ފަހު ވަގުތު މޮޅުވެ، ބާސާ ދެވަނަ އަށް
ފަހު ވަގުތު މޮޅުވެ، ބާސާ ދެވަނަ އަށް

މެޑްރިޑް (6 އޭޕްރީލް) - މެޗުގެ ފަހު މިނިޓުގައި ފްރާންސްގެ ވިންގާ އުސްމާނޭ ޑެމްބެލޭ ޖެހި ލަނޑާއެކު، ރެއާލް ވަޔަޑޮލިޑް އަތުން 1-0 އިން މޮޅުވެ، ބާސެލޯނާ ތާވަލްގެ ދެވަނަ އަށް ޖެހިލައިފަ އެވެ.

މި މެޗުގެ ނަތީޖާއާއެކު ބާސާ ދެވަނަ އަށް ޖެހިލައި، ތާވަލްގެ އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާދެމެދު އޮތް ފަރަގު ވަނީ އެއް ޕޮއިންޓަށް ކުޑަވެފަ އެވެ.

މެޗުގައި ބާސާ ހިފެހެއްޓުމަށް ވަޔަޑޮލިޑް އިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، އެ ޓީމަށް މައްސަލަތަކެއް ދިމާވީ މެޗުގެ 79 ވަނަ މިނިޓުގައި އެ ޓީމުގެ އޮސްކާ ޕްލާނޯ އަށް ދެއްކި ރަތްކާޑާއެކު އެެވެ.

ބާސާ މޮޅުވި ލަނޑު ޑެމްބޭލޭ ކާމިޔާބުކުރީ މެޗުގެ ފަހު މިނިޓުގެ ތެރޭގަ އެވެ.

މި މެޗުގެ ނަތީޖާއާއެކު، ސްޕެނިޝް ލީގުގެ ވާދަވެރިކަން ވަނީ ބޮޑުވެފަ އެވެ. މީގެ ދެ މަސް ދުވަސްކުރިން އެތުލެޓިކޯ އާއި ބާސާއާދެމެދު 10 ޕޮއިންޓްގެ ފަރަގެއް އޮތް ނަމަވެސް، އެތުލެޓިކޯ އިން ފަހަކަށް އައިސް ނެރިފައިވާ ނަތީޖާތަކާއެކު އެ ޓީމުގެ ލީޑު ވަނީ ކުޑަވެފަ އެވެ.

ލީގުގެ ތިން ވަނައިގައި އޮތް ރެއާލް މެޑްރިޑާއި ބާސާ ހޮނިހިރު ދުވަހު ކުރިމަތިލާނެ އެވެ. އަދި އަންނަ މަހު ބާސާ އާއި އެތުލެޓިކޯ ބައްދަލުކުރާ މެޗު ވެސް ކުރިއަށް އެބައޮތެވެ. އެހެންކަމުން، ލީގު ހޯދުމުގެ ރޭހުގައި ބާސާ އަށް ކުރިއަށް އޮތީ މުހިންމު މެޗުތަކެކެވެ.