06 އެޕްރީލް 2021 - 12:06

"ތިބޭފުޅުން ތި ވިދާޅުވަނީ ޓްރާންސްޕޯޓް އޮތޯރިޓީ އުވާލަނީއޭ. އެކަމަކު އެތާނގައި ތިބި ހުރިހާ މުވައްޒަފުން މިދަނީ މިނިސްޓްްރީގެ ދަށަށް. އޭރުން އެ ޖެހުނީ ހަމަ އެއްތާކު. އަޅުގަނޑުމެން ބޭނުން ވަނީ އޮތޯރިޓީގައި ތިބި މީހުން ބޭރުކުރަން. އެންމެން އެތަނުން ބޭރުކިުރަން. އެ މީހުންނަކަށް މިކަމެއް ނުވާނެ،" މަޖިލީހުގެ އިގްތިސާދީ ކޮމެޓީގައި އިއްޔެ، ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާގެ ރައީސް އަބްދުﷲ އިބްރާހިމް ޝަކުވާތައް އޮއްސާލެއްވި އެވެ.

"ދުވަހަކު ވެސް އެ މީހުން އެ ވާހަކަ ދައްކާ ގޮތަކަށް ކަމެއް ނުނިމޭނެ."

ޓެކްސީ ޑްރައިވަރުންގެ ވަރަށް ގިނަ މައްސަލަތައް އެބަހުއްޓެވެ. އިގްތިސާދީ ކޮމެޓީގައި އިއްޔެ އެ ޖަމިއްޔާގެ މެމްބަރުން އެ ޝަކުވާތައް ކުރި އެވެ. އެ މީހުންގެ ބޮޑު މައްސަލައެއް އޮތީ، ޓްރާންސްޕޯޓް އޮތޯރިޓީ އާއި މިނިސްޓްރީއާ ދެމެދު އެވެ.
"ޓްރާންސްޕޯޓަށް އަޅުގަނޑުމެން ލައިފައި ހުރި ސިޓީތަކާއި ރައްޔިތުންގެ މަޖިލީހަށް ލައިފައި ހުރި ސިޓީތައް އެބަހުރި. އަދި ނަހުލާ [ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ] އަށް ލައިފައި އެބަހުރި. މިއިން ސިޓީއެއްގެ ޖަވާބެއް ނުލިބޭ،" އަބްދުﷲ ވިދާޅުވި އެވެ.
ޑްރައިވަރުންގެ ޖަމިއްޔާ އިން ފާހަގަކުރި އެއް މައްސަލައަކީ ކުރިއަށް އޮތް މޭ މަހުގެ ކުރިން ހުރިހާ ޓެކްސީއެއްގެ ފަހަތު ދޮރުފަތުގެ ބިއްލޫރި ހުދު ކުރުމެވެ. މިދިޔަ ޑިސެމްބަރު މަހު ޓްރާންސްޕޯޓުން ވަނީ، ހަ މަސް ތެރޭގައި އެކަން ނުކުރާ ޓެކްސީތައް 750ރ. އިން ޖޫރިމަނާކޮށް ކާރު ޓޯކުރާނެ ކަމަށް އިއުލާން ކޮށްފަ އެވެ. ގަވައިދުގައި ބުނެފައިވާ ގޮތުން ޓެކްސީ އޮންނަން ޖެހޭނީ މަގުގެ އަރިމަތީގައި ހުންނަ މީހާ އަށް ކާރުގެ އެތެރޭގައި އިންނަ މީހާ ފެންނަ ގޮތަށެވެ. މިއީ، ޑްރައިވަރުންގެ އެއް ކަންބޮޑުވުމެވެ.
"ޓްރާންސްޕޯޓުން އެ އޮތީ އަންގައިފައި ހުރިހާ ކާރެއްގެ ބިއްލޫރި ބަދަލުކުރަން. ދުނިޔޭގެ ކޮންތާކުންތޯ މިސާލަކަށް އަކުއާ ބްރޭންޑުގެ ކާރެއްގެ ބިއްލޫރި ހޯދަނީ. އެ ކުންފުންޏަކުން ހުދު ބިއްލޫރިއެއް ނުވެސް ހަދާ. ކުރީގެ ސުޒުކީ ބްރޭންޑްގެ ބިއްލޫރި އެއީ އެ ކުންފުނިން ހަދާ އެއްޗެއް ނޫން. ދެން އަޅުގަނޑުމެން ޕްލާސްޓިކުން ބިއްލޫރިގަނޑު ހަދައިގެން ހަރުކުރަންވީތޯ،" ކެބް އެމްވީގެ ފަރާތުން ވާހަކަ ދެއްކެވި އަބްދުލްހަސީބު ވިދާޅުވި އެވެ.
"ތިން ބިއްލޫރި ގަންނަން އެބަ ހޭދަވޭ 60،000 ރުފިޔާ. ކާރެއް މި ލިބެނީ ތިން ހަތަރު ލައްކަ އަށް. އޭގެ ބިއްލޫރި އޯޑަރަށް ހަދައިގެން ހަރުކުރަންޏާ އެހާ ގިނަ ފައިސާ އެބަދޭ."
