05 އެޕްރީލް 2021 - 12:41

ގއ. މާމެންދޫގައި މަރާލި އަހުމަދު އުދައްޔުގެ މަރުގެ ދައުވާލިބޭ ތިން މީހުން 30 ދުވަހަށް ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
މިދިޔަ ފެބްރުއަރީ މަހު މާމެންދޫގައި ހިންގި މާރާމާރީއެއްގައިި އުމުރުން 17 އަހަރުގެ އުދައްޔުއަށް ހަމަލާދީ، މަރާލި މައްސަލާގައި ތިން މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުލަތުން ދައުވާ ކުރެ އެވެ. އެއީ ގއ. މާމެންދޫ، ރިހިފަރުދާގޭ އަހުމަދު ޝަމީމާއި އެރަށު ބިލަތްމާގޭ ޝަރަފް ރަޝީދުގެ އިތުރުން އެރަށު ގުލްފާމްގޭ، މުހައްމަދު މާޒިންގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް، ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާގެ އިތުރުން ނުރައްކާތެރި ހަތިޔާރެއް ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ ވެސް ކުރެ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވީ ދައުވާލިބޭ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމުގެ އަޑުއެހުމެކެވެ. ދައުލަތުން އެދުނީ އެ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށެވެ. އެހެން ނަމަވެސް އެ މައްސަލަ އަސްލު ބައްލަވާ ގާޒީ އިސްމާއިލް ރަޝީދު ޗުއްޓީގައި ހުންނެވުމުން، އެ މަޖިލިސްގައި މިއަދު އިންނެވި ގާޒީ ހުސައިން ފާއިޒް ރަޝާދު ނިންމެވީ ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ ބަދަލުގައި 30 ދުވަހަށް އެ މީހުން ބަންދު ކުރުމަށެވެ. އަދި މައްސަލަ ބައްލަވާ ގާޒީ ވަޑައިގަތުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމާ މެދު ފަހުން ގޮތެއް ނިންމުމަށެވެ.
އުދައްޔުގެ މަރާ ގުޅިގެން ކުޑަކުއްޖެއްގެ މައްޗަށް ވެސް ދައުލަތުން ޖުވެނައިލް ކޯޓުގައި ދައުވާ ކުރެ އެވެ. އެ ކުއްޖާގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާގެ އިތުރުން ނުރައްކާތެރި ހަތިިޔާރެއް ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ ވެސް ކުރެ އެވެ.