ވިއެޓްނާމުގެ ކޮވިޑް ކޮންޓްރޯލް ކުރުމުގެ ފަހަތުގައިވާ ލީޑަރު ގައުމުގެ ރައީސް ކަމަށް
ވިއެޓްނާމުގެ ކޮވިޑް ކޮންޓްރޯލް ކުރުމުގެ ފަހަތުގައިވާ ލީޑަރު ގައުމުގެ ރައީސް ކަމަށް

ހެނޮއި (އެޕްރީލް 5) - ވިއެޓްނާމްގައި ކޮވިޑް ކޮންޓްރޯލް ކުރުމުގެ ފަހަތުގައިވާ އިސް ލީޑަރު އެ ގައުމުގެ ރައީސް ކަމުގެ މަގާމަށް ވަޑައިގެންފި އެވެ.

އުމުރުން 66 އަހަރުގެ ނުގެޔެން ޒުއާން މިއަދު ވަނީ ރައީސްކަމުގެ ހުވާ ކުރައްވައިފަ އެވެ. ވޭތުވެދިޔަ ފަސް އަހަރު ވިއެޓްނާމްގެ ބޮޑުވަޒީރުކަން ކުރެއްވި ޒުއާންގެ ޒައާމަތުގައި އެ ގައުމުގެ އިގްތިސާދަށް ވަނީ ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ. އެއަށް ވުރެ ބޮޑަށް ގައުމުގެ އެތެރެ އާއި ބޭރުން އޭނާ އަށް އެންމެ ބޮޑު މަގްބޫލްކަމެއް ލިބުނީ ކޮވިޑް ކޮންޓްރޯލް ކުރުމުގައި ވިއެޓްނާމުން ހޯދި ބޮޑު ކާމިޔާބީ އަށެވެ.

ނޭޝަނަލް އެސެމްބްލީގެ 500 މެންބަރުންގެ މެދުގައި މިއަދު ނެގި ސިއްރު ވޯޓު ޒުއާން ވަނީ ފަސޭހަކަމާ އެކު ކާމިޔާބު ކުރައްވައިފަ އެވެ. މިއީ ވިއެޓްނާމުގެ ރައީސްކަމުގެ މަގާމަށް ބޮޑުވަޒީރަކު ނޮމިނޭޓް ކުރި ފުރަތަމަ ފަހަރެވެ.

ވިއެޓްނާމުގެ ސަރުކާރު ހިންގަނީ ކޮމިއުނިސްޓް ޕާޓީގެ ޖެނެރަލް ސެކްރެޓަރީ އާއި ރައީސް އަދި ބޮޑު ވަޒީރެވެ. ބޮޑެތި ނިންމުންތައް ނިންމަނީ 18 މެންބަރުން ހިމެނޭ ޕޮލިޓްބިއުރޯ އިންނެވެ.

ވިއެޓްނާމުގެ ބޮޑުވަޒީރުގެ މަގާމަށް ޒުއާން ހަމަޖައްސަވާނެ ކަމަށް ބެލެވެނީ ކުރީގެ ޑެޕިއުޓީ މިނިސްޓަ އޮފް ޕަބްލިކް ސެކިއުރިޓީ މިން ޗިން، 62، އެވެ.

ވިއެޓްނާމުން ކޮރޯނާވައިރަހަށް މިހާތަނަށް ޕޮޒިޓިވްވެފައި ވަނީ 2,631 މީހުންނެވެ. އެ ގައުމުން މަރުވީ 35 މީހުންނެވެ.