އޭނާ ވިދާޅުވި ގޮތުގައި ހުޅުމާލޭގައި ޓެކްސީ ރަޖިސްޓްރީ ކުރެވެނީ ހައިބްރިޑް ކާރަށް އެކަންޏެވެ. ޑްރައިވަރުން ބުނީ ހައިބްރިޑް އެއްވެސް ކާރަކީ ހުދު ބިއްލޫރި ޖަހައިގެން ވިއްކާ ކާރެއް ނޫން ކަމަށެވެ.
"އަނެއްކޮޅުން މި ބިއްލޫރިއެއްގެ މައްސަލަ މިއައީ ކޮންމެވެސް އަންހެން ކުއްޖެއްގެ ރޭޕް ކޭސްއަކާ ގުޅިގެން 2013ގައި. އެންމެ ޑްރައިވަރަކު ނުވަތަ ކާރެއްގައި ކުރާ ކަމެއްގެ ސަބަބުން މި އުނދަގޫ އެންމެންގެ މައްޗަށް އައިސްގެން ނުވާނެ. ހަގީގަތުގައި އަޅުގަނޑުމެންގެ ސޭފްޓީއެއް ވެސް ނެތް. ތޫނު އެއްޗެހިން ހަމަލާދީ ދެ ޑްރައިވަރުން ވެސް މަރާލައިފި،" އަބްދުﷲ ވިދާޅުވި އެވެ.
ޑްރައިވަރުންގެ އަނެއް މައްސަލައަކީ އަގުގެ މައްސަލަ އެވެ. މިހާރު އޮތް އަގުތަކަކީ މާލޭގައި ނަމަ ދަތުރެއް 25ރ. އަށެވެ. އެއާޕޯޓަށް 60ރ. އަދި މާލެ އިން ހުޅުމާލެ އަށް 75ރ. އަދި ހުޅުމާލޭގެ ދެވަނަ ފޭހަށް 90ރ. އެވެ. ޑްރައިވަރުން ބުނަނީ މި އަގުތަކަކީ ޓްރާންސްޕޯޓުން އެއްވެސް ބެލުމެއް ނެތި ހަދާފައިވާ އަގުތަކެއް ކަމަށެވެ.
"އަޅުގަނޑުމެން ގާތުގައި މަޝްވަރާ ކުރާނަމޭ ކިޔައިފައި އެއްވެސް މަޝްވަރާއެއް ނުކޮށް އެ މީހުން ބޭނުންވާ އަގެއް ޖަހައިފައި މިއޮތީ. އަޅުގަނޑު މި މައްސަލާގައި ސިވިލް ކޯޓަށް ވެސް ދިޔައިން. އެ ކޯޓުން ނިންމީ އެއީ އޮތޯރިޓީގެ ހައްގެއް ކަމަށް،" އަބްދުﷲ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އޭނާ އަށް ލިބިފައިވާ މައުލޫމާތުތަކުން ކޮވިޑްގެ ސަބަބުން 450 އަށް ވުރެ ގިނަ ޓެކްސީ ޑްރައިވަރުން މާލެ އިން ރަށަށް ވަނީ ބަދަލުވެފަ އެވެ. އަދި 140 އަށްވުރެ ގިނަ ޓެކްސީ އޮތީ މަރާމާތުކުރެވޭނެ ގޮތެއް ނެތިގެން މަގުމަތީގައި ބާއްވައިފަ އެވެ.
"އަޅުގަނޑު މި ދައްކަނީ 2000-3000 މީހުންގެ ދިރިއުޅުމާ ގުޅިފައިވާ އިންޑަސްޓްރީއެއްގެ ވާހަކަ އިނގޭތޯ. އަޅުގަނޑުމެން ހަގީގަތުގައި މިތިބީ ވަރަށް ހާލުގައި. އަގުތައް ރަނގަޅެއް ނޫން. މިސާލަކަށް އެއާޕޯޓަށް ދާ އަގު. އެއާޕޯޓަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ކޮމާޝަލް ހަބެއް. އަޅުގަނޑުމެން ހުށަހަޅާ އަގަކީ ދަތުރަކަށް 100ރ.،" އޭނާ ވިދާޅުވި އެވެ.
"ސީޓް ވައްޓާލައިގެން އެއްޗެހި އެރުވިޔަސް ހަމަ 60ރ. ދަތުރަކަށް،" އޭނާ ވިދާޅުވި އެވެ.
ޓެކްސީތަކުގެ އަގުގެ ވާހަކަތައް ފެންމަތިވާ އިރު އާންމުން ބުނާނެ ހަމައެކަނި ވާހަކައަކީ އެއީ ދުވަހަކު ވެސް ހިތް ފުރޭ ބައެއް ނޫނޭ އެވެ. ޓެކްސީ ޑްރައިވަރުން މަޖިލީހުގައި އިއްޔެ ދެއްކި ވާހަކަތަކާ ގުޅިގެން ބައެއް މެމްބަރުން ވެސް ވަނީ ބައެއް ޓެކްސީތަކާ ގުޅިގެން އާންމުންގެ ޝަކުވާތައް ހުރި ގޮތް ވިދާޅުވެފަ އެވެ.
