ލިވަޕޫލް ބަލިކޮށް ރެއާލްގެ މިސްރާބު ސެމީއާ ދިމާލަށް
ލިވަޕޫލް ބަލިކޮށް ރެއާލްގެ މިސްރާބު ސެމީއާ ދިމާލަށް

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ރޭ ލިވަޕޫލް އަތުން 3-1 އިން އަމިއްލަ ދަނޑުގައި މޮޅުވެ، ރެއާލް މެޑްރިޑުން ސެމީ ފައިނަލްގެ ފުރުސަތު ބޮޑުކޮށްފި އެވެ.

ބްރެޒިލްގެ ޒުވާން ފޯވަޑް ވިނީސިއަސް ޖޫނިއާގެ ދެ ލަނޑާއި މާކޮސް އަސެންސިއޯގެ ލަނޑަކާއެކު، ރެއާލް އިން ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ލިވަޕޫލްގެ މައްޗަށް ވަނީ ކުރި ހޯދައިފަ އެވެ.

އެކަމަކު ރެއާލްގެ ކޯޗު ޒިނެދީން ޒިދާން ގަބޫލްކުރާ ގޮތުގައި ފުރަތަމަ ލެގުން މޮޅުވިޔަސް، ރެއާލަށް އަދި ހަމަޖެހުމެއް ނެތެވެ.

"އަހަރަމެންނަށް އަދި (ކުއާޓާ ފައިނަލް) ކާމިޔާބެއް ނުކުރެވޭ. އެކަމަކު މި މެޗުގައި މި ފެނުނު ކުޅުމާމެދު ވަރަށް ހިތްހަމަޖެހޭ،" ޒިދާން ބުންޏެވެ. "ޓީމަށް ދިމާވެފައިވާ އުނދަގޫތަކަށް ވިސްނާލާއިރު، ކުޅުންތެރިން މި ކުރަމުންދާ މަސައްކަތަށް ތައުރީފް ހައްގު."

އަނިޔާގެ ސަބަބުން މި މެޗުގައި ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޮސް ނުކުޅެ އެވެ. އަދި މެޗުގެ ކުރިން ފްރާންސްގެ ޑިފެންޑަރު ރަފައެލް ވަރާން ކޮވިޑް ޕޮޒިޓިވްވުމާ ގުޅިގެން، އޭނާ ވެސް މި މެޗުގައި ނުކުޅެ އެވެ.

އެކަމަކު ޒިދާން ބުނީ މެޗު ގާތްވެފައިވަނިކޮށް ވަރާން ޕޮޒިޓިވް ނަމަވެސް، އޭނާގެ ރޭވުންތަކަށް ބަދަލެއް ނުގެންނަ ކަމަށެެވެ.

"އަހަރެން ކުރިން ވެސްް ރާވާފައި އޮތް ގޮތަށް 3-3-4 ފޯމޭޝަނަށް އަހަރެން ޓީމު ރޭވީ،" ޒިދާން ބުންޏެވެ.

ލިވަޕޫލަށް މި މެޗުން ލިބޭ ހަމައެކަނި ހިތްހަމަޖެހުމަކީ އަމިއްލަ ދަނޑުގައި ކުޅޭ ދެވަނަ ލެގަށް ނުކުންނައިރު، އަވޭ ގޯލެއް ލިބުމެވެ. ރޭގެ މެޗުގައި ލިވަޕޫލްގެ ހަމައެކަނި ލަނޑު ޖެހީ ފޯވަޑް މުހައްމަދު ސަލާހެވެ.

މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނީ އެ ގޯލާއެކު ދެވަނަ ލެގަށް ކުރިމަތިލާއިރު ލިވަޕޫލަށް "އުންމީދެއް އެބައޮތް" ކަމަށެވެ. އެކަމަކު ރޭގެ މެޗުގައި ލިވަޕޫލްގެ ފަރާތުން ފެނުނު ކުޅުމާމެދު ހިތްހަމަނުޖެހޭ ކަމަށެވެ.

"އަހަރަމެންގެ ކުޅުމުގެ ސަބަބުން މި މެޗު ރެއާލަށް ވަރަށް ފަސޭހަވެގެންދިޔަ. އަހަރެމެން ރަނގަޅަށް ކުޅުނުނަމަ މި މެޗު ރެއާލަށް މިހާ ފަސޭހައެއްނުވަނެ،" ކްލޮޕް ބުންޏެވެ. "އެކަމަކު މިއީ ކުއާޓާ ފައިނަލްގެ ފުރަތަމަ ހާފު. އަހަރަމެންނަށް މި މެޗުން މާ ބޮޑު އެއްޗެއް ހައްގެއް ނޫން އެކަމަކު ލަނޑެއް ޖެހުނު. އެހެންވީމަ ދެވަނަ ލެގަށް ކުރިމަތިލާއިރު އުންމީދެއް އެބައޮތް."