ޑްރަގްސްގެ ސަބަބުން އާއިލާތަކަށް ދިމާވެފައިވާ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނަން: ޕެޓިޝަން ކޮމިޓީ
ޑްރަގްސްގެ ސަބަބުން އާއިލާތަކަށް ދިމާވެފައިވާ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނަން: ޕެޓިޝަން ކޮމިޓީ

މަސްތުވާތަކެއްޗަކީ ރާއްޖެ އަށް ދިމާވެފައިވާ އިޖުތިމާއީ އެންމެ ބޮޑު އެއް މައްސަލަ ކަމަށާއި އާއިލާތަކަށް ދިމާވެފައިވާ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނެ ކަމަށް، މަޖިލީހުގެ ޕެޓިޝަން ކޮމިޓީން މިއަދު ބުނެފި އެވެ.

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ބަދަލުކުރަން ގޮވާލައި 1،000 އަށް ވުރެ ގިނަ މީހުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހަށް ވަނީ މިދިޔަ އަންގާރަ ދުވަހު ޕެޓިޝަނެއް ހުށަހަޅައިފަ އެވެ. އެކަމާ ގުޅޭގޮތުން މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ވަނީ އެ އެޖެންސީން ހިންގާ ސެންޓަރުތަކުގެ ހާލަތު ދެނެގަތުމަށް ޒިޔާރަތްކުރަން ނިންމައިފަ އެވެ.

ޕެޓިޝަން ކޮމިޓީގެ ބަޔާނުގައި ބުނީ، ހާފްވޭ ހައުސް އަށް މިދިޔަ ހޯމަ ދުވަހު އެ ކޮމިޓީން ޒިޔާރަތް ކޮށްފައިވާ ކަމަށެވެ. ޑްރަގް ސެންޓަރުތަކުގެ ހާލަތު ދެނެގަތުމަށް ފަހު ކަމާގުޅޭ އެންމެހައި އިދާރާތަކާ ބައްދަލުކުރަން ނިންމާފައިވާ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

"މަސްތުވާތަކެތީގެ މައްސަލައަކީ ދިވެހިރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް އިޖުތިމާއީ މައްސަލައަށްވާތީ މިކަމުގެ ސަބަބުން އާއިލާތަކަށް ދިމާވެފައިވާ ކަންބޮޑުވުންތައް ހައްލުކޮށްދިނުމަށް މި ކޮމިޓީން އިސްނަގައިގެން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އަރުވަމެވެ،" ބަޔާނުގައި ބުންޏެވެ.

މަސްތުވާތަކެތީގެ މައްސަލަތަކަށް ހައްލު ހޯދުމަށް ވަކާލާތުކުރަން އުފައްދާފައިވާ "ހޭންޑްސް ޓުގެދާ" ޖަމިއްޔާއިން އިސްވެ ތައްޔާރުކުރި ޕެޓިޝަންގައި ބުނެފައިވަނީ މަސްތުވާތަކެތީގެ ސަބަބުން މުޅި ގައުމު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކުރަން އެންޑީއޭ ނުކުޅެދިފައިވާ ކަމަށެވެ.

"މިހެން މިކަން ވާންޖެހޭ އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި އަޅުގަނޑުމެން ދެކެނީ މީގެ 24 ވަރަކަށް އަހަރު ކުރިން އެޖެންސީ ވުޖޫދަށް ގެންގުޅުނު ނިޒާމްތަކާއި ބޯދާ އުސޫލުތަކަށް އެއްވެސް ބަދަލެއް އައިސްފައި ނުވުމެވެ،" ޑިސެމްބަރު 28، 2020 ގައި ސޮއިކުރަން އާއްމުންނަށް ހުޅުވައިލި ޕެޓިޝަނުގައި ބުނެފައި ވެ އެވެ.