ފޯޑަންގެ ލަނޑާއެކު ފަހު ވަގުތު ސިޓީ ސަލާމަތްވެއްޖެ
ފޯޑަންގެ ލަނޑާއެކު ފަހު ވަގުތު ސިޓީ ސަލާމަތްވެއްޖެ

ޒުވާން މިޑްފީލްޑަރު ފިލް ފޯޑަން މެޗުގެ ފަހު މިނިޓުގައި ޖެހި ލަނޑާއެކު، ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ރޭ ބޮރޫޝިއާ ޑޯޓްމަންޑް އަތުން 2-1 މެންޗެސްޓާ ސިޓީ މޮޅުވެއްޖެ އެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މެޗުގެ 19 ވަނަ މިނިޓުގައި އެ ޓީމަށް ލީޑު ހޯދައިދިނީ ކެވިން ޑެބްރޮއިނާ އެވެ.

އެކަމަކު މެޗުގެ 84 ވަނަ މިނިޓުގައި ޑޯޓްމަންޑްގެ މާކޯ ރޮއިސް ޖެހި ލަނޑާއެކު، މެޗުގެ ނަތީޖާ އެއްވަރުވި އެވެ.

އެކަމަކު މެޗުގެ ފަހު މިނިޓުގައި އިލްކޭ ގުންޑޮގާން ތަނަވަސްކޮށްދިން ފުރުސަތަކުން، ފޯޑެން ވަނީ ސިޓީ މޮޅުވި ލަނޑު ޖަހައިފަ އެވެ.

"ޑްރޯއަށްވުރެ ހަމަ ގައިމު ވެސް މޮޅެއް މާ ރަނގަޅު،" މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުންޏެވެ. "ފުރަތަމަ ހާފަށްވުރެ ދެވަނަ ހާފުގައި ސިޓީގެ ކުޅުން ރަނގަޅު. ޑޯޓްމަންޑަކީ ރަނގަޅު ޓީމެއް."

ގާޑިއޯލާ ބުނީ ފުރަތަމަ ލެގުން މޮޅުވިޔަސް ސިޓީ އަށް މާބޮޑު އެޑްވާންޓޭޖެއް ނެތް ކަމަށާއި ދެވަނަ ލެގަށް ވެސް ސަމާލުވާންޖެހޭ ކަމަށެވެ.

"އަހަރަމެން ދެވަނަ ލެގަށް ވެސް ނުކުންނާނީ މެޗުން މޮޅުވާން. އަވޭ މެޗުގައި ވެސް އަހަރަމެން އެބަޖެހޭ ލަނޑުތަކެއް ޖަހަން. ފާއިތުވި ހަތަރު ފަސް މަހުގައި އަހަރެމެން ކޮންމެ މެޗަކަށްވެސް ނިކުންނަ ގޮތަށް ދެވަނަ ލެގަށް ވެސް ނުކުންނާނީ،" ގާޑިއޯލާ ބުންޏެވެ.

މި މެޗުން ސިޓީ މޮޅުވި ނަމަވެސް، ޑޯޓްމަންޑަށް ސެމީ ފައިނަލްގެ އުންމީދު އަދި ނުގެއްލޭ އެވެ. ހާއްސަކޮށް ސިޓީގެ ދަނޑުގައި އެ ޓީމަށް ލަނޑެއް ކާމިޔާބުކުރެވުމަކީ ދެވަނަ ލެގަށް ކުރިމަތިލާއިރު އެ ޓީމަށް ލިބޭ ހިތްހަމަޖެހުމެކެވެ.