ނަސްލީ ފުރައްސާރައާ ގުޅިގެން ވެލެންސިއާ ދަނޑުން ފައިބައިފި
ނަސްލީ ފުރައްސާރައާ ގުޅިގެން ވެލެންސިއާ ދަނޑުން ފައިބައިފި

ސްޕޭންގެ ލަ ލީގާ މެޗެއްގައި ރޭ ކާޑިޒްގެ ކުޅުންތެރިޔަކު ވެލެންސިއާގެ ކަޅު ނަސްލުގެ މޮކްތާރު ޑަޔަހަބީއަށް ނަސްލީ ފުރައްސާރައިގެ ބަހެއް ބުނުމުން މުޅި ޓީމު އެކުގައި ދަނޑުން ފައިބައިފި އެވެ.

ވެލެންސިއާ 2-1 އިން ބަލިވި މި މެޗުގެ ފުރަތަމަ ހާފުގައި ޑައަހަބީއާ ދިމާއަށް ކާޑިޒްގެ ހުއާން ކާލާ އެއްޗެކޭ ބުނުމުން އޭނާ ވަނީ ރެފްރީއާ ވެސް ވާހަކަ ދައްކައިފަ އެވެ. އޭގެ ފަހުން މުޅި ޓީމު އެކުގައި ދަނޑުން ފޭބި އެވެ. ނަމަވެސް ފަހުން އަލުން ދަނޑަށް ނުކުމެ މެޗު ފުރިހަމަކުރި އެވެ.

ވެލެންސިއާ އިން ބުނި ގޮތުގައި ޑައަހަބީއާ ދިމާއަށް ބުނެފައި ވަނީ ނަސްލީ ފުރައްސާރައިގެ ބަސްތަކެކެވެ.

ޓީމު އަލުން ދަނޑަށް ނުކުންނަން ކުޅުންތެރިންގެ ކިބައިން އެދުނީ ޑައަހަބީ އެވެ. އެކަމަކު އޭނާ އިތުރަށް ކުޅެން ބޭނުންވާތީ ބަދަލުކުރީ އެވެ.

ވެލެންސިއާގެ ދިފާއީ ކުޅުންތެރިޔާ ހޯސޭ ގާޔާ ބުނި ގޮތުގައި ޑައަހަބީއަށް ދިމާވި މަލާމާތުގެ ހަމަލާ މުޅި ޓީމު އެކުގައި ނެގި އެވެ. މެޗު ފުރިހަމަ ނުކޮށްފި ނަމަ ޕޮއިންޓް އުނިކުރުމުގެ ފުރުސަތު އޮތަސް، ކުޅުންތެރިން ތިބީ ޑައަހަބީ ބޭނުންވާ ގޮތަކަށް އަމަލްކުރަން ތައްޔާރަށް ކަމަށް ވެސް އޭނާ ބުންޏެވެ.

"ޑައަަހަބީ އަހަރެމެންގެ ކިބައިން އެދުނީ ކުޅުން ކުރިއަށް ގެންދަން. އޭނާ އެގޮތަށް ނުބުނި ނަމަ އަހަރެމެން ވެސް އެހެން ނުހެދީސް. އޭނާ ބުނީ އިތުރަށް ކުޅެވޭ ވަރުގެ ވިސްނުމެއް ނެތް ކަމަށް. އޭނާއަށް ވަރަށް އަސަރުކޮށްފައި ހުރީ،" ގާޔާ ބުންޏެވެ.

މި ހާދިސާ ދިމާވި އިރު ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފަ އެވެ.

ފަހު ހާފުގައި ކާލާ ވެސް ބޭލި އެވެ. ކާޑިޒް މޮޅުވި ލަނޑު މާކޮސް މައުރޯ ޖެހީ މެޗު ނިމެން ދެ މިނިޓަށް ވެފައި އޮއްވަ އެވެ.