07 އެޕްރީލް 2021 - 07:53

ކުރިން ވަރަށް ގިނަ ބަޔަކު ބޭނުންކުރި ސައިޓެއް ކަމަށްވާ ޔާހޫ އާންސާސް އަންނަ މަހު އެއްކޮށް ހުއްޓައިލަން ނިންމައިފި އެވެ.
މީގެ 15 އަހަރު ކުރިން ޖޫން 28، 2005 ގައި ވުޖޫދަށް އައި ޔާހޫ އާންސާންސް އަކީ ސުވާލާއި ޖަވާބު (ކިއުއެންޑްއޭ) އަށް ހާއްސަކޮށްގެން ހިންގަމުން އައި ސައިޓެކެވެ. އެގޮތުން އެކި ކަންކަމާ ބެހޭ ގޮތުން ސުވާލުކޮށްގެން އޭގެ ޖަވާބު ސައިޓް މެދުވެރިކޮށް ހޯދެ އެވެ. އެކަމަކު ފަހަކަށް އައިސް ސައިޓް ބޭނުންކުރާ މީހުން ވަރަށް ބޮޑަށް ދަށްވެ، އަދި މި ޒަމާނުގެ ވައްޓަފާޅި އަށް ވެސް ހެޔޮވަރު ނޫން ސައިޓެއްގެ ގޮތުގައި މިހާރު ގިނަ ބަޔަކު، ޔާހޫ އާންސާސް ދެކޭތީ ސައިޓް އެއްކޮށް ހުއްޓައިލަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 4 ގަ އެވެ. އޭގެ ފަހަކުން ސައިޓަށް އެކްސެސްއެއް ނުވޭނެ އެވެ.
ނަމަވެސް މި މަހުގެ 20 އާ ހަމައަށް ސައިޓް ހަމައެކަނި ލިޔުންތައް ކިޔައިލެވޭ އެއްޗެއްގެ ގޮތުގައި އިންނާނެ އެވެ. ސުވާލާއި ޖަވާބު ނެގުމެއް ނޯންނާނެ އެވެ.
ސާޗް އިންޖީނެއްގެ ގޮތުގައި މަޝްހޫރުވި ޔާހޫގެ ދަށުން ހިންގާ ޔާހޫ އާންސާސް އިން ބުނި ގޮތުގައި މެއި 4 ގައި ސައިޓް އެއްކޮށް ހުއްޓައިލުމަށް ފަހު، އެ ބޭނުންކުރި މީހުންނަށް އެ މީހުންގެ ޑޭޓާތަކާއި ސައިޓާ އެކު ކުރި މުއާމަލާތްތައް އަނބުރާ ހޯދަން އެދުމުގެ ފުރުސަތު ޖޫން މަހުގެ 30 އާ ހަމައަށް އޮންނާނެ އެވެ. އެގޮތުން ޔޫޒަރުންގެ ސުވާލު ލިސްޓާއި ޖަވާބު ލިސްޓާއި ޖަވާބުތަކާއި އެއްވެސް ކަހަލަ ފޮޓޯއެއް އިން ނަމަ އެ އަނބުރާ ރައްދުކޮށް ދޭނެ އެވެ.
މިކަމަށް އެދެވޭނީ ހަމައެކަނި އެ މީހެއްގެ އަމިއްލަ ޑޭޓާތައް ހޯދުމަށެވެ. އެހެން މީހެއްގެ ޔާހޫ އާންސާސްގެ ޑޭޓާތަކެއް ހޯދަން އެދުމުގެ ފުރުސަތެއް ނޯންނާނެ އެވެ.
"ޔޫޒަރުންނަށް ރައްދުކޮށްދޭން ޖެހޭ ޑޭޓާތައް ފިޔަވައި އެހެން ހުރިހާ އެއްޗެއް ރައްކާތެރި ގޮތުގައި ނައްތައިލެވޭނެ." ޔާހޫ އާންސާސް އިން ބުންޏެވެ.
ޔާހޫ އަންސާސް އަކީ އިނގިރޭސި ބަހުގެ އިތުރުން އެހެން ބަސްތަކުން ބޭނުންކުރެވެމުން ދިޔަ ސައިޓެކެވެ. އޭގެ ތެރޭގައި ޖަރުމަން، ފްރެންޗް، އިޓާލިއަން، ސްޕެނިޝް ޕޯޗްގީޒް، ތައި، ކޮރެއަން، ޖަޕަނީޒް، އިންޑޮނީޝިއަން އަދި ވިއެޓްނަމީޒް ހިމެނެ އެވެ.