"މީރީ" ޕްރޮޖެކްޓުން ޒުވާން ވިޔަފާރިވެރިންނަށް ހާއްސަ މުބާރާތެއް ތައާރަފުކޮށްފި
"މީރީ" ޕްރޮޖެކްޓުން ޒުވާން ވިޔަފާރިވެރިންނަށް ހާއްސަ މުބާރާތެއް ތައާރަފުކޮށްފި

ޒުވާނުން ވިޔަފާރީގެ ތެރެއަށް ވައްދަން ފަށާފައިވާ "މީރީ" ޕްރޮޖެކްޓް ކުރިއެރުވުމަށް ޚާއްސަ މުބާރާތެއް ފަށައިފި އެވެ.

މުޅި ރާއްޖެ އަށް ހުޅުވައިލައިގެން މިދިޔަ ހޯމަ ދުވަހު ފެށި "ޕިޗް-އަޕް: ޔޫތު އެންޓްރިޕްރިނާޝިޕް ޗެލެންޖް" އިފްތިތާހުކުރެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނެވެ. މި މުބާރާތުގައި އުމުރުން 18-35 އަހަރުގެ މީހުންނަށް ބައިވެރިވެވޭނެ އެވެ.

ތިން މަރުހަލާއަކަށް ބަހައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި އެންމެ މީހަކަށް ނުވަތަ ތިން މީހުންގެ ޓީމުގައި ބައިވެރިވެވޭނެ އެވެ. މި މުބާރާތުގައި ރަޖިސްޓަރީވާން ޖެހޭނީ "މީރީ" ޕްރޮޖެކްޓްގެ ވެބްސައިޓް މެދުވެރިކޮށް، އޮންލައިންކޮށެވެ. ނަމަވެސް މުބާރާތުގައި ބައިވެރިވެވޭނެ އެންމެ ފަހުގެ ތާރީޚެއް އަދި އިއުލާނެއް ނުކުރެ އެވެ.

އަލަށް ފަށާ ޒުވާން ވިޔަފާރިތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި މުބާރާތުގައި ބައިވެރިވާ މީހުންނަށް، އެ މީހުންގެ ވިޔަފާރި ފުޅާކުރުމަށްޓަކައި 10،000-40،000 ޑޮލަރު (154،600-618،400 ރުފިޔާ) ގެ ގްރާންޓެއް ލިބޭނެ އެވެ.

މިއީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށާއި ވިޔަފާރިތަކަށް އެތައް ނޭދެވޭ އަސަރެއް ކުރުމުން، އެކަމުން އަރައިގަންނަން ހުޅުވި ފުރުސަތެއް ކަމަށް މީރީ ޕްރޮޖެކްޓުން ބުންޏެވެ. މި މުބާރަތުގައި ބައިވެރިވާން ހިޔާލު ހުށަހަޅަން ހުޅުވާލާފައި ވަނީ ޓޫރިޒަމް، ޓޫރިޒަމާ ގުޅުން ހުރި ކޮންސްޓްރަކްޝަން، އެގްރިކަލްޗާ އަދި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ އެވެ.

މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރާ ފަރާތްތަކަށް ހާއްސަ ބޫޓް ކޭމްޕެއް ބާއްވާނެ އެވެ. އަދި އެ ކޭމްޕް ފުރިހަމަ ކުރާ ފަރާތްތަކަށް، އެ މީހުންގެ ވިޔަފާރިއާ ގުޅޭ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ލިބޭނެ އެވެ. އެ ޕްރޮޕޯސަލްތަކާ ގުޅޭ ގޮތުން ހާއްސަ ޕެނަލެއް އިންޓަވިއު ކުރުމައް ފަހު، މުބާރާތް ކާމިޔާބު ކުރާ ފަރާތްތަކަށް ގްރާންޓު ހަވާލުކުރާނެ އެވެ. ގްރާންޓް ހަވާލުކުރާނީ ކިތައް ކެނޑިޑޭޓުންނަށް ކަމެއް އަދި ނިންމާފައި ނުވާ ކަމަށް މީރީ ޕްރޮޖެކްޓުން ބުންޏެވެ.

ވިޔަފާރި ރަޖިސްޓްރީނުކޮށް ހުރި ނަމަވެސް މި މުބާރާތުގައި ބައިވެރިވެވޭނެ އެވެ. ނަމަވެސް މުބާރާތް ކާމިޔާބުވެއްޖެ ނަމަ، ގްރާންޓް ފައިސާ ލިބޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުންނެވެ.

މުބާރާތް އިފްތިތާހުކުރަން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، މި މުބާރާތް މެދުވެރިކޮށް ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

"ކުޑަކުޑަ ހިޔާލަކަށް ފެންދީ ބޮޑުކޮށް ވިޔަފާރީގެ މައިދާނުގައި ނަތީޖާ ނެރޭ ކާމިޔާބު ޒުވާނުންތަކެއް އުފެއްދޭނެ ކަމަށް އުންމީދުކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓްރީ އާއި ވޯލްޑް ބޭންކު ގުޅިގެން 2019 ވަނަ އަހަރު މީރީ ޕްރޮޖެކްޓް ފެށީ 20 މިލިއަން ޑޮލަރުގެ ބަޖެޓަކާއި އެކު އެވެ.