06 އެޕްރީލް 2021 - 12:35

ރާއްޖޭން ބޭރަށް ދާން ބޭނުންވާ މީހުން، ދެ ވަނަ ޑޯޒް ޖަހައި، ވެކްސިން ފުރިހަމަ ކުރުމަށް ދިއުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދެފި އެވެ.
މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މާލޭގައި އަންނަނީ، ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ދެމުންނެވެ.
އެޗްޕީއޭ އިން މިއަދު ބުނީ ރާއްޖޭން ބޭރަށް ދާން ބޭނުންވާ މީހުން، ފުރަތަމަ ވެކްސިން ޖެހިިތާ އަށް ހަފުތާ ވެއްޖެ ނަމަ، ދެ ވަނަ ޑޯސް ޖަހައިގެން ފުރުމަށެވެ. އަދި ވެކްސިންގެ އަސަރު އެންމެ ބޮޑަށް ކުރާނީ، ފުރަތަމަ ޑޯސް ޖެހިތާ އަށް ހަފުތާ ނުވަތަ 12 ހަފުތާ ފަހުން، ދެ ވަނަ ޑޯޒް ޖެހުމުން ކަމުން، ދަތުރުކުރާ މީހުން އެކަމަށް ވިސްނައިގެން ޕްލޭންތައް ހެދުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެ އެވެ.
ހާއްސަކޮށް، ފުރަތަމަ ޑޯޒް ޖެހިތާ 12 ހަފުތާ ވާންވާއިރަށް އަނބުރާ ނާދެވޭ މީހުން، ވެކްސިން ފުރިހަމަ ކުރުމަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.
ތައުލީމް ހާސިލް ކުރުމަށް ނުވަތަ ބޭސް ފަރުވާ ބޭރަށް ދާ މީހުން ވެކްސިން ޖަހަން ދާއިރު ޔުނިވަސިޓީގައި އެންރޯލްވެފައިވާ ކަމުގެ ލިޔުމެއް ނުވަތަ ބޭސްފަރުވާގެ ލިޔެ ކިޔުމެއް ގެންދަން ޖެހެ އެވެ.
ރާއްޖޭގައި މިހާތަނަށް، 251،139 މީހުން ވަނީ ވެކްސިން ޖަހައިފަ އެވެ. އަދި 5،753 މީހުން ވަނީ ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހައިފަ އެވެ.