މެމްބަރަކު ވިދާޅުވި ގޮތުގައި ޓެކްސީއަކަށް ގުޅައިގެން އަންނަ އިރު، ކުނި ވަހާއި ނުބައި ވަސް ދުވާ ބާ ކާރަކަށް އަރަން ޖެހޭ ފަހަރު ވެސް އެބަ އާދެ އެވެ. އެހެންވެ، ޑްރައިވަރުންގެ ފަރާތުން ހުރި މައްސަލަތައް ހައްލު ކުރާނީ ކިހިނެއްތޯ މެމްބަރު ސުވާލު ކުރެއްވި އެވެ. އެ ސުވާލާ އެކު ޖަމިއްޔާގެ ރައީސް ވަރަށް ހިތްހަމަނުޖެހުނެވެ.
"އަޅުގަނޑުމެންގެ ބޮލަށް ތިކަން ނުޖައްސަވާ. އެކަން ތިބޭފުޅުންނަށް [ރަނގަޅު] ނުކުރެއްވުނީމަ ދެން އޭގެ ޒިންމާ އަޅުގަނޑުމެން ނަގަން ޖެހޭ ގޮތަށް ނުހައްދަވާ. ތިހެން ނުވިދާޅުވޭ،" އަބްދުﷲ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މީގެ ކުރިން ފުލުހުން އަންނަނީ ކޮންމެ ދުވަހަކު 10 ޓެކްސީ ދަރުބާރުގެ ފުރަގަހަށް ގެންގޮސް ޗެކްކުރަމުންނެވެ. އަދި ފުލުހުން އެ ކާރުތައް ބަލައި ރަނގަޅު ކުރަން ހުރި ކަންކަން އައީ ރަނގަޅު ކުރަމުން ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވޮ ގޮތުގައި މިހާރު އެކަމެއް ނެތެވެ.
ޖަމިއްޔާގެ އެހެން މެމްބަރަކު ވިދާޅުވީ ކާރުތައް ބާވުމުގެ މައްސަލައަކީ ޑްރައިވަރުންގެ މައްސަލައެއް ނޫން ކަމަށެވެ. ކާރުތަކަށް ޓެކްސީ ހުއްދަ ދެނީ ރޯޑްވާދިނަސް އަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވީމަ ރޯޑްވާދިނަސްގެ ކަންކަން ހަރުދަނާ ކުރީމަ ރަނގަޅުވާނެ،" އޭނާ ވިދާޅުވި އެވެ.
ޓެކްސީ ދަތުރުތަކުގެ އަގުތަކާ މެދު ބައެއް ޑްރައިވަރުން ހިތްހަމަ ނުޖެހުނަސް، އާންމުން ދެކެނީ އެ އަގުތައް ބޮޑު ކަމަށެވެ. އަދި ދޭތެރެދޭތެރެ އިން އަގު ބަދަލުކޮށް ޑްރައިވަރުން ބޭނުންހާ ގޮތަކަށް ހަދަން ފުރުސަތު ދޭތީ މީގެ ކުރިން ވެސް އާންމުން ފާޑުކިޔާފައި ވެ އެވެ.
"ޑްރައިވަރަކު ޓެކްސީކޮށްގެން މަހެއްގެ މައްޗަށް މަދުވެގެން 30،000ރ. އެބަ ހޯދާ. އެއީ ދުވާލަކު އެންމެ އަށް ގަޑިއިރު ހޭދަކޮށްގެން. މި ވަރު ވެސް އަދިވެސް ކުޑަވެގެން އެ އުޅެނީ،" އާންމު މީހަކު އިއްޔެ "މިހާރު" އަށް ފޮނުވި ކޮމެންޓެއްގައި ވެ އެވެ.
އާންމުންގެ ދެކޭގޮތުގައި ޓެކްސީ ޑްރައިވަރުންގެ ޑިމާންޑްތަކަށް ސަރުކާރުން ކޮންމެ ފަހަރަކު ދީލާލާ އިރު އެ މީހުންގެ ފަރާތުން ކަންކަމެއް ރަނގަޅެއް ނުވެ އެވެ. ސެންޓަރުތަކަކަށް ނުވެއް ގުޅެ އެވެ. މަގުމަތިން ނުގަބޫލުގައި ވެސް މީހުން އަރުވަ އެވެ. ޓެކްސީ ފެހި ބޯޑުގައި ވެސް ގިނަ ފަހަރު ދަތުރުކޮށެއް ނުދެ އެވެ. ބަލާލުމެއް ނެތި ބޭނުން ތަނެއްގައި ކާރު މަޑުކޮށްގެން މަގު ޓްރެފިކް ކޮށްފާނެ އެވެ. ބާ ކާރުތައް ވެސް އެހާ ގިނަ އެވެ.
"މި މީހުންގެ ހިތެއް ދުވަހަކު ވެސް ނުފުރޭނެ. ދުވަހަކު ވެސް ތި މީހުން ބުނާ ހަމަ އަގެއް ނުދެވޭނެ،" އެކަކު ފާޅުކުރި ހިޔާލެއްގައި ވެ އެވެ.