ސޮލްސަޔާގެ ތައުރީފް ގްރީންވުޑަށް
ސޮލްސަޔާގެ ތައުރީފް ގްރީންވުޑަށް

ލަންޑަން (5 އޭޕްރީލް) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރައިޓަން އަތުން ފަހަތުން އަރައި 2-1 އިން މެންޗެސްޓާ ޔުނައިޓަޑް މޮޅުވިއިރު، މެޗުގައި ޔުނައިޓަޑްގެ ދެވަނަ ލަނޑު ޖެހި މޭސަން ގްރީންވުޑަށް އެ ޓީމުގެ ކޯޗު އޮލޭ ގަނާ ސޮލްސަޔާ ވަނީ ތައުރީފްްކޮށްފަ އެވެ.

ޔުނައިޓަޑްގެ ދަނޑުގައި ކުޅުނު މެޗުގެ 13 ވަނަ މިނިޓުގައި ބްރައިޓަން އަށް ލީޑު ހޯދައިދިނީ ޔުނައިޓަޑްގެ ކުރީގެ ކުޅުންތެރިޔާ ޑެނީ ވެލްބެކެވެ.

މެޗުގެ 62 ވަނަ މިނިޓުގައި ޔުނަައިޓަޑުން މެޗުގެ ނަތީޖާ އެއްވަރުކުރީ މާކަސް ރަޝްފޯޑް ޖެހި ލަނޑުންނެވެ. އަދި ޔުނައިޓަޑުން ލީޑު ނެގީ 83 ވަނަ މިނިޓުގައި ގްރީންވުޑް ޖެހި ލަނޑުންނެވެ.

މިއީ މިދިޔަ އަހަރުގެ މޭ މަހުގެ ފަހުން ގްރީންވުޑް ލީގުގައި ޖެހި ފުރަތަމަ ލަނޑެވެ. އަދި މި ސީޒަންގައި އޭނާ 40 މެޗުން ޖެހި 6 ވަނަ ލަނޑެވެ.

މެޗަށް ފަހު ވާހަކަދައްކަމުން ސޮލްސަަޔާ ބުނީ މި ސީޒަންގައި ގްރީންވުޑްގެ ލަނޑުތައް މަދުވިޔަސް، އޭނާގެ ކުޅުމާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

"ފާއިތުވި މަސްތަކުގައި ގްރީންވުޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ. ދުވަހަކަށްވުރެ ދުވަހެއް އޭނާ ދަނީ އިމްޕްރޫވްކުރަމުން. ގްރީންވުޑްގެ ފަރާތުން އަދި ލަނޑުތަކެއް ފެންނާނެ. އެނާގެ މަސައްކަތް ވަރަށް ރަނގަޅު،" ސޮލްސަޔާ ބުންޏެވެ.

ސޮލްސަޔާ ބުނީ ބްރައިޓަން އަތުން މޮޅުވުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ.

"ބްރައިޓަންއާ ކުޅެން ވަރަށް އުނދަގޫވާނެ. އެއީ ވަރަށް ރަނގަޅު ޓީމެއް. އެކަމަކު މި މެޗުގެ ދެވަނަ ހާފުގައި އަހަރަމެންނަށް ނަތީޖާ އަނބުރާލާނެ ގޮތެއް ހޯދުނު،" ސޮލްސަޔާ ބުންޏެވެ.

އިނގިރޭސި ލީގުގައި އިއްޔެ ބާންލީ އަތުން 3-2 އިން ސައުތުހެމްޕްޓަން މޮޅުވިއިރު، ޓޮޓެންހަމް ހޮޓްސްޕާ އާއި ނިއުކާސަލް ޔުނައިޓަޑް ބައްދަލުކުރި މެޗު ނިމުނީ 3-3 އިން އެއްވަރުވެގެނެވެ. އަދި ފުލަމް އަތުން އެސްޓަން ވިލާ މޮޅުވީ 3-1 އިންނެވެ.