15 ނޮވެމްބަރ 2016 - 12:11

ލަންޑަން (ނޮވެމްބަރު 15) - ފާއިތުވި ފަސް ވަރަކަށް އަހަރަށް ބަލާއިރު އިންގްލެންޑް ގައުމީ ޓީމުން ކުރިއެރުންތައް ހޯދާފައިވާ ކަމަށާއި އެ ޓީމާ މެދު މީހުން ދެކެނީ ގޯސްކޮށް ކަމަށް ސްޕެއިން ގައުމީ ޓީމުގެ ކޯޗު ޖޫލެން ލޮޕެޓެގީ ބުނެފި އެވެ.
ރަހުމަތްތެރިކަމުގެ މެޗެއްގައި މިރޭ ވެމްބްލީގައި އިންގްލެންޑާ ދެކޮޅަށް ނުކުތުމުގެ ކުރިން ލޮޕެޓެގީ ބުނީ އިންގްލެންޑަކީ ވެސް މިހާރު ޔޫރަޕްގައި އެންމެ އެޓޭކިން ފުޓްބޯޅަ ކުޅޭ އެއް ޓީމު ކަމަށެވެ.
"އިންގްލެންޑަކީ ކުރިން ވަރަށް ޑިފެންސިވް ފުޓްބޯޅަ އަކަށް އިސްކަމެއްދޭ ޓީމެއް. އެކަމަކު ފަހަކަށް އައިސް އެ ޓީމު ފެންނަނީ ޔޫރަޕްގައި އޮތް އެންމެ އެޓޭކިން ސްޕީޑް ރަނގަޅު ޓީމުގެ ގޮތުގައި. އެކަމަކު އަދި ވެސް މީހުން ދެކެނީ އިންގްލެންޑަކީ އާދައިގެ ޓީމެއްގެ ގޮތުގައި،" ލޮޕެޓެގީ ބުންޏެވެ.
ލޮޕެޓެގީ އާއި އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓަކީ ކުރިން އެ ދެ ގައުމުގެ 21 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗުންނެވެ. ލޮޕެޓެގީ ސްޕެއިނާ ހަވާލުވީ މި އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު ވިސެންޓޭ ޑެލް ބޮސްކޭ މަގާމުން ވަކިވުމުންނެވެ. ސައުތުގޭޓް ވަގުތީ ގޮތުން އިންގްލެންޑާ ހަވާލުވީ އެ ޓީމު ކޯޗުކަމުން ސޭމް އެެލަޑައިސް މަގާމުން އިސްތިއުފާ ދިނުމުންނެވެ.
ސައުތުގޭޓްގެ ކޯޗުކަމުގައި އިންގްލެންޑް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ވަނީ މޮޅުވެފަ އެވެ. އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ. ލޮޕެޓެގީ ބުނީ ސައުތުގޭޓަކީ މޮޅު ކޯޗެއް ކަމަށާއި އޭނާ އަށް ދާއިމީ އެއްބަސްވުމެއް ދިނުމަކީ ރަނގަޅު ނިންމުމަކަށް ވާނެ ކަމަށެވެ.
"ސައުތުގޭޓަކީ މޮޅު ކޯޗެއް. ތަޖުރިބާކާރު ކުޅުންތެރިޔެއް. އޭނާ ވަނީ އިންގްލެންޑް ޔޫތު ޓީމު ގޮވައިގެން ރަނގަޅު ނަތީޖާތަކެއް ނެރެފައި. ސީނިއާ ޓީމުން އޭނާ އަށް ދާއިމީ އެއްބަސްވުމެއް ދީފިނަމަ ތަފާތު ދައްކާނެ،" ލޮޕެޓެގީ ބުންޏެވެ.
ސައުތުގޭޓް ވަނީ އޭނާ އިންގްލެންޑުގެ ކޯޗެއްގެ ގޮތުގައި އޭނާގެ މަގާމާ މެދު ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭ ގޮތެއް ނިންމުމަށް އިންގްލެންޑް އެފްއޭ އަށް އަންގައިފަ އެވެ. އެއީ ސީނިއާ ޓީމުން ފުރުސަތު ނެތްނަމަ 21 އަހަރުން ދަށުގެ ޓީމާ އަލުން ހަވާލުވެ އަންނަ އަހަރުގެ 21 އަހަރުން ދަށުގެ ޔޫރޯ އަށް ތައްޔާރުވުމަށެވެ.
އިންގްލެންޑާ ދެކޮޅަށް މިރޭ ކުޅޭ މެޗުގައި އަނިޔާގެ ސަބަބުން ސްޕެއިނުގެ ސާޖިއޯ ރާމޮސް، ޖެރާޑް ޕީކޭ، އަންދްރެސް އިނިއެސްޓާ އަދި ޖޯޑީ އަލްބާ އަށް ނުކުޅެވޭނެ އެވެ. އަދި އަނިޔާގެ ސަބަބުން އިންގްލެންޑްގެ ވޭން ރޫނީ އަށް ނުކުޅެވޭއިރު ޓީމުގެ ކެޕްޓަންކަން ކުރާނީ ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން އެވެ.
އިންގްލެންޑާއި ސްޕެއިން ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 1 ޖަހާއިރު އެވެ.