07 އެޕްރީލް 2021 - 09:26

އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ރައީސް މުހައްމަދު ނަޝީދު ވަނީ ކޮންމެ ރަށެއްގައި ވެސް ކައުންސިލަރުންތަކެއް އައްޔަންކުރައްވާފަ އެވެ. އެގޮތުން އަލީ ޝާހިދަކީ ރ. ކައުންސިލަރުގެ މަގާމެއްގައި ރ. އަލިފުށީގައި ހިދުމަތްކުރެއްވި ފުރަތަމަ ބޭފުޅެވެ. ދެން އޭނާ ކުރިމަތިލެއްވީ ރާއްޖޭގައި 2011 ގައި ބޭއްވި ފުރަތަމަ ލޯކަލް ކައުންސިލް އިންތިހާބަށެވެ. އެ އިންތިހާބު ކާމިޔާބުކުރައްވައި، އަލިފުށީގެ ކައުންސިލުން ޖާގަ ހޯއްދެވި އެވެ.
އަންނަ ހޮނިހިރުދުވަހު ރާއްޖޭގައި ބާއްވާ ކައުންސިިލް އިންތިހާބުގައި ރ. އަތޮޅު ކައުންސިލްގެ ރައީސްގެ ގޮނޑިއަށް ޝާހިދު ވާދަކުރައްވާ އިރު އެ މަގާމުގައި މިހާރު ވެސް ހުންނެވީ އޭނާ އެވެ. އެހެންކަމުން މިއީ މިދިއަ 10 ވަރަކަށް އަހަރު ރަށަށާއި އަތޮޅަށް އޭނާ ކުރެއްވި ހިދުމަތްތައް ކުރިއަށް ގެންދަވަން ފުރުސަތު ހޯއްދެވުމުގެ ރޭހެކެވެ.
ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ 10 އަހަރުގެ ތަޖުރިބާ ޝާހިދުގެ އެބަ ހުއްޓެވެ. ކައުންސިލްގެ ރައީސްކަމަށް އޭނާ މި ފަހަރު ވާދަކުރައްވަނީ ކައުންސިލްތަކަށް ގާނޫނީ ގޮތުން ލިބިފައިވާ އާ ބާރުތަކާ އެކު އަތޮޅަށް ބޮޑު ބަދަލެއް ގެންނެވޭނެކަމުގެ އުއްމީދުގަ އެވެ. އޭނާ ވިދާޅުވަނީ ވެސް "ލީޑަޝިޕް ދައްކައި މައްސަލަތަކަށް ހައްލު ހޯދައިދޭނެ" ކަމަށެވެ.
ރ. އަލިފުއްޓަށް އުފަން ޝާހިދަކީ އެމްޑީޕީ އުފެދުނީއްސުރެ ކަހަލަ ގޮތަކަށް އެ ޕާޓީގެ މެމްބަރެކެވެ.
"އަތޮޅުގައި ކުރިއަށް ރޭވިގެންދާ ކަންކަމުގައި ހުރި ގޮންޖެހުންތަކާއި އެ ކަންކަން އެންމެ ފަސޭހައިން ހައްލުވެގެން ދާނީ ޓީމެއް ގޮވައިގެން އަޅުގަނޑު މަސައްކަތްކޮށްގެން ކަމަށް ދެކޭތީ އަޅުގަނޑު މި ފަހަރު މި ކުރިމަތިލީ،" އޮޑިދޯނި ފަހަރުކުރެހުމުން ޑިޕްލޮމާ ހާސިލްކުރައްވައި އަދި އެ ދާއިރާއަށް އެތައް ޒުވާނުންނެއް ނެރެދެއްވާފއިވާ ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ބާރެއް ނެތި ވެސް މިދިއަ ދުވަސްތަކުގައި ވަރަށް ގިނަ މަސައްކަތް ކުރެވިއްޖެ ކަމަށެވެ. އަދި އާ ބާރުތަކާ އެކު ކައުންސިލްތައް އުފެދޭ އިރު އެހެން މީހުން ގޮވައިގެން އުޅުއްވާށާއި ކަންކަން ތަންފީޒްކުރައްވަން އޭނާގެ ތަޖުރިބާ ހުރި ކަމަށް ވެސް ވިދާޅުވި އެވެ.
މީހުން ދިރިއުޅޭ 15 ރަށުގައި 23،000 މީހުންގެ އާބާދީއާ އެކު ރ. އަތޮޅަކީ ރާއްޖޭގެ ހަތަރު ވަނައަށް އެންމެ ބޮޑު އަތޮޅެވެ. އެހެންކަމުން ރ. އަތޮޅު ކައުންސިލް ވާނީ ރާއްޖޭގެ ނިސްބަތުން ޒިންމާ ބޮޑު އަދި ގިނަ މަސައްކަތްތަކެއް ވެސް ކުރަން ޖެހޭ ތަނަކަށެވެ. ރަށާއި އަތޮޅު ކައުންސިލްގައި މިދިއަ 10 އަހަރު މަސައްކަތްކުރައްވާފައި ވާތީ، ޝާހިދު ވިދާޅުވަނީ، މިދިއަ ދުވަސްތަކުގައި ކުރިމަތިވި ގޮންޖެހުންތަކަކީ ވެސް ކުރިއަށް ކަންކަން ރާވާން ލިބިވަޑައިގެންނެވި ތަޖުރިބާއެއް ކަމަށެވެ.
"އެންމެ ބޮޑު ގޮންޖެހުމަކީ ގާނޫނުގައި ލިޔެވިފައި ހުންނަ ބާރު ދޫކުރެވިފައި ނެތީމަ. ލިބިފައި ހުރި އާމްދަނީއެއް ބޭނުންކުރަން ވެސް ގާނޫނީ ބާރުވެރިކަން ނެތީމާ،" ޝާހިދު ވިދާޅުވި އެވެ.
"މައި ސަރުކާރުން ހަގީގަތުގައި ކުރިން ވެސް އޮންނަނީ ގާނޫނީ ބާރު ލިޔުމުން ދޫކޮށްފައި. އެކަމަކު އެއްވެސް ސަރުކާރަކުން ވޭތުވެދިޔަ ތަނުގައި އަސްލު ހަގީގަތުގައި ބާރެއް ދޫކޮށްލާފައެއް ނެތް. އެއީ އެންމެ ބޮޑު ގޮންޖެހުމަކީ."
އެކަމަކު އޭނާ ގަބޫލުކުރައްވަނީ މިފަހަރު ތަފާތު ކަމަށެވެ. އަދި އިންތިހާބު ވެވަޑައިގެންފި ނަމަ އެ ތަފާާތު ރައްޔިތުންނަށް ވެސް ދައްކަވާނެ ކަމަށް ވިދާޅުވި އެވެ.
މިއީ ކައުންސިލް އިންތިހާބުގެ ކެންޑިޑޭޓުންނަށް "މިހާރު" އިން ހާއްސަކުރި ޕެކޭޖެއްގައި ހިމެނޭ ކޮންޓެންޓްގެ ބައެކެވެ.