އެމެރިކާ ލީގު ދޫކޮށްލަން ލަމްޕާޑް ނިންމައިފި
އެމެރިކާ ލީގު ދޫކޮށްލަން ލަމްޕާޑް ނިންމައިފި

ނިއު ޔޯކް (ނޮވެމްބަރު 15) – އެމެރިކާގެ މޭޖާ ލީގުގެ ނިއު ޔޯކް ސިޓީ ދޫކޮށްލަން ޗެލްސީ އާއި އިންގްލެންޑުގެ ކުރީގެ މިޑްފީލްޑަރު ފްރޭންކް ލަމްޕާޑް ނިންމައިފި އެވެ.

މި އަހަރު ނިމުމާ އެކު ލަމްޕާޑުގެ ކޮންޓްރެކްޓް ހަމަވާއިރު އޭނާ ކްލަބް ދޫކޮށްލާކަން އިއުލާންކުރީ އިންސްޓްގްރަމް އެކައުންޓް މެދުވެރިކޮށެވެ. ލަމްޕާޑް ބުނީ ކެރިއަރުގައި ދެން ދާނެ ދިމާލެއް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށެވެ.

ލަމްޕާޑް ދާދި ފަހުން ވަނީ ކޯޗިން އަށް ވަންނަން ބޭނުންވާ ކަމަށް ބުނެފަ އެވެ. ބެލެވޭ ގޮތުގައި ޗެލްސީން އޭނާ އަށް ކޯޗިން ރޯލެއް އޮފާކުރާނެ އެވެ.

އުމުރުން 38 އަހަރުގެ ލަމްޕާޑް ބުނީ ނިއު ޔޯކުގައި ހޭދަކުރި ދުވަސްތަކަކީ އުފާވެރި އަދި ހަނދާން ނައްތާލަން އުނދަގޫ ދުވަސްތަކެއް އެ ކްލަބަށް ކުޅެވުނީތީ ފަހުރުވެރިވާ ކަމަށެވެ.

ޗެލްސީ އަށް 14 އަހަރު ކުޅެދިނުމަށް ފަހު އޭނާ 2014 ވަނަ އަހަރު އެ ކްލަބް ދޫކޮށްލީ ކްލަބަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ގޮތުގަ އެވެ. އޭނާ ނިއު ޔޯކް ސިޓީ އަށް ސޮއިކުރުމަށް ފަހު އެންމެ ފުރަތަމަ ލޯނެއްގެ ދަށުން ކުޅުނީ އެ ކްލަބާ ގުޅުން އޮންނަ މެންޗެސްޓާ ސިޓީ އަށެވެ.

ލަމްޕާޑާ އެކު އިންގްލެންޑް ގައުމީ ޓީމަށް ކުޅުނު ސްޓީވަން ޖެރާޑް ވެސް އެމެރިކާ ދޫކޮށް ކުރީގެ ކްލަބް ލިވަޕޫލުގެ އެސިސްޓަންޓް ކޯޗުގެ މަގާމާ ހަވާލުވެދާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ. ޖެރާޑް ކުޅެމުން އަންނަ އެލްއޭ ގެލެކްސީއާ އެކު ހަދާފައިވާ ކޮންޓްރެކްޓް ވަނީ ހަމަވެފަ އެވެ.