އުމުރުން 91، ފުލުހުންގެ ހިދުމަތާ ވަކިވުމެއް ނެތް
އުމުރުން 91، ފުލުހުންގެ ހިދުމަތާ ވަކިވުމެއް ނެތް

މީހާގެ އުމުރަކީ ހަމަ ނަމްބަރެއްކަން ސާބިތުކޮށް ދެނީ އެލްސީ "ބަކްޝޮޓް" ސުމިތު ކަހަލަ ހިތްވަރުގަދަ މީހުންނެވެ. އޭނާ އަށް އަންނަ މަހު 92 އަހަރު ފުރޭނެ އެވެ. މިއީ އެމެރިކާގެ ފުލުހެކެވެ. އުމުރުން ކިތަންމެ ދުވަހެއް ވިޔަސް ޔުނިފޯމު ބާލައި ރިޓަޔާ ކުރުމުގެ ވިސްނުމެއް އަދިވެސް ނެތެވެ.

އޭނާގެ އުމުރު ގަރުނަކާ ގާތް ކުރިޔަސް ބަކްޝޮޓް ފެންނަނީ ނުލާހިކު ސްމާޓްކޮށެވެ. ފުލުހުންގެ ޔުނިފޯމްގައި އޭނާ ހުންނަ އިރު ބަލާ މީހަކަށް އެއީ ހަގީގަތުގައި 91 އަހަރުގެ މީހެއް ކަމަށް ގަބޫލުކުރަން ވެސް ދަތިވާނެ އެވެ. އެހާ ފިޓްކޮށް، ހަރަކާތްތެރިކޮށް، ބަކްޝޮޓަކީ ޑިއުޓީ ނަގަމުން އަންނަ ނަމޫނާ ފުލުހެކެވެ.

އާކަންސަންސްގެ ކުޑަ އަވަށެއް ކަމަށްވާ ކޭމްޑެން އަށް ނިސްބަތްވާ ބަކްޝޮޓް މަސައްކަތްކުރަނީ އާކަންސަސް ޝެރިފްގަ އެވެ. އޭނާ މިހާރު ފުލުހުންގެ ތެރޭގައި މަސައްކަތް ކުރާތާ 56 އަހަރުވެފައިވާ އިރު މީގެ ކުރިން ރިޓަޔާކުރި އެވެ. އެއީ 46 އަހަރުގެ ހިދުމަތަށް ފަހު އެވެ. އޭރު ބަކްޝޮޓަކީ ފުލުހުންގެ ޑެޕިއުޓީއެކެވެ. އެކަމަކު ރިޓަޔާ ކުރިޔަސް މަސްތަކެއް ފަހުން އޭނާ އަށް ގޭގައި މަޑަކުން ހުރެވޭ ކަމަކަށް ނުވި އެވެ. މަސައްކަތް މަތިން މާ ބޮޑަށް ހަނދާންވެ، ކަމެއް ނެތި ގޭގައި ހުންނަން ޖެހުމުން އުނދަގޫވެ، އަލުން ފުލުހުންގެ ހިދުމަތަށް ނުކުތީ އެވެ. މި ފަހަރު އާ އާ އަޒުމަކާ ވެސް އެކީގަ އެވެ.

"ފުރާނަ ހުއްޓަކާ ދެނެއް ރިޓަޔާއެއް ނުކުރާނަން. އެންމެ ފަހު ނޭވާއާ ހަމައަށް ވެސް ފުލުހުންގެ ހިދުމަތުގައި ހަރަކާތްތެރިކޮށް ދެމިހުންނަން ބޭނުން ވަނީ." ބަކްޝޮޓް ބުންޏެވެ.

އުމުރުން ވަރަށް ދުވަސްވީ އޮފިސަރަކަށް ވާތީ އާކަންސަސްގެ ޝެރިފުން އަށް އޭނާގެ މަސައްކަތުގެ ތާވަލު ވެސް އޮންނަނީ ލުއިކޮށް ދީފަ އެވެ. އެއީ ހަފުތާގެ ތިން ދުވަހު ޑިއުޓީ އަށް ނުކުންނަ ގޮތަށެވެ. އެ ދުވަސްތަކުގައި ބަކްޝޮޓް ވަގުތު ހޭދަކުރަނީ ފައްޅީގެ އަޅުކަމާއި ބައިވެރިޔާއާ އެކީގަ އެވެ.

ބަކްޝޮޓާ ބެހޭ ގޮތުން އާކަންސަސް ފުލުހުންގެ ތަރުޖަމާނު ޑާނާ ވެދަބީ ވިދާޅުވި ގޮތުގައި ކޭމްޑެންގެ ފުލުހުންގެ ހިދުމަތުގައި ދެމިހުރުމަކީ ލިބޭ ވަރަށް ބޮޑު ފަސޭހައެކެވެ. ސަބަބަކީ މުޅި އަވަށް އޭނާ ހިތުދަސްވުމާއި އެ އަވަށުގައި ބަކްޝޮޓް ނުދަންނަ މީހަކު ވެސް ނެތުމެވެ.

"އޭގެ ސަބަބުން ހަގީގަތުގައި ކުށްތައް މަދުކޮށް ގާނޫނު ތަންފީޒުކުރަން ވަރަށް ބޮޑު އެހީއަކަށްވޭ. ކޭމްޑެންއާ ބެހޭ އެއްވެސް މައުލޫމާތެއް ސާފުކުރަންވެއްޖެ ނަމަ އެކަން ކޮށްދޭނެ މީހަކީ އަހަރެމެންގެ ފަހުރުވެރި ދުވަސްވީ އޮފިސަރު،" ޑާނާ ވިދާޅުވި އެވެ.

ބަކްޝޮޓް މަސައްކަތްކުރާ ޑިޕާޓްމަންޓްގެ ޓްރެއިނިން ކޯޑިނޭޓަރު ޓެޒާން ޝެޑެން ވެސް ވިދާޅުވި ގޮތުގައި އެއީ އަކީ މަސައްކަތުގެ "އަހުލާގު ވަރަށް ރަނގަޅު، ކަމަށް ކަމޭހިތާ ޑެޑިކޭޓެޑް އޮފިސަރެ" ކެވެ.

"އަނެއްކާ މީހުންނާ އެހާ ގުޅޭ މީހެއް އެއީ. ބަކްޝޮޓްގެ އެންމެ ފާހަގަކޮށްލެވޭ ސިފަ އަކީ ވަރަށް ހަރަކާތްތެރިކޮށް އަބަދު ވެސް އުޅުން. ނުފެންނާނެ އޭނަ ތަނެއްގައި މަޑުން ހުއްޓައެއް. ކޮންމެވެސް ކަމެއްގެ ތެރޭގައި އުޅޭ ތަން އަބަދު ވެސް ފެންނާނީ،" އޭނާ ވިދާޅުވި އެވެ.

"މަސައްކަތުގެ އަހުލާގު ފުރިހަމަ. އަދި ގާނޫނުތަކަށް ވެސް އެހާމެ ފަރިތަ އޮފިސަރެއް އެއީ. ބަކްޝޮޓް ދައްކާ ހިތްވަރަކީ އަހަރެމެންނަށް ވެސް ލިބޭ އިތުރު ހިތްވަރެއް."