ކޮވިޑް-19: ވިލުފުށިން މީހަކު ޕޮޒިޓިވްވެ، ރަށަށް އަރައިފޭބުން މަނާކޮށްފި
ކޮވިޑް-19: ވިލުފުށިން މީހަކު ޕޮޒިޓިވްވެ، ރަށަށް އަރައިފޭބުން މަނާކޮށްފި

ތ. ވިލުފުށިން ރޯގާގެ އަލާމާތެއް ހުރެގެން ޑޮކްޓަރަށް ދައްކަން ދިޔަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، އެ ރަށަށް އަރައިފޭބުން އެޗްޕީއޭ އިން މަނާކޮށްފި އެވެ.

އެ ރަށުގައި ހޯމްް ކަރަންޓީނުގައި ތިބި ބައެއް މީހުން މީގެ ކުރިން ކޮވިޑަށް ޕޮޒިޓިވް ވެފައިވީ ނަމަވެސް މިއީ މިގޮތަށް ހުމުގެ އަލާމާތް ހުރެގެން ދައްކަން ދިޔަ މީހަކު އެ ބައްޔަށް ޕޮޒިޓިވްވެ، ރަށަށް އަރައިފޭބުން މަނާކުރި ފުރަތަމަ ފަހަރެވެ.

ވިލުފުށީ ކައުންސިލްގެ މެމްބަރު އުމަރު ޒާމިރު "މިހާރު" އަށް މިއަދު ވިދާޅުވީ ރޯގާގެ އަލާމާތް ހުރެގެން އިއްޔެ ހަވީރު ޑޮކްޓަރަށް ދައްކަން ދިޔަ އަންހެނެއްގެ ސާމްޕަލް ނަގައި، ރޭ ނަތީޖާ ލިބުނުއިރު އޭނާ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެހެންވެ، ރަށަށް އަރައިފޭބުން މަނާކޮށް، އޭނާއާ ކޮންޓެކްޓްވި މީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އުމަރު ވިދާޅުވި އެވެ. މިހާތަނަށް 39 ސާމްޕަލެއް ނަގާފައިވެ އެވެ.

ކޮވިޑަށް މީހުން ޕޮޒިޓިވް ވެފައިވާތީ މިވަގުތު 18 ރަށަކަށް އަރައިފޭބުން މަނާކޮށްފައި އޮތްއިރު ރަށްރަށުގައި 900 އަށް ވުރެ ގިނަ އެކްޓިވް ކޭސް އެބަ އުޅެ އެވެ. ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިންް ބުނާގޮތުގައި މިއީ މިހާތަނަށް ރަށްރަށުގައި އެކްޓިވް ކޭސް އެންމެ ގިނަ ދުވަސްވަރެވެ.