ޓްރަމްޕާ ދެކޮޅު ހެދުމަށް އެެމެރިކާގެ ބައެއް ސްޓޭޓްތަކުގެ ކިޔަވާ ކުދިން ކްލާހުން ނުކުމެއްޖެ
ޓްރަމްޕާ ދެކޮޅު ހެދުމަށް އެެމެރިކާގެ ބައެއް ސްޓޭޓްތަކުގެ ކިޔަވާ ކުދިން ކްލާހުން ނުކުމެއްޖެ

ވޮޝިންޓަން (ނޮވެމްބަރު 15) - އެމެރިކާގެ ރައީސް ކަމަށް ޑޮނަލްޑް ޓްރަމްޕް ހޮވުމާ ގުޅިގެން އެކަމާ ދެކޮޅު ހެދުމުގެ ގޮތުން އެމެރިކާގެ ބައެއް ސްޓޭޓްތަކުގެ ކިޔަވާ ކުދިން ކްލާސްތަކުން އިއްްޔެ ނުކުމެއްޖެ އެވެ.

ޓްރަމްޕާ ދެކޮޅު ހެދުމަށް އެެމެރިކާގެ ބައެއް ސްޓޭޓްތަކުގެ ކިޔަވާ ކުދިން ކްލާހުން ނުކުމެއްޖެ
ޓްރަމްޕާ ދެކޮޅު ހެދުމަށް އެެމެރިކާގެ ބައެއް ސްޓޭޓްތަކުގެ ކިޔަވާ ކުދިން ކްލާހުން ނުކުމެއްޖެ

ލޮސް އެންޖަލިސްގެ ސްކޫލްތަކުގެ ކުދިން ވަނީ ކްލާސްތަކުން ނުކުމެ އެމެރިކާ އާއި މެކްސިކޯގެ ދިދަ ހިފައިގެން "އެންމެން އެކުގައި ތިބިކަން ދެއްކުމަށް" ހިނގާލުމެއް ބާއްވައިފަ އެވެ. މި ބާވަތުގެ އެއްވުންތައް ވަނީ ޕޯޓްލޭންޑް، އޮރެގަން، އަދި މެރީލޭންޑުގައި ވެސް ކިޔަވާ ކުދިން ބާއްވައިފަ އެވެ.

ލޮސް އެންޖަލިސްގެ ކިޔަވާ ކުދިން ޓްރަމްޕާ ދެކޮޅަށް މުޒާހަރާކޮށްފައި މި ވަނީ އިހުތިޖާޖް ކުރުމުގެ ގޮތުން ކްލާސްތަކުން ނުނިކުމެ ތިބުމަށް އިލްތިމާސްކޮށްފައި ވަނިކޮށެވެ. އަދި އިންތިޚާބުގެ ނަތީޖާއާ މެދު ހިތްހަމަ ނުޖެހޭކަން އެހެން ގޮތަކުން ހާމަކުރުމަށް ވަނީ ކިޔަވާ ކުދިންނަށް އަންގައިފަ އެވެ.

"އިންތިޚާބު ބޭއްވިތާ ހަފުތާއެއްވީ އިރު ވެސް ކިޔަވާ ކުދިން ބޭނުންވޭ އެ މީހުންގެ އަޑުތައް އިއްވަން،" ލޮސް އެންޖަލިސް ޔުނިފައިޑް ސްކޫލް ޑިސްޓްރިކްޓުގެ ސްޕްރިންޓެންޑެންޓް މިޝޭލް ކިންގް ބުންޏެވެ.

މެރީލޭންޑުގެ ފަސް ސްކޫލްގެ ދަރިވަރުން ވަނީ ކިޔެވުން ދޫކޮށްލުމަށް ފަހު "ޓްރަމްޕަކީ އެ މީހުންގެ ރައީސް ނޫން" ކަމަށް ބުނެ ލިޔެފައިވާ ބޯޑުތައް ހިފައިގެން ހިނގާލުމެއް ބާއްވައިފަ އެވެ.

ޓްރަމްޕް އިންތިޚާބު ކާމިޔާބުކުރިތާ ހަފުތާއެއްވީ އިރު ވެސް އެމެރިކާގެ އެކި ހިސާބުތަކުގައި ދަނީ ޓްރަމްޕާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ.

ލޮސް އެންޖަލިސްގައި ދިރިއުޅޭ 16 އަހަރުގެ އެލެވިން މިރަންޑާ ބުނީ މެކްސިކޯ އިން ހިޖުރަކޮށްފައިވާ އޭނާގެ މައިންބަފައިން، ޓްރަމްޕުގެ ސިޔާސަތުގެ ސަބަބުން ގެއްލިދާނެކަމުގެ ބިރުހީވެފައިވާ ކަމަށެވެ. ޓްރަމްޕް ވަނީ އެމެރިކާގައި ގަވާއިދާ ޚިލާފަށް އުޅޭ ތިން މިލިއަން މީހުން ފޮނުވާނެ ކަމަށް ވިދާޅުވެފަ އެވެ.