ދީބާޖާ އަށް 348 މިލިއަން ދިނުމުގެ މައްސަލަ: ސުޕްރީމް ކޯޓުގެ ހުކުމް މާދަމާ އިއްވަނީ
ދީބާޖާ އަށް 348 މިލިއަން ދިނުމުގެ މައްސަލަ: ސުޕްރީމް ކޯޓުގެ ހުކުމް މާދަމާ އިއްވަނީ

ދީބާޖާ އިންވެސްޓްމަންޓަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމް ރިވިއު ކުރާ މައްސަލަ މާދަމާ ނިންމަން ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާ އެކު ހެދި އެއްބަސްވުން 2013 ވަނަ އަހަރު ސަރުކާރުން ބާތިލްކުރި މައްސަލާގައި ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދައްކަން ދައުލަތުގެ މައްޗަށް ކުރި ހުކުމް 2019 ގައި ސުޕްރީމް ކޯޓުން އޮތީ ދަމަހައްޓައިފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗް ބަދަލުވި ފަހުން، ދައުލަތުން ވަނީ އެ ހުކުމް ރިވިއު ކުރަން މިދިޔަ އަހަރު ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ ނިންމާލައިފަ އެވެ. އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ، ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް ބެންޗުން އެ ދުވަހު އިއުލާން ކުރެއްވި އެވެ.

އެ މައްސަލަ ނިންމަން ހަމަޖައްސާފައިވަނީ މާދަމާ މެންދުރު އެވެ.

މައްސަލަ ބައްލަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ޝުޖޫނެވެ.

މިއީ ސުޕްރީމް ކޯޓުގެ ހުކުމެއް އެ ކޯޓުން ރިވިއުކޮށް، ނިންމާ ފުރަތަމަ މައްސަލަ އެވެ.

ދީބާޖާ އަށް ބަދަލުދޭން ކުރިން ކުރި ހުކުމާ އެކު، ކޯޓުން ބޭރުގައި ސަރުކާރުން އެ ކުންފުންޏާ މަޝްވަރާކޮށް، ބަދަލުގެ މިންވަރު 174 މިލިއަން ރުފިޔާ އަށް ކުޑަކުރަން ދެ ފަރާތުން އެއްބަސްވި އެވެ. އެކަމަކު ފަހުން ސަރުކާރުން ވަނީ އެ ނިންމުން ބަދަލުކޮށް، އެ މައްސަލަ ރިވިއު ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.