07 އެޕްރީލް 2021 - 15:12

ކުޑަކުދިންގެ ހިޔާ ހިންގާ އިމާރާތް ހުސްކޮށް، ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒުގައި ތިބޭ، އުމުރުން ދުވަސްވީ މީހުން ހިޔާއަށް ބަދަލުކުރުމަށް މަޝްވަރާކުރަމުންދާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.
ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ތިބެނީ، ކުށުގެ ވެށިންނާއި މައިންބަފައިން އިހުމާލުވުމުގެ ސަބަބުން ދައުލަތުގެ ބެލުމުގެ ދަށަށް ކުދިންނެވެ. މި ފަހުން އެތަނުގެ މައްސަލަ ވަނީ ވަރަށް ބޮޑުވެފަ އެވެ. ހިޔާގައި ތިބޭ ކުދިންނަށް އެކި ގޮތްގޮތުން އިހުމާލުވުމާއި އިމާރާތުގައި ރައްކާތެރިކަމެއް ނެތް ކަމަށް، ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމާތު ޝަފީގް ވަނީ ފާހަގަ ކުރައްވާފަ އެވެ.
އެއާ ގުޅިގެން، އެތަނުގައި ތިބޭ ކުދިން އެހެންތަނަކަށް ބަދަލުކުރުމުގެ މަޝްވަރާތައް އަންނަނީ ކުރަމުންނެވެ.
ހާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒުގައި ވެސް މައްސަލަތަކެއް އުޅޭތީ އެކަމާ ގުޅޭގޮތުން ސުވާލުކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އަދި ޖެންޑާ ކޮމިޓީއަށް މިނިސްޓްރީ ވަނީ ހާޒިރުކޮށްފަ އެވެ.
އެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި، އުމުރުން ދުވަސްވީ 39 މީހަކު ތިބޭއިރު، އެ މީހުން އެތަނުގައި ތިބޭ އެހެން މީހުންނާ ވަކި ކުރުން ވަރަށް މުހިއްމު ކަމަށެވެ. މަރުކަޒުގައި ދެން ތިބެނީ ސިކުނޑީގެ އުނިކަން ހުންނަ މީހުންނެވެ.
އޭނާ ވިދާޅުވީ ކުޑަކުދިންގެ ހިޔާ ހުސްކުރުން، އެތަނަށް ބައެއް ބަދަލުތައް ގެނެސް، މަރުކަޒުގައި ތިބޭ އުމުރުން ދުވަސްވީ މީހުން ހިޔާއަށް ގެންދާނެ ކަމަށެވެ. އަދި އެކަމަށް މިހާރު ބަޖެޓް ލިބިފައިވާ ކަަމަށް ވެސް ވިދާޅުވި އެވެ.
ހާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒުގައި މިހާރު ޑޮކްޓަރަކާއި ސައިކޭޓްރިސްޓެއް ނުހުންނަތާ އެތައް ދުވަހެއް ވެއްޖެ އެވެ. މަރުކަޒާ ގުޅުން ހުރި އިސްވެރިން މަޖިލީހަށް ހާޒިރު ކުރެއްވީ، އެކަންކަމާ ގުޅޭގޮތުން ސުވާލުކުރުމަށެވެ.