ސަރުކާރުން އަލަށް ހުޅުވާލާ ފްލެޓަށް 42 ޕޮއިންޓުން ވެސް ޝަރުތު ހަމަވާނެ
ސަރުކާރުން އަލަށް ހުޅުވާލާ ފްލެޓަށް 42 ޕޮއިންޓުން ވެސް ޝަރުތު ހަމަވާނެ

މި ސަރުކާރުންް މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަަށުން ފްލެޓަށް ޝަރުތު ހަމަވާނެ އެންމެ ދަށް އަދަދަކީ 42 ޕޮއިންޓް ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އަންނަ މަހު މި ސަރުކާރުގެ ފުރަތަމަ ފަހަރަށް ފްލެޓަށް ހުޅުވާލާނެ ކަމަށް އިއްޔެ މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ އިއުލާންކުރައްވާފަ އެވެ. އަދި މާލޭގައި ބޯހިޔާވަހިކަމަށް ކޮންމެހެން ވެސް ބޭނުންޖެހިފައިވާ 5،600 އާއިލާ ތިބި ކަމަށް ހައުސިން މިނިސްޓްރީން ހެދި "ހައުސިން ނީޑް އެސެސްމަންޓް" އިން ދައްކާ ކަމަށް މިނިސްޓަރު ވިދާޅުވެ އެވެ.

މިނިސްޓްރީން މިއަދު ކުރި އިއުލާނަކާ އެކު ވަނީ ބޯހިޔާވަހިކަމަށް އެދި ހުށަހަޅަށްޖެހޭ އެޕްލިކޭޝަން ފޯމުގެ ނަމޫނާ އާއި، މާކްސް ދިނުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލު އާންމުކޮށްފަ އެވެ. އަދި މަޝްރޫއުތަކަށް ކުރިމަތިލުމުގެ ޝަރުތުތަކާއި ހުޅުވާލާނެ ފްލެޓްތަކުގެ ބާވަތްތައް ވެސް އާންމުކޮށްފައިވެ އެވެ.

މިނިސްޓްރީން ބުނީ އަލަށް ހުޅުވާލާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި ފްލެޓް ލިބުމުގެ ޝަރުތު ފުރިހަމަވުމުގައި ބަލާނެ އެންމެ ދަށް މާކްސް އަކީ 42 ކަމަށެވެ. އަދި ފްލެޓްތައް އެލޮކޭޓްކުރުމުގައި 75 މާކްސް އަދި އެއަށްވުރެ މަތިން ލިބޭ މީހުންނަށް ފްލެޓް ކަށަވަރުކޮށްދޭން އިސްކަންދޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަަށުން ފްލެޓަށް އެދޭ މީހުންގެ ޝަރުތު ހަމަވާ ކަމަށް ބަލާނީ މާލޭގެ ރަށްވެއްސަކަށް ވިތާ މަދުވެގެން 15 އަހަރުވެފައިވާ 18 އަހަރުން މަތީގެ މީހެއް ނަމަ އެވެ. އަދި 600 އަކަފޫޓަށް ވުރެ ބޮޑު ހައުސިން ޔުނިޓެއް ނުވަތަ ބިމެއް ވެސް އޮވެގެން ނުވާނެ އެވެ. އެފަދަ މީހަކު ފްލެޓަށް އެދިއްޖެ ނަމަ، އެޕްލިކޭޝަން ބާތިލްވާނެ އެވެ.

އެ އެޕްލިކޭޝަންގެ ދަށުން އެވޯޑުކުރެވޭ ހައުސިން ޔުނިޓް ލިބޭ މީހުން މާލޭގެ ޕްރައިވެޓް ރިއަލްއެސްޓޭޓް ހައުސިން ޑިވެލޮޕްމަންޓަކަށް އެއްބަސްވުމެއްގައި ސޮއިކޮށް ފައިސާ ދައްކަން ފަށާފައިވާ ނަމަ، އެ މަޝްރޫއުގެ ދަށުން ލިބުނު ބޯހިޔާވަހިކަންް ދައުލަތަށް އަނބުރާ ނަގާނެ އެވެ.

އޭގެ އިތުރުން މަހަކަށް ޖެހޭ ޖުމްލަ އާމްދަނީ 61،000 އަށް ވުރެ އިތުރުނަމަ، އެފަދަ އެއްވެސް މީހަަކަށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ ދަށުންް ފްލެޓެއް ނުލިބޭނެ އެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ތިން ގިންތިއެއް ކަނޑައަޅާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ކައުންސިލް ހައުސިން އާއި އެފޯޑަބަލް ހައުސިން އަދި މިޑްރޭންޖް ހައުސިން އެވެ.

- ކައުންސިލް ހައުސިންް - ޖުމްލަ އާމްދަނީއަށް މަހަކު 17،000 އަށް ވުރެ ދަށް

- އެފޯޑަބަލް ހައުސިން - ޖުމްލަ އާމްދަނީއަށް މަހަކު 17،000 އާއި 32،000ރ. އާ ދެމެދު

- މިޑްރޭންޑް ހައުސިން - 32،000 އައި 61،000ރ. އާ ދެމެދުގެ އާމްދަނީއެއް ލިބޭ މީހުންނަށް

އެ ފްލެޓްތަކުން ހަ މީހުންނަށް ދެ ކޮޓަރި ހާއްސަ ކުރާއިރު ނުވަ މީހުންނަށް ހާއްސަކުރަނީ ތިން ކޮޓަރީގެ ފްލެޓްތަކެވެ. އުސޫލުގައި ބުނާ ގޮތުން، އެފޯޑަބަލް އަދި މިޑްރޭންޖް ހައުސިންގެ ދަށުން ފްލެޓް ލިބޭ މީހުންް، މަދުވެގެން ފަސް އަހަރު އެޕްލިކަންޓުންގެ ގޮތުގައި ހިމެނޭ ފަރާތްތައް ދިރިއުޅެން ޖެހެ އެވެ. އަދި ބޭންޑް ދޭއް ނުވަތަ ތިނަކަށް ކަނޑައަޅާފައިވާ ފްލެޓްތަކަށް ވުރެ ގިނަ މީހުން ކުރިމަތިލައިފި ނަމަ، ފްލެޓް ހަވާލުކުރާނީ ދެ ވަނަ ސްޓޭޖްގެ ވެރިފިކޭޝަނަކަށް ފަހު ނެގޭ ގުރުއަތަކުންނެވެ.