ފިލްމުގެ ޕްރެމިއާގައި ބައިވެރި ނުވުމުން އިތުރަށް އެ ވާހަކަތައް ހޫނުވާ ގޮތް ވި އެވެ. އަދި ފަހުން ބައްޗަން އާއިލާއިން ފިލްމު ބޮއިކޮޓްކޮށްފައިވާ ކަމުގެ ޚަބަރުތަކެއް ވެސް ފެތުރުނެވެ.
މިކަމާ ގުޅޭ ގޮތުން އަބީޝެކް ފިޔަވައި ބައްޗަން އާއިލާގެ އެއްވެސް މީހަކު މިހާތަނަށް މާ ގިނަ ވާހަކައެއް ދައްކާފައެއް ނުވެ އެވެ. ނޫސްވެރިން މާގިނައިން ސުވާލުކުރަން ފެށުމުން އަބީޝެކް ބުނީ އޭނާ އަދި އެ ފިލްމު ނުބަލާ ކަމަށާއި ނަމަވެސް ޝޫޓިން ކުރިއަށް ދިޔައިރު ބައެއް މަންޒަރުތައް ފެނިފައިވާ ކަމަށެވެ. އަދި އެ މަންޒަރުތަކުގައި އޭނާގެ އަންހެނުން އައިޝްވަރިޔާ ވަރަށް ރީތި ކަމަށް އަބީޝެކް ބުނެފައިވެ އެވެ.