ރަށްރަށުގެ ސިއްހީ ނިޒާމަށް އިންގިލާބީ ކުރިއެރުން ގެންނާނަން: މިނިސްޓަރު
ރަށްރަށުގެ ސިއްހީ ނިޒާމަށް އިންގިލާބީ ކުރިއެރުން ގެންނާނަން: މިނިސްޓަރު

ސަރުކާރުން މިހާރު ކުރިއަށް ގެންދާ އަދި ކުރިއަށް ހުރި ސިއްހީ ބޮޑެތި މަޝްރޫއުތަކަކީ މިހާތަނަށް ރާއްޖެ ދެކެފައި ނުވާ، އިންގިލާބީ ކުރިއެރުންތައް ގެންނާނެ ކަންކަން ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަ ކުރާ ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބާގައި މިނިސްޓަރު ނެރުއްވި ހިތޯބެއްގައި ވިދާޅުވީ ރަށްރަށުގެ ސިއްހީ ހިދުމަތްތަކަށް ކުރިއަށް އޮތްތަނުގައި ބޮޑެތި ކުރިއެރުންތައް ގެންނާނެ ކަމަށެވެ. އަދި ސަރުކާރުން އެ މަޝްރޫއުތައް ރާވާފައި ހުރީ، އެ މީހަކު ހުރި ކޮންމެ ތަނަކުން ފެންވަރު ރަނގަޅު ހިދުމަތްތައް، ހަމަހަމަކަމާއެކު ލިބޭނެ ފަދަ ގޮތަކަށް ކަމަށް ނަސީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖެ އޮންނަ ގޮތަށް ބަލާއިރު، ކޮންމެ ރަށެއްގައި ވެސް އެންމެ ފެންވަރު ރަނގަޅު ހިދުމަތް ދިނުމަކީ ގޮންޖެހުންތައް ހުރި، ހަރަދު ބޮޑު އުނދަގޫ ކަމެކެވެ. އެކަމަކު ސަރުކާރުގެ އަމާޒަކީ މާލެއާ، އެހެން ރަށްރަށުގައި އުޅޭ މީހުންނަށް ލިބެން ހުރި ސިއްހީ ހިދުމަތްތަކުގެ ފަރަގު ކުޑަކުރުން ކަމަށް ވިދާޅުވިި އެވެ. އަދި މާލެއަށް ބަރޯސާވާ މިންވަރު ވަރަށް ބޮޑަށް ދަށްކުރުމަކީ ވެސް މަގްސަދެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އާދެ! [މަގްސަދަކީ] ސިއްހީ ހިދުމަތުގައި ހަމަހަމަކަން ގާއިމުކުރުން. މާތްﷲގެ އިރާދަފުޅުން މިކަން މިހާރު ދަނީ ހަލުއި ދުވެއްޔެއްގައި ކުރިއަށް،"

- ސަރަހައްދީ ފަސް ހޮސްޕިޓަލްގައި ހާއްސަފަރުވާގެ ހިދުމަތްތައް އަލަށް ފެށުން.

- އެ ހޮސްޕިޓަލްތަކުގައި ތަހުލީލުކުރުމުގެ ޒަމާނީ ވަސީލަތްތައް ގާއިމް ކުރުމާއި އިންސާނީ ވަސީލަތް އިތުރުކުރުން

- އިމަޖެންސީ ފަރުވާ ހަރުދަނާކުރުމަށް، އިތުރު 26 ރަށަކަށް އެމްބިއުލާންސް ފޯރުކޮށްދިނުން

- އިމަޖެންސީ އަވަސް ފަރުވާ ދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކޮށް، ފަންނީ މީހުން ތަމްރީނުކުރުން

- 12 ރަށެއްގެ ސިއްހީ މަރުކަޒު، އިތުރު ވަސީލަތްތަކާއެކު ހޮސްޕިޓަލަކަަށް ބަދަލުކުރުން

- ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގެ އާބާތުރަ ފިލުވުން

- ކެންސަރަށް ފަރުވާ ދޭ ފުރިހަމަ ގައުމީ މަރުކަޒެއް، މުޅިން އަލަށް ގާއިމް ކުރުން

މިނިސްޓަރު ވިދާޅުވި ގޮތުގައި އެންމެންގެ ސިއްހީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް، ޕްރައިމަރީ ހެލްތު ކެއާގެ އާ މަޝްރޫއެއް ފަށަން ވަނީ ނިންމާފަ އެވެ. ޕްރައިމަރީ ހެލްތު ކެއާގެ ވިސްނުމަކީ، ހެލްތު ކެއާ ވޯކަރުން ކުރީ ސަފުގައި ތިބެގެން، އަދި އެހެން ސިއްހީ މާހިރުންގެ ދައުރުވެސް ފުޅާކޮށް، ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމެވެ. އެ މީހުންގެ ހިދުމަތް، ރަށުގައި ލިބޭއިރު، ބަލިވެގެން ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ވުރެ، ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.